ގާޒާގައި ގާއިމުކުރުމަށް ހުށަހަޅާފައިވާ ބައިނަލްއަގުވާމީ ސުލްހަ ބަލަހައްޓާ ފައުޖުގައި ގާތްގަނޑަކަށް 20،000 ސިފައިން ހިމެނޭނެ ކަމަށް ބެލެވޭއިރު، އޭގެ ތެރެއިން 8،000އެއްހާ ސިފައިން ފޮނުވުމުގެ ގާބިލުކަން އިންޑޮނޭޝިއާގައި އެބަހުރި ކަމަށް އެ ގައުމުގެ ރައީސް ޕްރަބޯވޯ ސުބިއަންޓޯގެ ތަރުޖަމާނު އިއްޔެ ވިދާޅުވެއްޖެ އެވެ.
ރައީސްގެ ތަރުޖަމާނު ޕްރަސެޓްޔޯ ހާދީ ވިދާޅުވި ގޮތުގައި، މި ފައުޖު ފޮނުވާނެ އުސޫލުތަކާއި އެ ފައުޖަށް ދެވޭނެ ބާރުތަކާ ނުވަތަ ހަރަކާތްތެރިވާނެ ވަކި ސަރަހައްދުތަކާ މެދު އަދި ވަކި ގޮތަކަށް އެއްބަސްވެފައެއް ނުވެ އެވެ.
"މުޅި ޖުމްލަ 20،000 ސިފައިންނަކީ އެކި ގައުމުތައް ގުޅިގެން އެކުލަވާލެވޭނެ އަދަދެއް. އެއީ ހަމައެކަނި އިންޑޮނޭޝިއާއެއް ނޫން. އަޅުގަނޑުމެން މި ތައްޔާރުވަނީ އެފަދަ އެއްބަސްވުމަކަށް އާދެވި، ސުލްހަ ބަލަހައްޓާ ފައުޖު ފޮނުވަން ޖެހިއްޖެ ހާލަތަކަށްޓަކައި،" އޭނާ ނޫސްވެރިންނަށް ވިދާޅުވި އެވެ.
މި މަހުގެ ފަހުކޮޅު ވޮޝިންޓަންގައި ބޭއްވުމަށް ހަމަޖެހިފައިވާ، ޑޮނަލްޑް ޓްރަމްޕް އިސްވެ އެކުލަވާލައްވާފައިވާ ބޯޑް އޮފް ޕީސްގެ ފުރަތަމަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޕްރަބޯވޯއަށް ވަނީ ދައުވަތު ދީފަ އެވެ.
ގާޒާގެ މިޝަނަކަށް 20،000 ސިފައިން ތައްޔާރުކުރަމުންދާ ކަމަށް މީގެ ކުރިން އިންޑޮނޭޝިއާއިން ބުނެފައިވީ ނަމަވެސް، ސިފައިން ފޮނުވުމުގެ ކުރިން އެ ފައުޖުގެ މަސްއޫލިއްޔަތުތަކާއި އޮނިގަނޑާ ބެހޭ ގޮތުން ސާފު މައުލޫމާތުތަކެއް ލިބެންޖެހޭނެ ކަމަށް އެ ގައުމުން ދެކެ އެވެ.
ޕްރަސެޓްޔޯ އިތުރަށް ވިދާޅުވީ، ބޯޑް އޮފް ޕީސްގެ ދާއިމީ މެންބަރަކަށް ވުމަށް އެދިފައިވާ 1 ބިލިއަން ޑޮލަރު ދެއްކުމުގެ ކުރިން އިތުރު މަޝްވަރާތައް ކުރިއަށްދާނެ ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ރައީސް ޕްރަބޯވޯ ބައިވެރިވެވަޑައިގަންނަވާނެކަން ޖަކާޓާއިން އަދި ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެ އެވެ.
މީގެ އިތުރުން، އިންޑޮނޭޝިއާގެ ސިފައިން ރަފަހް ނުވަތަ ހާން ޔޫނިސްއަށް ފޮނުވަން އުޅޭ ކަމަށް އިޒްރޭލުގެ މީޑިއާތަކުން ފަތުރަމުންދާ ހަބަރުތައް އެ ގައުމުގެ ދިފާއީ ވުޒާރާއިން ވަނީ ދޮގުކޮށްފަ އެވެ.
އެ ވުޒާރާގެ ތަރުޖަމާނު ރިކޯ ރިކާޑޯ ސިރާތު ވިދާޅުވީ، މިކަމާ ގުޅޭ ރޭވުންތައް އަދި އޮތީ ތައްޔާރީ މަރުހަލާގައި ކަމަށެވެ. އޮޕަރޭޝަނާ ގުޅޭ އެންމެހާ ކަންކަން ނިންމައި އިއުލާނު ކުރެވޭނީ ރަސްމީ ނިންމުމެއް ނިންމައި ބައިނަލްއަގުވާމީ ގޮތުން އެކަމުގެ ހުއްދަ އާއި އިރުޝާދުތައް ސާފުވުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގާޒާގެ ސުލްހަ ބަލަހައްޓާ ފައުޖަށް 8،000 ސިފައިން ފޮނުވިދާނެ: އިންޑޮނޭޝިއާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ