އެމްޕީއެލްގެ ބަނދަރުތަކުގެ ސަލާމަތީ ކަންކަން ވެސް ހަވާލުކޮށް، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑަށް ބަދަލެއް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިނިސްޓްރީ އޮފް ޑިފެންސްގެ ދަށުން ހިންގަމުންދާ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް (އެވްސްކޮމް)އަށް ބަދަލުތަކެއް ގެންނަވައި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ދަށުގައި އޮތް ބަނދަރުތަކުގެ ސަލާމަތީ ކަންކަން އެ އިދާރާއާ މިއަދު ހަވާލުކުރައްވައިފިއެވެ. ރައީސް އޮފީހުން މިއަދު އާންމުކުރި މައުލޫމާތުގައިވާ ގޮތުން، ރައީސް ވަނީ އެވްސްކޮމްގެ ނަން "އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑް"ގެ ނަމަށް ބަދަލުކުރައްވައިފިއެވެ. އެ ބަދަލު ގެންނެވީ ރާއްޖޭގެ ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކާއި ޕޯޓް ފެސިލިޓީތަކުގެ ސަލާމަތްތެރިކަން ބެލެހެއްޓުމުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް، ސަރުކާރުގެ އިދާރާއަކުން ކުރާގޮތަށް ހަމަޖެއްސުމުގެ ބޭނުމުގައި ކަމަށް އެ އޮފީހުން ބުންޏެވެ. އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ މުވައްޒަފުންތަކެއް: ބަނދަރުތައް ބެލެހެއްޓުން ވެސް ވަނީ އެ އިދާރާއާ ހަވާލުކޮށްފައި --- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް ރައީސް އޮފީހުން ވަނީ، އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑަށް ދައުލަތުގެ އިދާރާތަކުން ލިޔާ ސިޓީގައި ނަންބަރު ޖެހުމުގައި 453 ނަމްބަރު ބޭނުން ކުރުމަށް އެދިފައެވެ. އެއީ މިހާތަނަށް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑަށް ހަމަޖައްސަވައިފައިވާ ނަންބަރު ކަން އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ. އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް އުފެއްދެވީ ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދެވެ. ކެބިނެޓް ބައްދަލުވުމަކަށްފަހު އެކުލަވާލި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް ގާއިމުކުރީ ޖަނަވަރީ 1، 2013 ގައެވެެ. އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް އުފެއްދީ އޭވިއޭޝަންގެ ގާނޫނުތަކާ އެއްގޮތަށް އޭވިއޭޝަން ސެކިއުރިޓީގެ ސިޔާސަތުތަކާ އުސޫލުތައް އެކުލަވާލުމަށެވެ. އެމްޕީއެލްގެ ބަނދަރުތަކުގެ ސަލާމަތީ ކަންކަން މިހާތަނަށް ބަލަހައްޓަމުން އައީ އެ ކުންފުނިންނެވެ. އެ ކުންފުނިން އަންނަނީ ރާއްޖޭގެ މައި ވިޔަފާރި ބަނދަރު، މާލޭ ކޮމާޝަލް ހާބަރާއި ހުޅުމާލެ ހާބަރާއި ހދ. ކުޅުދުއްފުށީ ބަނދަރާއި އައްޑޫ ހިތަދޫ ބަނދަރު ބަލަހައްޓަމުންނެވެ. https://sun.mv/213511 އޭގެ ތެރެއިން ހުޅުމާލޭ ބަނދަރުގައި މި އަހަރު ވަނީ ވަރަށް ބޮޑު ވައްކަމެއް ހިނގައިފައެވެ. އެގޮތުން، ކަސްޓަމްސްއިން އެޕްރީލް މަހުގެ 26 ވަނަ ދުވަހު ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓުގެ ވަނީ ވަގަށް ނަގައިފައެވެ. އެ މައްސަލަ ފުލުހަށް ހުށަހެޅީ މިދިޔަ އޮކްޓޫބަރު މަހުގެ ނުވަ ވަނަ ދުވަހު ކަމަށްވާއިރު، އެ މައްސަލައިގައި ހައްޔަރުކޮށް ދައުވާ ކުރި މީހުންގެ ތެރޭގައި އެމްޕީއެލްގެ މުވައްޒަފަކު ވެސް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ