ހޮރްމުޒް ކަނޑުއޮޅީގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް އެހީތެރިނުވެއްޖެ ނަމަ، ނޭޓޯގެ ބައިވެރިންނަށް ވަރަށް ގޯސް މުސްތަގުބަލަކާ ކުރިމަތިލާންޖެހިދާނެކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ދެއްވައިފި އެވެ. އަދި ގަލްފުގެ ހަކަތައަށް ބަރޯސާވާ ގައުމުތަކުން، މުހިންމު ޝިޕިން ރޫޓެއް ކަމަށްވާ މި ކަނޑުއޮޅި އަލުން ހުޅުވުމަށް އެހީތެރިވުމަށް އޭނާ ވަނީ ގޮވާލައްވާފަ އެވެ.
ފައިނޭންޝަލް ޓައިމްސްއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، އެ ކަނޑުއޮޅީގެ ފައިދާ ލިބޭ ގައުމުތަކުން އަސްކަރީ އެހީތެރިކަން ފޯރުކޮށްދޭންޖެހޭނެ ކަމަށެވެ.
"އެ ކަނޑުއޮޅީގެ މަންފާ ލިބޭ މީހުން، އެ ތަނުގައި ގޯސް ކަމެއް ނުހިނގާނެކަން ކަށަވަރުކުރުމަށް އެހީތެރިވުމަކީ އެންމެ އެކަށީގެންވާ ގޮތް،" އޭނާ ވިދާޅުވި އެވެ.
ދުނިޔޭގެ ތެލާއި ގުދުރަތީ ގޭހުގެ ޝިޕްމަންޓްތަކުގެ ގާތްގަނޑަކަށް %20 އުފުލާ މި ކަނޑުއޮޅީގެ ދަތުރުފަތުރުތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވީ، އެމެރިކާ އާއި އިޒްރޭލުން އީރާނުގެ ސަރަހައްދުތަކަށް ދިން ހަމަލާތަކާ ގުޅިގެން އީރާނުން ދަތުރުފަތުރު ހުއްޓުވުމަށް ފިޔަވަޅު އެޅުމުންނެވެ.
ޓްރަމްޕް ވިދާޅުވީ ޗައިނާ، ފްރާންސް، ޖަޕާން، ދެކުނު ކޮރެއާ އަދި އިނގިރޭސިވިލާތް ފަދަ ގައުމުތަކުން މި މަގުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް މައިންސްވީޕަރު ފަދަ ކަނޑުގެ އަސްކަރީ ވަސީލަތްތައް ފޮނުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި މި މައްސަލަ ހައްލުކުރުމަށް ބެއިޖިންއިން އެހީތެރިނުވެއްޖެ ނަމަ، ޗައިނާގެ ރައީސް ޝީ ޖިންޕިންއާ އެކު ބޭއްވުމަށް ހަމަޖެހިފައިވާ ސަމިޓް ފަސްކުރައްވާފާނެ ކަމުގެ އިންޒާރު ވެސް ދެއްވި އެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ޗައިނާއިން ވެސް އެހީތެރިވާންޖެހޭނެ. ސަބަބަކީ ޗައިނާއަށް ބޭނުންވާ ތެލުގެ %90 ލިބެނީ އެ ކަނޑުއޮޅިން،" ޓްރަމްޕް ވިދާޅުވި އެވެ.
މީގެ އިތުރުން، އީރާނުގެ ތެޔޮ އެކްސްޕޯޓް ކުރާ މައި މަރުކަޒު ކަމަށްވާ ހާގް އައިލެންޑަށް އިތުރު ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ވެސް އެމެރިކާގެ ރައީސް ދެއްވި އެވެ.
"އަޅުގަނޑުމެންނަށް ފަސް މިނެޓް ތެރޭގައި އެތަނަށް ހަމަލާދެވިދާނެ އަދި އެކަމާ ދެކޮޅަށް އެ މީހުންނަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ،" އޭނާ ވިދާޅުވި އެވެ.
ކަނޑުގެ އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިނގިރޭސިވިލާތުން ފަސްޖެހޭތީ ޓްރަމްޕް ވަނީ އެ ގައުމަށް ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ އިނގިރޭސިވިލާތުން ފުރަތަމަ އެދުމަށް އިންކާރު ކުރި ނަމަވެސް، ފަހުން އެހީތެރިކަން ފޯރުކޮށްދޭން އެއްބަސްވެފައިވާ ކަމަށެވެ.
މި އިންޒާރުތައް އައިސްފައިވަނީ އީރާނާ އެކު އޮތް ނުތަނަވަސްކަން އިތުރުވެ، ދުނިޔޭގެ ހަކަތަ ފޯރުކޮށްދިނުމާ މެދު ކަންބޮޑުވުންތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި، އެ ކަނޑުގެ މަގު ހިމާޔަތްކުރުމަށް ކޯލިޝަނެއް އެކުލަވާލުމަށް އެމެރިކާއިން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.
ޓްރަމްޕް ނޭޓޯއަށް އިންޒާރުދެއްވައި ހޮރްމުޒް ހުޅުވުމަށް ޗައިނާގެ އެހީއަށް އެދިވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ