ހިޔާ ރޯދީގައި ރޯވުން: ރޯކުރުމުގެ ތުހުމަތު ވަނީ، މީގެ ކުރިން ޖިނާއި ހުކުމްތަކެއް އިއްވާފައިވާ މީހަކަށް

ފަޅަށް އޮތް ގ. ހިޔާ ރޯދީގައި މިދިޔަ ބުދަ ދުވަހު އަލިފާން ރޯކޮށްލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހަކީ، މުދަލަށް ގެއްލުންދީގެން މީގެ ކުރިން ހުކުމްތަކެއް ކޮށްފައިވާ މީހެއްކަން އެނގިއްޖެއެވެ. ހިޔާ ރޯދިގޭގައި އަލިފާން ރޯވުމުގެ ކުޑައިރުކޮޅެއް ކުރިން، އެ ގެއަށް މީހަކު ވަންނަ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖްވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. ވީޑިއޯއިން ފެންނަނީ ސައިކަލެއްގައި އައި މީހާ ސައިކަލު ޕާކު ކުރުމަށްފަހު އެ ގެއަށް ވަންނަ މަންޒަރެވެ. އޭނާ ހުރީ ކަޅު އަވި އައިނެއް އަޅައިގެން، ހުދާއި ކަޅު ކުލައިގެ ގަމީހެއް ލައިގެންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އެ ގޭގައި އަލިފާން ރޯވީ އެގެއިން އެ މީހާ ނުކުމެގެންދާތާ ކުޑަ އިރުކޮޅެއްގެ ތެރޭގައެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. އެ މައްސަލައިގައި، ހުޅުޖެހުމާއި މުދަލަށް ގެއްލުން ދިނުމުގެ ތުހުމަތުގައި ލ. މާބައިދޫ، ސަބުނަމްހައުސް، ހުސައިން ޝަހްބާން، 29އ، ވަނީ ހައްޔަރުކޮށްފައެވެ. އޭނާ ފަސް ދުވަހަށް ބަންދު ކުރަން އިއްޔެ ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ގ. ހިޔާ ރޯދީގައި ރޯވުން: އެ ގޭގައި ރޯކޮށްލުމުގެ ތުހުމަތުގައި މީހަކުވަނީ ހައްޔަރުކޮށްފައި -- ސަން ފޮޓޯ އެނގިފައިވާ ގޮތުގައި، އޭނާއަކީ ކުރިންވެސް މުދަލަށް ގެއްލުން ދިނުމާއި އެ ނޫންވެސް ބައެއް ޖިނާއީ ކުށްތަކުގައި ހުކުމް އިއްވާފައިވާ މީހެކެވެ. ކްރިމިނަލް ކޯޓުގެ ރެކޯޑްތަކުން ދައްކާ ގޮތުން 2022 ވަނަ އަހަރާއި 2023 ވަނަ އަހަރުގެ ޖިނާއީ މައްސަލަތަކެއްގައި އޭނާގެ މައްޗަށް ހުކުމް އިއްވާފައިވެއެވެ. https://sun.mv/219577 ރެކޯޑްތައް ދައްކާ ގޮތުން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ މައްސަލައެއްގައި ނުވަ މަހާއި 18 ދުވަހަށް ޝަހްބާން ޖަލަށްލާފައިވެއެވެ. އަދި މުދަލަށް ގެއްލުންދިނުމުގެ މައްސަލައެއްގައި 11 ދުވަހަށް ޖަލަށްލާފައިވެއެވެ. މީގެ އިތުރުން އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ މައްސަލައިގައި އޭނާގެ މައްޗަށް ތިން މަސް ދުވަހުގެ ޖަލު ހުކުމަކާއި، ވައްކަމުގެ މައްސަލައެއްގައި އެއް އަހަރާއި ފަސް މަހާއި 14 ދުވަހަށް ޖަލު ހުކުމެއްކޮށްފައިވެއެވެ. އެމްއެންޑީއެފުން މީގެ ކުރިން ބުނެފައިވާ ގޮތުގައި، ގ. ހިޔާ ރޯދީގައި ރޯވެފައިވާ ކަމުގެ ރިޕޯޓު ލިބުނީ ބުދަ ދުވަހުގެ 10:47ގައެވެ. އެ ރިޕޯޓު ލިބުމާއެކު އެމްއެންޑީއެފުން ހަރަކާތްތެރިވެ ކުރި މަސައްކަތުން އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ 14:02 ހާއިރެވެ. އެ ދުވަހު އަލިފާނުގެ އިތުރު ހާދިސާއެއް ވެސް ހިނގިއެވެ. އެގޮތުން މ.ކައިރުގޭގައި ހުންނަ "ޕްރައިމް ގޯޑައުން 1" ނަމަކަށް ކިޔާ ގުދަނުގައި ރޯވެ، އެ ސަރަހައްދުގައި ދުން ބޯވުމުން ބައެެއް އާއިލާތައް ވަގުތީ ހިޔާތަކަށް ބަދަލުކުރަން ޖެހުނެވެ. އެ ހާދިސާ ރިޕޯޓުކުރީ 21:25 ހާއިރު ކަމަށްވާއިރު އަލިފާން ނިއްވާލެވުނީ ފަތިހު 04:58 ހާއިރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ