އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެ

ކުރީ އަހަރުތަކާ އަޅާބަލާއިރު އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ނިސްބަތް އިތުރުވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީން ނެރެ އާއްމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު، މިހިނގާ މާޗްމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ، 540،674 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، އިތުރުވުމެކެވެ. މިއިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 509،953 ފަތުރުވެރިންނެވެ.
މިދިޔަ އަހަރުތަކުގެ މި މުއްދަތާ އަޅާބަލާއިރު، އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ މިންވަރު އިތުރުވީ ނަމަވެސް، މިހާރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވަނީ މަޑުޖެހިފައެވެ. ސަބަބަކީ މެދުއިރުމަތީގެ މަސްރަހް ހުރިގޮތުން މިދިޔަ މަހުގެ 28 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް އުދުހުންތައް ބާއްވަމުން އަންނަ ބޮޑެތި ބައެއް އެއާލައިންތަކުން ވަނީ، ދަތުރުތައް މެދުކަނޑާލުމެވެ. އެއާއެކު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދަު ވަނީ ދެބައިކުޅަ އެއްބަޔަށް މަދުވެފައެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން މިހިނގާ މާޗްމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ، 58،906 ފަތުރުވެރިންނެވެ. މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ޒިޔާރަތްކޮށްފައިވަނީ، 77،100 ފަތުރުވެރިންނެވެ. 
އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންނަށް ބަލާއިރު، އެންމެގިނައިން ޒިޔާރަތްކޮށްފައިވަނީ، ޗައިނާ، ރަޝިއާ، އިޓަލީ، އިނގިރޭސިވިލާތް އަދި ޖަރުމަނާއި އިންޑިއާގެ ފަތުރުވެރިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ