އެޕްސްޓީން ފައިލްސް: ރަށްތަކެއް ވިއްކާލަން ހުށަހެޅުމާއި ފޮތަކަށް ފަންޑް ހޯދަން ވަހީދު އުޅުއްވި

ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް އަދި އެ ކުދިންގެ ބަރަހަނާ މަންޒަރު ވީޑިއޯކޮށް، ނުފޫޒު ގަދަ މީހުންނަށް އެ ކުދިން ވިއްކި ސެކްސް ޓްރެފިކާ، އެމެރިކާގެ ޖެފްރީ އެޕްސްޓީނަށް ރާއްޖޭގެ ރަށްތަކެއް ވިއްކާލުމަށް ކުރީގެ ރައީސް މުހައްމަދު ވަހީދު އުޅުއްވި ކަން ހާމަވެއްޖެ އެވެ.
ވީކިހިނެއް؟ - އެޕްސްޓީންގެ މެއިލްތައް ހިމެނޭ ފައިލްތައް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން އާންމުކޮށްފައިވާ އިރު ވަހީދު އެޕްސްޓެއިނަށް ފޮނުއްވި ބައެއް މެއިލްތައް ސޯޝަލް މީޑިއާގައި ވެސް ދަނީ ދައުރުވަމުންނެވެ.
ތަފްސީލް - އެއިން ފާހަގަކޮށްލެވޭ އެއް ކަމަކީ ޓުއަރިޒަމްގެ ޕްރޮޖެކްޓަކާ ގުޅޭ ގޮތުން ވަހީދު ފޮނުއްވި މެއިލްތަކެވެ. އެގޮތުން:
ވަހީދު ފޮނުއްވި އެއް މެއިލްގައި ވަނީ އިންނަހެރާ ޕްރޮޖެކްޓަކީ ވަރަށް ބޮޑު ޕްރޮޖެކްޓެއް ކަމާއި އެ ކަމުގައި އެޕްސްޓެއިނަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން ވާހަކަ ދައްކާލަން ބޭނުންވާ ކަމަށް
އިތުރު މެއިލްގައިވަނީ ފުއްގިރި ޕްރޮޖެކްޓް އާއި އިންނަހެރާގެ ޕްރޮޖެކްޓްގެ އަދާހަމަތައް
ފުއްގިރި ތަރައްގީކުރަން ބޭނުންވަނީ ވީއައިޕީ މީހުންނަށް ހާއްސަކޮށްގެން؛ އެޕްސްޓެއިންނާ ގުޅިގެން މެދު އިރުމަތީގެ ކަނެކްޝަންތަކާއި ރަޝިއާ ކްލައިންޓުންނާއެކު މަސައްކަތްކޮށްގެން ލޯކަލީ އެ ރަށް މެނޭޖު ކުރެވޭނެ ކަމަށް
އިންނަހެރާ ޕްރޮޖެކްޓަށް ސިންގަޕޫރު ޕާޓީއަކުން ހުށަހެޅުމެއް އޮތް ކަމާއި ނަމަވެސް ހުށަހަޅަނީ ލޯކަލް ކުންފުންޏަށް އެންމެ %10 ދިނުމަށް؛ ރާއްޖެ ޒިޔާރަތްކޮށްގެން އެކަމަށް އިތުރު ގޮތްތަކެއް ހޯދުމަށް ވަހީދު ހުށަހެޅުއްވި
މީގެ އިތުރުން ވަހީދު ނައިބު ރައީސް އާއި ރައީސްގެ މަގާމު ފުރުއްވި ފަސް އަހަރުގެ ކަންކަމުގެ މައްޗަށް އިނގިރޭސިން ފޮތެއް ނެރެން މަސައްކަތްކުރާ ކަމާއި އެ ކަމަށް ބޭނުންވާ ފަންޑް ހޯދުމަށް ނޫނީ އެމެރިކާއިން ޕަބްލިޝާއެއް ހޯދައިދިނުމަށް ވަހީދު އެދިވަޑައިގެންފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ