ނުކުޅެދޭ ކުދިންނަށް ހާއްސަ ތެރަޕީ ކާޑެއް ތައާރަފު ކުރަން ހުށަހަޅައިފި

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ބޭނުންވާ ތެރަޕީ ފަރުވާގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް 'ތެރަޕީ ކާޑުގެ ނިޒާމު' ތައާރަފު ކުރުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ހުށަހެޅުމެއް ހުށަހަޅުއްވައިފި އެވެ.
ވީ ކިހިނެއް؟ - ރައީސް މުހައްމަދު މުއިއްޒަށް އެޑްރެސް ކުރައްވާ މެންބަރު ވަނީ އެފަދަ ކާޑެއް ތައާރަފުކޮށް އެ ނިޒާމު ކުރިއަށް ގެންދެވިދާނެ ގޮތްތަކެއް ހުށަހަޅުއްވައިފަ އެވެ.
ތަފްސީލް - އެ ހުށަހެޅުމުގެ ކަރުދާހަކާ އެކު ރައީސަށް އެޑްރެސްކުރައްވާ ފޮނުއްވި ސިޓީގައި މެންބަރު މުހައްމަދު އިބްރާހިމް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ފޯރުކޮށްދެމުންދާ ތެރަޕީތަކުގެ އަގު ކޮންޓްރޯލު ކުރުމާއި އެފަދަ ކުދިންގެ ނަމުގައި ކްލިނިކުތަކަށް ދައުލަތުން ބޮޑެތި އަދަދުތަކުން ފައިސާ ދައްކާއިރު ވެސް އޭގެ އެއްވެސް ފައިދާއެއް ކުދިންނަށް ނުކުރާކަމުގެ ޝަކުވާ ލިބޭ ކަމަށެވެ.
އެހެންކަމުން މެންބަރު ހުށަހަޅުއްވާފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ބޭނުންވާ ތެރަޕީ ނުވަތަ ފަރުވާގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ޒިންމާދާރުކަން ހިފަހައްޓައި ފުރުސަތުތައް ތަނަވަސްވުން އިތުރު ކުރުމަށް 'ތެރަޕީ ކާޑުގެ ނިޒާމެއް' ތައާރަފު ކުރުމަށެވެ.
ބޭރުގެ ބައެއް ގައުމުތަކުގައި ޗައިލްޑް ޑިވެލޮޕްމެންޓަށް ވަކިން ހާއްސަ ބޭންކު އެކައުންޓު/ވޮލެޓު މިސާލެއްގެ ގޮތުގައި ބަލައިގެން މިފަދަ ނިޒާމެއް ރާއްޖޭގައި ވެސް ހިންގިދާނެ ކަމަށް މެންބަރު ހުށަހެޅުއްވި ކަރުދާހުގައިވެ އެވެ.
ފައިސާ ނުނެގޭ ނުވަތަ ވިތުޑްރޯ ނުކުރެވޭ މި ކާޑަކީ ދެ ފުށް ފެންނަ ނިޒާމެއްގެ ތެރެއިން ހިދުމަތް ފޯރުކޮށްދޭ ތަންތަނަށް އެނގޭނެހެން އެފަދަ ތަންތަނުން ހިދުމަތް ލިބިގަތުމުން އެކަން އެނގޭނެހެން ފަރުމާ ކުރެވޭނެ ނިޒާމެއް ކަމަށް ބުނެފައިވެ އެވެ. އެގޮތުން:
މިއީ ބީއެމްއެލްގެ އެއްބާރުލުމާއެކު މަޝްވަރާކޮށް ހައްލު ހޯދިދާނެ ކަމެއް ކަމަށް އެ ހުށަހެޅުމުގައިވޭ
މިއީއެންސްޕާ އާއި ބީއެމްއެލް ގުޅިގެން ދޫކުރާނެ ކާޑެއްގެ ގޮތުގައި ބޭއްވިދާނެ
ކާޑު މަސައްކަތް ކުރާނީ ކާޑުގެ ބޭނުންކުރުން ވަކި ގޮތްތަކަކަށް ހިފެހެއްޓިފައިވާ ޕްރިޕެއިޑް ވިސާ ކާޑެއްހެން
ކާޑު ބޭނުން ކުރެވޭނީ ތެރަޕީ އާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސަޕޯޓު ފޯރުކޮށްދިނުމަށް ރެޖިސްޓްރީކޮށްފައިވާ ތަންތަނަށް
މިފަދަ ނިޒާމުތައް ހިންގާ ގައުމުތަކުގެ މިސާލު ވެސް މެންބަރު މުހައްމަދު އިބްރާހިމްގެ ހުށަހެޅުމުގައި ވަނީ ހިމަނުއްވައިފަ އެވެ. އެގޮތުން، އޮސްޓްރޭލިއާ، ސިންގަޕޫރު، އެމެރިކާ އަދި ޔޫއޭއީ ފަދަ ގައުމުތަކުގައި މިފަދަ މޮޑެލްތައް ހިންގާ ގޮތާއި އޭގެ ކާމިޔާބީތައް ފާހަގަކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ