ރޯހިތު ޝެޓީ ދިރިއުޅޭ ގެ ހުންނަ ސަރަހައްދަށް ބަޑީގެ ހަމަލާތަކެއް ދީފި

ބޮލީވުޑްގެ މަގުބޫލު ޑައިރެކްޓަރު ރޯހިތު ޝެޓީ ދިރިއުޅޭ ގެ ހުންނަ ސަރަހައްދަށް ބަޔަކު މީހުން ބަޑީގެ ހަމަލާތަކެއް ދީފިއެވެ. މުމްބާއީ ފުލުހުންނާ ހަވާލާދީ އިންޑިއާގެ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި ރޯހިތު ދިރިއުޅޭ ގެ ހުންނަ އިމާރާތުގެ ބޭރަށް ހަތަރު ބުރެއްގެ މަތިން ބުލެޓް ހަމަލާތަކެއް ވަނީ ދީފައެވެ. މުމްބާއީގެ ޖުހޫގައި ހުންނަ މި އިމާރާތަށް ދިން ހަމަލާއާ ގުޅިގެން އެ ސަރަހައްދުގެ ސެކިއުރިޓީ ކަންކަން އިތުރަށް ވަރުގަދަކޮށްފައިވާ ކަމަށް ވެސް އިންޑިއާގެ ނޫސްތަކުގައި ވަނީ ބަޔާންކޮށްފައެވެ. މި ހާދިސާ ހިނގާފައި ވަނީ ރޭ މެންދަމު 12:40 އާއި 1:00އާ ދެމެދުއެވެ. ބައެއް ނޫސްތަކުގައި ބަޔާންކޮށްފައިވާ ގޮތުގައި ބަޑީގެ ހަމަލާތައް ދިން ވަގުތު ރޯހިތު ގޭގައި އުޅެއެވެ. ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ވެފައިވާ ކަމުގެ ރިޕޯޓެއް މިހާތަނަށް ކޮށްފައި ނުވާ ކަމަށް ވެސް މީޑިއާތަކުން ވަނީ ބުނެފައެވެ. ސަލްމާން ޚާން ޑައިރެކްޓަރު ރޯހިތު ޝެޓީއާ އެކު--ފޮޓޯ/ހިންދުންސްތާން ޓައިމްސް އެ ސަރަހައްދުގައި ސީސީޓީވީ ފުޓޭޖްތަކުން ފެންނަ ގޮތުގައި މި ބަޑީގެ ހަމަލާ ދީފައި ވަނީ އެންމެ މީހެކެވެ. އަދި ބަޑި ޖަހަން ފެށުމުގެ ކުރިން އެ މީހާ ދުންފަތުގެ އިސްތިއުމާލުކުރާ މަންޒަރު ސީސީޓީވީ ފުޓެޖްތަކުން ފެންނަ ކަމަށް ފުލުހުންނަށް ހަވާލާދީ މީޑިއާތަކުން ބުނެފައިވެއެވެ. މި ހާދިސާއާ ގުޅިގެން މުމްބާއީ ފުލުހުންނާއި ކަމާ ގުޅޭ އިދާރާތަކުގެ އިސްވެރިންގެ ބައްދަލުވުމެއް ވެސް ބާއްވާފައިވާ ކަމަށާއި ފުލުހުން މިހާރު އަންނަނީ މައްސަލަ ތަހުގީގު ކުރަމުން ކަމަށް ރިޕޯޓުތަކުން ބުނެއެވެ. މި ބަޑީގެ ހަމަލާތަކުގެ ޒިންމާ މިހާތަނަށް އެއްވެސް ބަޔަކު ނަގާފައި ނުވާއިރު މުމްބާއީގައި ދިރިއުޅޭ ހައި ޕްރޮފައިލް މީހުންގެ ސަލާމަތާއި ރައްކާތެރިކަމާ މެދު ކަންބޮޑުވާ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ޚިޔާލު ފާޅުކުރަމުންނެވެ. މިފަދަ ހަމަލާއެއް 2024ގައި ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާން ދިރިއުޅޭ އެޕާޓްމަންޓަށް ވެސް ވަނީ ދީފައެވެ. އެ ބަޑީގެ ހަމަލާގެ ޒިންމާ ނަގާފައި ވަނީ އިންޑިއާގެ ނުރައްކާތެރި ގޭންގެއް ކަމަށްވާ ލޯރެންސް ބިޝްނޯއީގެ ގޭންގަކުންނެވެ. މަގުބޫލު އެކްޝަން ކޮމެޑީ ފިލްމުތަކެއް ގެނެސްދެމުން އަންނަ ރޯހިތު އަކީ ސަލްމާން ޚާންގެ ވެސް ވަރަށް ގާތް ރަހްމަތްތެރިއެކެވެ. މިފަހަކަށް އައިސް ސަލްމާން ޚާން އާއި ގާތް ގުޅުމެއް ބާއްވާ، އެކްޓަރުގެ ރަހްމަތްތެރިންނަށާއި އެ މީހުންގެ އާއިލާތަކަށް އަމާޒުކޮށް ބަޑީގެ ހަމަލާތަކާއި މަރުގެ އިންޒާރުތައް ލިބެމުން އަންނައިރު އޭގެތެރޭގައި މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރުމާ އަދި ބަތަލާ ދިޝާ ޕަޓާނީ އަދި ލަވަކިޔުންތެރިޔާ އޭޕީ ދިލޮން ހިމެނެއެވެ. ހަމައެއާއެކު ސަލްމާންގެ ވަރަށް ގާތް ރަހްމަތްތެރިއެއް ކަމަށްވާ އިންޑިއާގެ އެންސީޕީގެ ކުރީގެ ލީޑަރު ބާބާ ސިއްދީގީއަށް ވެސް 2024 ވަނަ އަހަރު ބަޑީގެ ހަމަލާ ދީ ވަނީ މަރާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ