ދިއްދޫ، މާރަންދޫ އަދި މަރަދޫ އަށް ރަނގަޅު ފެށުމެއް ދިއްދޫ، މާރަންދޫ އަދި މަރަދޫ އަށް ރަނގަޅު ފެށުމެއް

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ އަތޮޅު ބުރުގެ ކުޅުން އިއްޔެ އާއި ރޭ ކުރިއަށްދިޔައިރު، ހއ. ދިއްދޫ، ހއ. މާރަންދޫ އަދި ސ. މަރަދޫ ރަނގަޅު މޮޅަކުން މުބާރާތް ފަށައިފި އެވެ.
އެ ގޮތުން، ހއ. އަތޮޅު، އަތޮޅު ބުރުގައި އެ އަތޮޅުގެ އެންމެ ފަހުގެ ޗެމްޕިއަން، ވަށަފަރުގެ މައްޗަށް މާރަންދޫ މޮޅުވީ 2-1 އިންނެވެ. އަދި، އެ ގްރޫޕްގެ އަނެއް މެޗުގައި، ދިއްދޫން ވަނީ 3-1 އިން އުތީމު ބަލިކޮށްފަ އެވެ. ވަށަފަރު އަހުމަދު މާއިޝް ރަޝީދު (މާއި) ގޯލެއް ޖަހާފައި ވަނިކޮށް، މާރަންދޫން ނަތީޖާ އަނބުރާލީ ހުމައިދު ހުސައިން އާއި އަހުމަދު މުހައްމަދު ޖެހި ލަނޑުތަކުންނެވެ.
ރޭ ދިއްދޫގެ ޒުނާމް މުހައްމަދު ޒުހައިރު ދެ ގޯލް ޖެހިއިރު، އެ ޓީމުން އަނެއް ލަނޑު ޖެހީ އިބްރާހީމް ނަވާފް ސައީދެވެ. އުތީމުގެ ހަމައެކަނި ގޯލް ޖެހީ މުހައްމަދު ނަބީލް އެވެ.
ރޭގެ މެޗުގައި ކެލާ އިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ
މި އަތޮޅުގެ އަނެއް ގްރޫޕްގައި، ރޭ ކެލާއިން ތުރާކުނު ބަލިކުރީ 6-0 އިންނެވެ. އެ މެޗުގައި ތުރާކުނުގެ ކީޕަރު އަހުމަދު ސުޖާއު އަށް ރަތް ކާޑެއް ދެއްކުމުން އެ ޓީމަށް އުނދަގޫ ހާލަތެއް ކުރިމަތިވި އެވެ. މި މެޗުގައި، ކެލާގެ އިބްރާހީމް ރިޝާލް ހެޓްރިކް ހެދިއިރު، އެ ޓީމުގެ އަނެއް ލަނޑުތައް ޖެހީ އަހުމަދު ލައިޝް އާއި އަހުމަދު ޝަފަގް އަދި އަހުމަދު ވަހީދު އެވެ.
އެ ގްރޫޕުގެ އަނެއް މެޗުގައި، ފިއްލަދޫން 4-1 އިން ބާރަށުގެ މައްޗަށް ކުރިހޯދި އެވެ. މި މެޗުގައި، ބާރަށުގެ އަހުމަދު ސަޒީމް ގޯލެއް ޖަހައި އެ ޓީމަށް ކުރިހޯދައިދިނެވެ. ފިއްލަދޫ އިން ފަހަތުން އަރައި މޮޅުވިއިރު، އެ ޓީމުގެ ލަނޑުތައް ޖެހީ، މުހައްމަދު ހުސާމް، އާދަމް ޝައިދު މުހައްމަދު، އާދަމް އިހުވާން އަދި މުހައްމަދު ޔާމީން އެެވެ.
ގދ. އަތޮޅުގެ އަތޮޅު ބުރުގެ މެޗުތައް ރޭ ފެށިިއިރު، ގްރޫޕް އޭގައި ގައްދޫ ކައިރިން މަޑަވެލި މޮޅުވީ 2-1 އިންނެވެ. ގައްދޫގެ ކެޕްޓަން، އަހުމަދު ރިފްޝާން ގޯލެއް ޖަހައި އެ ޓީމަށް ކުރިހޯދައިދިން މި މެޗުގައި، ފުރަތަމަ ހާފު ނުނިމެނިސް މަޑަވެލީގެ ކެޕްޓަން، ޔައިޝް މުސްތަފާގެ ލަނޑުން އެ ޓީމުން އެއްވަރުކުރިިއިރު، އެ ޓީމު މޮޅުވީ މުހައްމަދު މުއާދު ޖެހި ގޯލުންނެވެ.
މަޑަވެލި ޓީމުގެ މުއާދު ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ
ގދ އަތޮޅު ގްރޫޕް ބީގައި ރޭ ފިޔޯރީ އާއި ރަތަފަންދޫ ބައްދަލުކުރި މެޗު ނިމުނީ، 2-2 އިން އެއްވަރުވެގެންނެވެ.
މި މެޗުގައި ފިޔޯރީގެ ދެ ގޯލް ވެސް ޖެހީ އަބްދުﷲ މަހީލް މުއްތަލިބު އެވެ. އަދި، ރަތަފަންދޫގެ ލަނޑުތައް ކާމިޔާބުކުރީ ރައުފް ވަހީދު އާއި މުހައްމަދު މަޒީން އެވެ.
އައްޑު ސިޓީގެ އަތޮޅު ބުރުގައި ރޭ، ގްރޫޕް އޭގައި ރޭ މަރަދޫން ވަނީ ފަސޭހަކަމާ އެކު، 4-0 އިން މަރަދޫފޭދޫ ބަލިކޮށްފަ އެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ހުސައިން އައިކް މަރަދޫ އަށް ލީޑުނަގައިދިނެވެ.
ދެ ވަނަ ހާފުގައި މަރަދޫގެ އަނެއް ލަނޑުތައް ޖެހީ، މުހައްމަދު ސަހާއު އަލީ ދެ ލަނޑުގެ އިތުރުން، ހުސައިން ޝިއުސް އެވެ.
މަރަދޫ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ
މީދު އާއި ހުޅުމީދޫ 1-1 އިން އެއްވަރުވިއިރު، މެޗުގައި، މީދޫގެ ލަނޑު ޖެހީ އަހުމަދު ސަބާހު އެވެ. އަދި، ހުޅުދޫގެ ލަނޑު ކާމިޔާބުކުރީ އިބްރާހީމް ލީވާން އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގައި މި ފަހަރު 119 ޓީމުން ކުޅޭއިރު، އަންނަ މަހުގެ 14 ވަނަ ދުވަހާ ހަމައަށް މުބާރާތް ކުރިއަށްދާނެ އެވެ.
މުބާރާތުގައި މިއަަދު ހަވީރު ހަތަރު މެޗު އަދި މިރޭ އަށް މެޗު ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ