ރާއްޖޭގައި މިހާރު ކުރިއަށްދާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅެ ބަލިވުމުގެ މައިގަނޑު ސަބަބަކީ، ކުޅުންތެރިންނަށް ބޭނުންވާ މިންވަރަށް ބައިނަލްއަގްވާމީ، ވާދަވެރި މެޗުތަކުގެ ތަޖުރިބާ ލިބިފައި ނެތުންކަމަށް ޕާކިސްތާނުގެ ކޯޗު ޝަހްޒާދު އަންވަރު ބުނެފިއެވެ.
ބަންގްލަދޭޝް އާ ދެކޮޅަށް ކުޅެ މި މެޗުން ޕާކިސްތާން ބަލިވީ 0-2 ގެ ނަތީޖާއަކުންނެވެ.
ޑިފެންސިވް ވިސްނުމެއްގައި، ކައުންޓަރ އެޓޭކުތަކުގައި ކުރިއަށް ޖެހިގެން މުޅި މެޗުގައި ހެން ކުޅެމުންދިޔަ ޕާކިސްތާން ޓީމު ކޮޅަށް މެޗުގައި ދެ ލަނޑު ވެސް ވަދެފައި ވަނީ ދެވަނަ ހާފުގައެވެ.
ޓީމުގެ ފަރާތުން މޮޅަށް ކުޅުނުތަން ފެނުނު ނަމަވެސް، ބަލިވި މައިގަނޑު ސަބަބަކީ ކޮބައިތޯ އަހައި "ޕީއެސްއެމް ނިއުސް" އިން ކުރި ސުވާލަށް ޖަވާބުދެމުން ކޯޗު ޝަހްޒާދު ބުނީ، ބަލިވީ ތަޖުރިބާ ނެތުމުން ކަމަށެވެ.
"(ބަލިވި) މައިގަނޑު ސަބަބެއްކަމަށް އަހަރެން ގަބޫލުކުރަނީ ތަޖުރިބާ ނެތުން. ބައެއް ކުޅުންތެރިން އެބަހުރި ޓީމުގައި (ވާދަވެރި) ފުރަތަމަ މެޗާ ކުރިމަތިލީ ކުޅުންތެރިން ވެސް. އަހަރެން ގަބޫލުކުރާ ގޮތުގައި ދެ ޓީމުގެ (ޕާކިސްތާނާއި ބަންގްލަދޭޝް) ދެމެދުގައިވާ ތަފާތަކަށްވީ ތަޖުރިބާ". ޓީމު ބަލިވި ސަބަބާ ގުޅޭގޮތުން ވާހަކަދައްކަމުން ކޯޗު ޝަހްޒާރު ބުންޏެވެ.
މި މެޗުގައި ބަންގްލަދޭޝް ޓީމުން ދެވަނަ ލަނޑު ޖެހުމުގެ ކުރިން، ޕާކިސްތާނުން ވަނީ ބަންގްލަދޭޝްގެ ގޯލުގެ ތެރެއަށް ބޯޅަ ވައްދާލާފައެވެ. އެހެންނަމަވެސް ބޮލުން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލަން އުޅުމުގެ ތެރޭގައި ޕާކިސްތާނުގެ ނަޖީބުﷲ އަށާއި ޒާރިބް ހައިދަރަށް، ބަންގްލަދޭޝްގެ ކީޕަރަށް ފައުލްކުރެވިފައިވާ ކަމަށް ބުނެ ރެފްރީ ވަނީ މި ލަނޑު ބަލައިނުގަންނަން ނިންމާފައެވެ.
މި ލަނޑާ ގުޅޭގޮތުން ވާހަކަދައްކަމުން ޕާކިސްތާނުގެ ކޯޗު ބުނީ، މި މުބާރާތަކީ "ވީއޭއާރު" ބޭނުންކުރާ މުބާރާތަކަށް ނުވާތީ، ލަނޑު ބަލައިނުގަތް ސަބަބާ ގުޅޭގޮތުން އެއްޗެއް ބުނެވެން ނެތް ކަމަށާއި އެހެންނަމަވެސް އެ ލަނޑު ބަލައިގަތްނަމަ، ނަތީޖާ ބަދަލުވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ގަބޫލުކުރާ ކަމަށެވެ.
މެޗުން ވީ ބައްޔާއެކު ޕާކިސްތާނަށް ވަނީ މުބާރާތުގައި ކުރިއަށްދާން ބޭނުންނަމަ، ދެވަނަ މެޗުގައި ނަތީޖާ ނެރެން މަޖުބޫރު ވެފައެވެ. އެ މެޗުގައި ޕާކިސްތާން ނުކުންނަން ޖެހޭނީ ވާދަވެރި އިންޑިއާ އާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ މި މަހުގެ 25 ވަނަ ދުވަހު، 15:45 ގައެވެ.
ބަލިވުމުގެ މައިގަނޑު ސަބަބަކީ ތަޖުރިބާ މަދުވުން: ޕާކިސްތާނުގެ ކޯޗު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ