ރެއާލް މެޑްރިޑަށް ނޫނެކޭ ނުބުނެވޭނެ: ރޮޑްރީ

ރެއާލް މެޑްރިޑަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ކުލަބު ކަމަށާއި އެފަދަ ބޮދެތި ކުލަބުތަކަށް ނޫނެކޭ ނުބުނެވޭނެ ކަމަށް މެންޗެސްޓާ ސިޓީގެ ސްޕޭން މިޑްފީލްޑަރު ރޮޑްރީ ބުނެފި އެވެ.
މީގެ ދެ އަހަރު ކުރިން ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ޔޫރަޕުގެ މޮޅު ކުޅުންތެރިޔާ އަށް ދޭ ބަލަންޑޯ އެވޯޑް ހޯދި މިޑްފީލްޑަރު މިހެން ބުނީ އޭނާއާ ރެއާލް މެޑްރިޑާ ގުޅުވައިގެން ދެކެވޭ ވާހަކަތަކަށް ޖަވާބު ދެމުންނެވެ. ރޮޑްރީ ސިޓީއާއެކު ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ.
ސިޓީ އަށް 293 މެޗު ކުޅެދީ 12 ތަށި ހޯދާދައިފައިވާ ކުޅުންތެރިޔާ ބުނީ ކޮންމެވެސް ދުވަހަކުން އެނބުރި ސްޕޭނުގައި ކުޅެން ބޭނުންވާ ކަމަށާއި އެފަދަ ނިންމުމެއް ނިންމުމުގެ ކުރިން "ސިޓީއާއެކު އިށީނދެ މަޝްވަރާ ކުރަން ބޭނުން،" ކަމަށެވެ.
ރޮޑްރީ ސިޓީ އަށް ބަދަލުވީ 2019 ވަނަ އަހަރު ރެއާލް މެޑްރިޑްގެ ވާދަވެރި އެތްލެޓިކޯ މެޑްރިޑުންނެވެ. އެ ކުލަބަށް 47 މެޗު ކުޅެދީފައިވީ ނަމަވެސް ކުޅުންތެރިޔާ ބުނީ އެއީ ރެއާލް މެޑްރިޑަށް ނުކުޅެންވީ ސަބަބެއް ނޫން ކަމަށެވެ.
"ވަރަށް ގިނަ ކުޅުންތެރިން އެގޮތަށް ވަނީ ގޮސްފައި. ކުއްލި އަކަށް ނޫން. ގިނަ ދުވަހުން އެ ފަދަ ބަދަލުތައް ގެންނަނީ. އެއްވެސް މީހަކަށް ބޮޑެތި ކުލަބުތަކުން ލިބޭ ދޫކޮށް ނުލެވޭނެ. އެ ގޮތް އަހަރެންނަށް ވެސް ވާނެ،" ރޮޑްރީ ބުންޏެވެ.
ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އޭނާ ގެންދަން ޝައުގުވެރިވޭތޯ އެހުމުން ރޮޑްރީ ބުނީ އެކަން އޭނާ އަށް އެނގިފައި ނެތް ކަމަށާއި ރެއާލްއިން އޭނާގެ ސޮއި ބޭނުންވާނަމަ "އަހަރެންގެ އެޖެންޓާ ގުޅަންވީ،" ކަމަށެވެ.
ގިނަ ރިޕޯޓްތައް ބުނާ ގޮތުން ރޮޑްރީ މިފަދައިން ވާހަކަ ދެއްކީ އޭނާ އާއި ރެއާލް މެޑްރިޑާ ދެމެދު ސިއްރު އެއްބަސް ވުމެއް އޮތުމުންނެވެ. އެއީ މި ސީޒަން ނިމުމުން ހިލޭ ޓްރާންސްފާއެއްގައި އެ ކުލަބަށް ބަދަލު ވުމަށެވެ. ރެއާލް މެޑްރިޑުން އަންނަ ސީޒަނަށް އެންމެ ބޮޑަށް ބޭނުންވަނީ ވެސް މެދުތެރޭގައި ހުރެގެން ޓީމު ލައްވައި ކުޅުވައިދޭނެ ކުޅުންތެރިއެކެވެ. އަނެއް ކޮޅުން މި ސީޒަނަށް ފަހު ޕެޕް ގާޑިއޯލާ ސިޓީ ދޫކޮށްލާނެ ކަމުގެ އަޑުތައް ވެސް ވަނީ ގަދަވެފަ އެވެ. މިއީ ވެސް ރޮޑްރީ ސިޓީ ދޫކޮށް، ރެއާލް އަށް ދިއުމަށް ވިސްނާނެ ސަބަބަކަށް ވުން ގާތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ