އީރާނުގެ ތެލުގެ މައި ވިއުގައަށް ހަމަލާދޭނެކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި

އީރާނުން ހޯރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް ދެމުންދާ ހަމަލާތައް ހުއްޓާނުލައިފި ނަމަ، އެ ގައުމުގެ ތެޔޮ ބޭރުކުރާ މައި މަރުކަޒު ކަމަށްވާ ހާގް އައިލެންޑަށް ހަމަލާދީފާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ދެއްވައިފި އެވެ.
މި އިންޒާރާ އެކު، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ނުފޫޒު ފޯރުވަމުންދާ މި ހަމަނުޖެހުން އިތުރަށް ވަނީ ވަރުގަދަވެފަ އެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، އީރާނުން ބޭރުކުރާ ތެލުގެ ގާތްގަނޑަކަށް %90 ހިއްސާކުރާ ހާރްގް އައިލެންޑްގައި ހުރި އަސްކަރީ އަމާޒުތައް އެމެރިކާއިން މިހާރު ވެސް މުޅިން ސުންނާފަތި ކޮށްލާފައިވާ ކަމަށެވެ. ނަމަވެސް، މިހާތަނަށް އެ ރަށުގެ ތެލުގެ އިންފްރާސްޓްރަކްޗަރަށް ހަމަލާއެއް ނުދެ އެވެ.
"ހޯރްމުޒް ކަނޑުއޮޅިން އުޅަނދުފަހަރު މިނިވަންކަމާ އެކު، ރައްކާތެރިކަމާ އެކު ދަތުރުކުރުމަށް އީރާނުން ނުވަތަ އެހެން ފަރާތަކުން ވެސް ހުރަސްއަޅައިފި ނަމަ، އަޅުގަނޑު ވަގުތުން މި ނިންމުން މުރާޖާ ކުރާނަން،" އުޅަނދުފަހަރުގެ ދަތުރުފަތުރަށް ހުރަސްއެޅުން ކުރިއަށްދާ ނަމަ އެ ނިންމުން ބަދަލުވެދާނެ ކަމުގެ އިންޒާރު ދެއްވަމުން ޓްރަމްޕް ލިއުއްވި އެވެ.
ޓްރަމްޕް މި އިންޒާރު ދެއްވާފައިވަނީ އީރާނުން ސަރަހައްދީ އަމާޒުތަކަށާއި ދަތުރުފަތުރުގެ މަގުތަކަށް ހަމަލާދެމުންދާ ދަނޑިވަޅެއްގަ އެވެ. އީރާނުގެ ހަތިޔާރު އެޅި ބާރުތަކުން ވަނީ އެ ގައުމުގެ ތެލުގެ ވަސީލަތްތަކަށް ހަމަލާދީފި ނަމަ، އެ ސަރަހައްދުގައި އެމެރިކާއާ ގުޅިގެން މަސައްކަތްކުރާ ކުންފުނިތަކުގެ ހަކަތައިގެ މަރުކަޒުތަކަށް ބަދަލުހިފުމުގެ ހަމަލާދޭނެ ކަމަށް ބުނެ އިންޒާރު ދީފަ އެވެ.
އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާއިން ދިން ހަމަލާތަކުގައި ހާގް އައިލެންޑުން 15އަށް ވުރެ ގިނަ ގޮވުމުގެ އަޑު އިވިފައިވެ އެވެ. މި ހަމަލާތަކުގައި އެ ރަށުގެ ވައިގެ ދިފާއީ ނިޒާމުތަކަށާއި ކަނޑުގެ ސިފައިންގެ މަރުކަޒަކަށާއި އެއާޕޯޓްގެ ވަސީލަތްތަކަށް ގެއްލުން ލިބުނު ނަމަވެސް، ތެލުގެ ވަސީލަތްތަކަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މިދިޔަ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދޭން ފެށި ހަމަލާތަކާ އެކު ފެށުނު މި ހަމަނުޖެހުންތަކުގައި މިހާތަނަށް ގާތްގަނޑަކަށް 2،000 މީހުން މަރުވެ، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރާފަ އެވެ. އީރާނުން ވަނީ ދުނިޔޭގެ ތެލުގެ %20 އުފުލާ މައި މަގު ކަމަށްވާ ހޯރްމުޒް ކަނޑުއޮޅި ބަންދުކޮށްފަ އެވެ.
ޓްރަމްޕް ވިދާޅުވީ އެމެރިކާގެ ކަނޑުގެ ސިފައިން ވަރަށް އަވަހަށް ތެޔޮ ޓޭންކަރުތަކަށް ރައްކާތެރިކަން ދީގެން އެ ސަރަހައްދުން ދަތުރުކުރުވުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. އަދި މި ކުރިމަތިލުންތައް ކިތަންމެ ދުވަހަކަށް ވެސް ދެމިގެން ހިނގައިދާނެ ކަމަށް އިޝާރާތް ކުރައްވަމުން އޭނާ ނޫސްވެރިންނަށް ވިދާޅުވީ މިކަން ކުރިއަށްދާނީ އެމެރިކާއިން ބޭނުންވާ މިންވަރަކަށް ކަމަށެވެ.
މިދަނޑިވަޅުގައި އީރާނުގެ ސިފައިންނާއި އެ ގައުމަށް ތާއީދުކުރާ ޖަމާއަތްތަކުން ސަރަހައްދުގެ އެކި ތަންތަނަށް ހަމަލާދެމުންދާއިރު، އިޒްރޭލުން ވަނީ ފާއިތުވި 24 ގަޑިއިރު ތެރޭގައި އީރާނުގެ 200އަށް ވުރެ ގިނަ ތަންތަނަށް ވައިގެ ހަމަލާ ދީފަ އެވެ. އޭގެ ތެރޭގައި މިސައިލް ފޮނުވާ އާލާތްތަކާއި ހަތިޔާރު ގުދަންކުރާ މަރުކަޒުތައް ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ