ކުރީގެ އެކްޓަރު ރިޝީ ކަޕޫރުގެ ނަމުގެ ކޮޕީރައިޓް އާއިލާއިން ހޯދައިފި
ހިންދީ ސިނަމާގެ އެންމެ މަގުބޫލު އެކްޓަރުންގެތެރޭ ހިމެނުނު ރިޝީ ކަޕޫރުގެ ނަމާއި އޭނާގެ ހަނދާންތައް ރައްކާތެރި ކުރުމުގެ ގޮތުން، އޭނާގެ ނަމުގެ ކޮޕީރައިޓް ހޯދުމަށް ކަޕޫރު އާއިލާއިން ގާނޫނީ ފިޔަވަޅު އަޅައިފިއެވެ. މި ނިންމުމުގެ މައިގަނޑު މަގުސަދަކީ އާއިލާގެ ހުއްދަނެތި ރިޝީގެ ނަން އާއްމު ފަރާތްތަކަށް ބޭނުންކުރުން ހުއްޓުވުމަށް ފިޔަވަޅު އެޅުމެވެ. އިންޑިއާގެ ނޫހެއް ކަމަށްވާ 'އިންޑިއާ ޓުޑޭ'އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ރިޝީ ކަޕޫރުގެ ނަމުގެ ކޮޕީރައިޓް މިހާރު ވަނީ އެ އާއިލާއަށް ލިބިފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ވިޔަފާރީގެ އުސޫލުން ނުވަތަ ރަސްމީ އެކި ކަންކަމުގައި ރިޝީގެ ނަން ބޭނުންކުރަން ބޭނުންވާ ކޮންމެ ފަރާތަކުން ނުވަތަ އިދާރާއަކުން ވެސް، މީގެފަހުން އެ އާއިލާގެ ހުއްދަ ހޯދަން މަޖުބޫރުވާނެއެވެ. ކުރީގެ އެކްޓަރު ރިޝީ ކަޕޫރު، އަންހެނުން ނީތޫ އަދި ދެ ކުދިން ކަމަށްވާ ރިދިމާ އާއި ރަންބީރުއާ އެކު--ފޮޓޯ/ޕިންކްވިލާ މިކަމާ ގުޅޭގޮތުން މަޢުލޫމާތު ދިން މަސްދަރަކުން ބުނެފައިވަނީ، މި ކޮޕީރައިޓްގެ ދަށުން ރިޝީ ކަޕޫރުގެ ނަން އެއްވެސް ސިފައެއްގައި ބޭނުންކުރަން ބޭނުންނަމަ އާއިލާގެ އިޒުނަ ހޯދަން ޖެހޭނެއެވެ. އަދި މިގޮތަށް ނިންމީ ރިޝީ ދުނިޔެދޫކުރުމަށްފަހު، އެކްޓަރުގެ ނަމާއި އަބުރަށް އުނިކަމެއް އަތުވެދާނެ ފަދަ އެއްވެސް ނަހަމަ ބޭނުމެއް އެއްވެސް ފަރާތަކުން ކުރުން ހުއްޓުވުމަށްޓަކައި ކަމަށްވެސް އެ މަސްދަރުން ހާމަކޮށްފައިވެއެވެ. ހިންދީ ސިނަމާގައި ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ރިޝީ ކަޕޫރު މަރުވީ ލޭގެ ކެންސަރު (ލޫކީމިއާ) ބަލީގައި އުމުރުން 67 އަހަރުގައި، މީގެ ހަ އަހަރުކުރިންނެވެ. ފަހަކަށް އައިސް ބޮލީވުޑްގެ ގިނަ ފަންނާނުންތަކެއް ވަނީ އެ މީހުންގެ ނަމާއި، ސިފަ އަދި ފިކުރީ މުދާ ރައްކާތެރި ކުރުމަށްޓަކައި މިފަދަ ގާނޫނީ ފިޔަވަޅުތައް އަޅާފައެވެ. މީގެ ތެރޭގައި ޝިލްޕާ ޝެޓީ، ކާޖޮލް، ވިވެކް އޮބެރޯއި، އަބީޝެކް ބައްޗަން، އައިޝްވާރިޔާ ރާއީ ބައްޗަން އަދި އަނިލް ކަޕޫރު ފަދަ ތަރިން ހިމެނެއެވެ. މިފަދަ ފިޔަވަޅުތަކުގެ ބޭނުމަކީ، މަޝްހޫރު ފަރާތްތަކުގެ ނަން ބޭނުންކޮށްގެން މުދާ ވިއްކުމާއި، ބްރޭންޑް އިޝްތިހާރު ކުރުމާއި އެ ނޫންވެސް ވިޔަފާރީގެ މަންފާ ހޯދުމަށް ހުއްދަނެތި އެ ފަރާތްތަކުގެ ނަން ބޭނުންކުރާ ބޭނުންކުރުން ހުއްޓުވުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ