ކުރީގެ ސަރުކާރުން ފްލެޓް ދިން އުސޫލު އެންމެ ރަނގަޅު ކަމަށް ނުފެންނާތީ، ސޯޝަލް ހައުސިން މަޝްރޫއުތަކުން ފްލެޓް ދޭން ޖެހޭ ކަމަށް އޭރުގެ ސަރުކާރުން އާންމުކުރި ލިސްޓަށް މި ސަރުކާރުން އަޅާ ފްލެޓްތައް ދޫނުކުރާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.
ވީކިހިނެއް؟ - މި ސަރުކާރުގެ މިހާރުގެ ޕްލޭނަކީ މި ފަސް އަހަރުގެ ދައުރުގެ ތެރޭގައި، މާލެ ސަރަހައްދުގައި 12،000 ހައުސިން އަޅައި ދޫކުރުމެވެ. އޭގެ ތެރެއިން ސޯޝަލް ހައުސިން އަކީ 7،700 އެވެ.
އެ ގޮތުން:
އިންޑިއާގެ އެހީގައި 4،000 ޔުނިޓް
ބީއެމްއެލްގެ ސްކީމުން 3،000 ޔުނިޓް
ބައިލެޓެރަލް އެކި އިންތިޒާމުތަކުގެ ތެރެއިން 700
މި ސަރުކާރުގެ ސްކީމްތަކަށް މިދިޔަ ނޮވެމްބަރު މަހު މުޅިން އާ އުސޫލެއް ނެރެފައިވާއިރު މިދިޔަ ސަރުކާރުން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު، ދެވަނަ ބުރު ބޭއްވުމުގެ ކުރިން ފްލެޓް ދޭނެ މީހުންގެ ލިސްޓެއް ނެރުނެވެ. އޭގައިވަނީ:
ދެ ކޮޓަރީގެ އެޕާޓުމެންޓަށް 4،939 މީހުންނަށް ޝަރުތުހަމަވާ ކަމަށް
ތިން ކޮޓަރީގެ އެޕާޓުމެންޓަށް 3،721 މީހުންނަށް ޝަރުތުހަމަވާ ކަމަށް
މިއީ ޖުމުލަ 8،660 މީހުން
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ސުވާލުކުރީ، މިދިޔަ ސަރުކާރުން ދެވަނަ ބުރު އާންމުކުރި ފްލެޓް ލިބޭ މީހުންގެ ލިސްޓަށް ވީ ކިހިނެއްތޯ އެވެ.
ބުނީ ކީކޭ؟ - އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ކުރީގެ ސަރުކާރުން ނެރުނު ލިސްޓަކީ އިންސާފުވެރިކޮށް އޮތް ލިސްޓެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި ފުރިހަމައަށް އޮތް ލިސްޓެއް ވެސް ނޫން ކަމަށް ވިދާޅުވި އެވެ.
"އިންތިހާބަށް ވަރަށް ކައިރިކޮށްފައި، ހަމަ އެޕްލައިކުރި ހުރިހާ އެންމެނަށް އިންނަނީ ޕޯޓަލްގައި ޖަހާފައި ޝަރުތު ހަމަވެއޭ، ފްލެޓް ލިބޭނެއޭ. އެއީ ކޮން ތަނަކުން ކޮން ގޮތަކަށް ލިބޭ ފްލެޓެއް ކަމެއް، އެއިން އެއްވެސް އެއްޗެއް ނެތް،" މިނިސްޓަރު ވިދާޅުވި އެވެ.
އޭރުގެ ސްކީމްގެ އުސޫލަކީ ވެސް ފަސޭހައިން ބެލޭނެ ގޮތަށް ވެސް އޮތް ސްކީމެއް ނޫން ކަމަށް މުއްތޮލިބް ވިދާޅުވި އެވެ.
"މިސާލަކަށް މި އޮންނަނީ އެއް ފާހާނާ ބޭނުންކުރާ ހަ މީހަކު އުޅޭ ކަމަށް. އެކަމަކު އެ އުސޫލުގައި ނޯވޭ އެއީ ކޮން ބަޔަކަށް ކަމެއް ވާން ޖެހޭނީ. ހަމަ ބޭރުން ބަޔަކު އައިސް ބޭނުންކޮށްލަނީ ކަމެއް. ހަމަހަމަ އިންސާފުވެރި އުސޫލަކުން ޗެކްކޮށްލެވޭނެ ގޮތަކަށް އޮތް އެއްޗެއް ވެސް ނޫން،" އޭނާ ވިދާޅުވި އެވެ.
އެހެންވެގެން ކުރިއަށް އޮތް ތަނުގައި ހިންގާ އެއްވެސް ސޯޝަލް ހައުސިން ސްކީމަކަށް ފްލެޓް ދޭން އެ ލިސްޓަށް ދެން އެއްވެސް ވަރަަކަށް ނުބައްލަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ގަބޫލެއް ނުކުރަމޭ، ސަރުކާރުން ނިމެން ދަނިކޮށް ފްލެޓް ލިބެއޭ ޖަހާފައި އޮތަކަސް ދެން ހަމަ އެ ފަރާތްތަކަށް މި ސަރުކާރުން އަޅާ ހުރިހާ ފްލެޓެއް އެލޮކޭޓް [ހާއްސަ] ކޮށްފައި ދޭން ޖެހޭނެ ކަމަކަށް. އެ ލިސްޓަށް އަޅުގަނޑުމެން ކޮންސިޑާއެއް ނުކުރާނަން،" މުއްތޮލިބް ވިދާޅުވި އެވެ.
މިދިޔަ 16 ނޮވެމްބަރުގައި މި ސަރުކާރުން ވަނީ 'ބޯހިޔާވަހިކަން އެންމެނަށް' ނަމުގައި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތަކާއި އެ ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓް ދޫކުރާނެ ގޮތުގެ އުސޫލެއް އާންމުކޮށްފަ އެވެ.
ހިޔާ ފްލެޓްގެ ލިޔުން ލިބި، ނަމަވެސް މިދިޔަ ސަރުކާރުން ފްލެޓް ނުދިން މީހުންނަށް ހާއްސަކުރާ ސްލޮޓްތަކުގެ އިތުރުން ބާކީ ދެން ހުރި ސްލޮޓްތަކަށް ފްލެޓް ހޯދަން އާ އުސޫލުގެ ތެރެއިން އަލުން ހުށަހަޅަން ޖެހޭނެ ކަމަށް މިނިސްޓަރު މިއަދު ވިދާޅުވި އެވެ.
މި ސަރުކާރުން އަޅާ އާ ފްލެޓްތަކަށް ކުރީ ސަރުކާރުގެ ލިސްޓަށް ނުބަލާނަން: މުއްތޮލިބް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ