މި މަހުގެ ތެރޭގައި ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 25 ޕަސެންޓް ދަށްވެއްޖެ

މި އަހަރުގެ އޭޕްރިލް މަހުގެ ފުރަތަމަ 14 ދުވަހުގެ ތެރޭގައި ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު 25 ޕަސެންޓް ދަށްވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އޭޕްރިލް މަހުގެ ފުރަތަމަ 14 ދުވަހު ރާއްޖެ އައިސްފައިވަނީ 72،585 ޓޫރިސްޓެކެވެ.
އެއީ ބިޒްނަސް އެރައިވަލްސް އާއި ކްރޫޒް ޕެސެންޖަރުން ނުލަ އެވެ. އެ ދެ ކެޓަގަރީގެ ދަށުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ޓޫރިޒަމް މިނިސްޓްރީން އާންމުކުރަނީ ކޮންމެ މަހެއް ނިމިގެންނެވެ.
މި މަހުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންނަކީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ފުރަތަމަ 14 ދުވަހުގެ ތެރޭގައި ރާއްޖެ އައި 97،514 ޓޫރިސްޓުންނަށްވުރެ 25.6 ޕަސެންޓުގެ ދަށްވުމެކެވެ.
އަހަރުގެ މިހާތަނަށް އައި ޓޫރިސްޓުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ޖަނަވަރީ 1 އިން އޭޕްރިލް 14 އަށް ޖުމުލަ 721،160 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 2.3 ޕަސެންޓުގެ ދަށްވުމެކެވެ.
އެ އަދަދުގެ ތެރޭގައި ހިމެނެނީ ޓޫރިސްޓުންގެ ގޮތުގައި އައި 706،354 ޓޫރިސްޓުންނާއި ބިޒްނަސް އެރައިވަލްސްގެ ގޮތުގައި އައި 4،455 ޓޫރިސްޓުން އަދި ކްރޫޒް ޕެސެންޖާސްގެ ގޮތުގައި ރާއްޖެ އައި 10،351 ޓޫރިސްޓުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ