އިސްރާއީލަށް ހަތިޔާރު ވިއްކުން ހުއްޓުވުމަށް ކުރި މަސައްކަތަށް، އެމެރިކާގެ ސެނެޓުން ދެކޮޅު ހަދައިފި
އެމެރިކާއިން އިސްރާއީލަށް ވިއްކުމަށް ހުށަހަޅާފައިވާ ގާތްގަނޑަކަށް 500 މިލިއަން ޑޮލަރުގެ ހަތިޔާރު ފޮނުވުން ހުއްޓުވުމަށް, އިދިކޮޅު ޑިމޮކްރެޓިކް ޕާޓީއާ ގުޅުން އޮންނަ މިނިވަން މެމްބަރު، ސެނެޓާ ބާނީ ސެންޑާސް ހުށަހެޅުއްވި ޖޮއިންޓް ދެ ގަރާރަކާ އެމެރިކާގެ ސެނެޓުން ދެކޮޅު ހަދައިފިއެވެ. އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރަށް ބޮމާއި، ހަތިޔާރިއެޅި ބްލްޑޯޒަރުތައް ދިނުން ހުއްޓުވުމަށް އަމާޒުކޮށް ހުށަހެޅި ހުށަހެޅުންތައް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މަތީގެ، ސެނެޓުން ވަނީ ބޭރުކޮށްލާފައެވެ. އެގޮތުން 295 މިލިއަން ޑޮލަރުގެ ހަތިޔާރުއެޅި ބުލްޑޯޒަރުތައް ވިއްކުން މަނާކުރުމަށް ހުށަހެޅި ފުރަތަމަ ހުށަހެޅުމާ އެއްކޮޅަށް ވޯޓު ދިނީ 40 މެމްބަރުންނެވެ. އެ ހުށަހެޅުމާ ދެކޮޅަށް 59 މެމްބަރުން ވޯޓުދީފައިވެއެެވެ. އެ ހުށަހެޅުމާ ދެކޮޅަށް ޑިމޮކްރެޓިކް ޕާޓީގެ ސެނެޓަރުންތަކެއް ވެސް ވޯޓު ދެެއްވިއެވެ. އޭގެ ތެރޭގައި ރިޗް ބްލޫމެންތަލް، ކްރިސް ކޫންސް، ކެތަރިން ކޯޓެޒް މާސްޓޯ، ޖޯން ފެޓާމަން، ކާސްޓެން ގިލިބްރޭންޑް، ޖެކީ ރޯސަން އަދި މެޖޯރިޓީ ލީޑަރު ޗަކް ޝުމާ ހިމެނެއެވެ. ދެވަނަ ހުށަހެޅުން ކަމަށްވާ، 151.8 މިލިއަން ޑޮލަރުގެ ބޮން ވިއްކުން ހުއްޓުވުމަށް ހުށަހެޅި ހުށަހެޅުންވެސް ވަނީ ބާތިލްކޮށްފައެވެ. އިސްރާއީލުން އޮކްޓޫބަރު 2023ގައި ހަނގުރާމަ ފެށި ފަހުން، މިހާތަނަށް އެމެރިކާއިން އިސްރާއީލަށް 21 ބިލިއަން ޑޮލަރަށް ވުރެ ގިނަ ޑޮލަރުގެ އަސްކަރީ އެހީ ފޯރުކޮށްދީފައިވެއެވެ. ސެންޑާސް ވަނީ ހަތިޔާރު ވިއްކުމަށް ފާޑުވިދާޅުވެ ބުލްޑޯޒަރުތަކަކީ "ހިފާފައިވާ ހުޅަނގު އައްސޭރިއާއި ޣައްޒާގެ ގެތައް ތަޅާލައި ފަލަސްތީނުގެ ދައުލަތެއް ޖިސްމާނީ ގޮތުން މުސްތަޙީލު ކުރުމަށް ބޭނުންކުރާ މެޝިންތަކެއް" ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އެމެރިކާގެ ރައްޔިތުން "ގާނޫނާ ޚިލާފު، ބިރުވެރި އަދި ފުޅާވަމުން އަންނަ ހަނގުރާމަވެރި ސިޔާސަތުތަކަށް" ފައިސާ ދޭން ބޭނުން ނުވާ ކަމަށެވެ. ސެންޑާސް އިތުރަށް ވިދާޅުވީ ލުބުނާނުގައި އިސްރާއީލުން ހިންގި އަމަލުތަކުގެ ސަބަބުން 2،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށެވެ. ޣައްޒާ ހަނގުރާމަ މިދިޔަ އަހަރު އޮކްޓޯބަރު މަހު ހުއްޓާލުމުގެ އެއްބަސްވުމަކަށް އައިސްފައިވީ ނަމަވެސް އިސްރާއީލުން އަދިވެސް އަންނަނީ ހަމަލާތައް ދެމުންނެވެ. ހަނގުރާމަ ފެށުނު ފަހުން ޣައްޒާގައި މަރުވި މީހުންގެ އަދަދު ވަނީ 72،000 އަށް ވުރެ މައްޗަށް ގޮސްފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނާ ހަނގުރާމަ ކުރުމުގެ ބާރު ކޮންޓްރޯލް ކުރުމަށް ނެރުނު ގަރާރުވެސް ގާނޫނު ހަދާ މަޖިލީހުގައި ވަނީ ނާކާމިޔާބުވެފައެވެ. އެއީ އެ ގަރާރު ނާކާމިޔާބުވާ ހަތަރު ވަަނަ ފަހަރެވެ. އެމެރިކާގެ ގާނޫނު އަސާސީގައި ހަނގުރާމައަކަށް ދިއުމުގެ ނިންމުން ނިންމޭނީ ކޮންގްރެސްގެ ހުއްދަ ލިބިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ