އީރާނާއި އިޒްރޭލުން ހަކަތަ ކާރުހާނާތަކަށް ދޭ ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި

އިޒްރޭލާއި އީރާނުން ހަކަތަ ކާރުހާނާތަކަށް ދެމުންގެންދާ ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި އެވެ.
ވީ ކިހިނެއް؟ - އެމެރިކާ އަދި އިޒްރޭލާއި އީރާނާ ދެމެދު ކުރަމުންދާ ހަނގުރާމައިގައި ދެ ފަރާތުން ވެސް ވަނީ މެދު އިރުމަތީގެ އެކި ސަރަހައްދުތަކުގައި ހުންނަ ގޭހާއި ތެޔޮ އުފައްދާ ކާރުހާނާތަކަށް ހަމަލާދީފަ އެވެ.
އޭގެ ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގު ދަނީ އުފުލެމުންނެވެ.
ތަފްސީލު - ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ އެ ހަމަލާތައް ކުށްވެރިކޮށްފަ އެވެ.
އެގޮތުން އިޒްރޭލުން އީރާނުގެ ސައުތު ޕާސް ގޭސް ފީލްޑަށް ދިން ހަމަލާތައް ކުށްވެރިކޮށް މިނިސްޓްރީން ބުނީ މިއީ ބައިނަލްއަގްވާމީ ގާނޫނުތަކާއި ވެސް ހިލާފުވާ، އަދި ސަރަހައްދީ ހަމަޖެހުމާއި ދުނިޔޭގެ ހަކަތައިގެ ސެކިއުރިޓީއަށް ވެސް ހުރި ނުރައްކަލެއް ކަމަށެވެ.
އޭގެ އިތުރުން އީރާނުން ސައުދީ އަރަބިއްޔާ، ޔޫއޭއީ، ގަތަރު އަދި ކުވެއިތުގައި ހުންނަ ކާރުހާނާތަކަށް ދެމުންދާ ހަމަލާތައް ވެސް ރާއްޖެއިން ވަނީ ކުށްވެރިކޮށްފަ އެވެ.
މި ދަނޑިވަޅުގައި ހާރިޖީ ގުޅުން ބަދަހިކޮށް، ހަނގުރާމަ ވަގުތުން ހުއްޓާލަން މަސައްކަތްކޮށް، ސުލްހަމަސަލަސްކަމާއި މެދު އިރުމަތީގައި ސަރަހަައްދީ ހަމަޖެހުން ގާއިމްކުރުމަށް ވެސް ރާއްޖެއިން ވަނީ ގޮވާލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ