ބީއެމްއެލްއިން ސްޕެޝަލް އޮލިމްޕިކްސްއާ އެކު އެތުލީޓުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދެނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްއާ ގުޅިގެން އެންމެން ޝާމިލުވާ ކުޅިވަރުގެ މާހައުލެއް ބިނާކުރުމަށް ޕާޓްނަޝިޕެއް ގާއިމުކޮށްފި އެވެ.
ވީ ކިހިނެއް؟ - މިއީ، ބީއެމްއެލް އިން ބުނި ގޮތުގައި، މުޖުތަމައުގެ ހުރިހާ ފަރުދުންނަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށާއި ކަންކަމުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ބޭންކުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ނިންމި ނިންމުމެކެވެ.
ތަފްސީލް - މި ޕާޓްނަޝިޕްގެ ދަށުން:
ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގައި ރަޖިސްޓްރީވެފައިވާ 500އަށް ވުރެ ގިނަ އެތުލީޓުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމްތަކާއި ސިއްހީ ހަރަކާތްތަކާއި އާއިލީ ގުޅުން ބަދަހިކުރުމުގެ ހަރަކާތްތަކުގެ އިތުރުން ލީޑަޝިޕް ޕްރޮގްރާމްތަކަށާއި ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ ތަމްސީލުކުރުމަށް އެ ބޭންކުން އެހީތެރިކަން ފޯރުކޮށްދޭނެ 
މުޖުތަމައަށް އަމާޒުކޮށްގެން ހިންގާ ތަފާތު ހަރަކާތްތަކަށް ވެސް މި ޕާޓްނަޝިޕްގެ ދަށުން އެއްބާރުލުން ދޭނެ
ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްއަކީ ދުނިޔޭގެ ސްޕެޝަލް އޮލިމްޕިކްސް ހަރަކާތުގެ ރާއްޖޭގެ ގޮފި ކަމަށްވާއިރު، އެ ޖަމިއްޔާގެ މައިގަނޑު މަގުސަދަކީ އިންޓެލެކްޗްއަލް ޑިސްއެބިލިޓީސް ހުންނަ ކުދިންނާއި ޒުވާނުން ބާރުވެރިކުރުވުމެވެ.
އަހަރު ދުވަހުގެ މުއްދަތަށް ބަހާލައިގެން ކުރިއަށްގެންދާ ކުޅިވަރު ތަމްރީނުތަކާއި މުބާރާތްތަކުގެ ޒަރީއާއިން އެތުލީޓުންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކުރުމަށާއި ޖިސްމާނީ ދުޅަހެޔޮކަން އިތުރުކުރުމުގެ އިތުރުން ދިރިއުޅުމުގެ މުހިންމު ހުނަރުތައް ތަރައްގީކުރުމަށް އެހީތެރިވެދެ އެވެ.
މުޖުތަމައުގައި އެފަދަ ފަރާތްތައް ބަލައިގަތުމާއި އިހުތިރާމް ހޯދައިދިނުމުގެ އިތުރުން ހަމަހަމަ ފުރުސަތުތައް ފަހިކޮށްދިނުމަކީވެސް އެ ޖަމިއްޔާގެ މުހިންމު އަމާޒެކެވެ.
ފާހަގަކޮށްލެވޭ - ބީއެމްއެލް އިން އަންނަނީ ގައުމީ ފެންވަރުގައި ހިންގާ އެކި ހަރަކާތްތަކާއި ޕާޓްނަޝިޕްތަކުގެ ޒަރީއާއިން ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށާއި ޒުވާނުންނަށް ފުރުސަތުތައް ހޯދައިދިނުމަށް އަބަދު ވެސް މަސައްކަތް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ