ބިދޭސީ މުވައްޒަފުންގެ ކަންކަން ބަލަހައްޓަން ސަރުކާރުން ހަރަދު ކޮށްގެން ތައްޔާރުކުރި އޮންލައިން އެކްސްޕެޓު ސިސްޓަމް ބޭނުން ކުރުން ހުއްޓާލައި، މެލޭޝިއާގެ ބެސްޓިނެޓްގެ އެކްސްޕެޓް ސިސްޓަމް ޓެސްޓުކުރަން ފަށައިފި އެވެ.
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އަދަދު އަށް ވިދާޅުވީ ބެސްޓިނެޓް އެކްސްޕެޓް ސިސްޓަމް މިވަގުތު އަމިއްލަ ދެ ކުންފުންޏަކާއި ސަރުކާރު ހިއްސާވާ ދެ ކުންފުނި (އެސްއޯއީ) އަކުން ލައިވްކޮށް ޓެސްޓުކުރަމުންދާ ކަމަށެވެެ.
"ބައެއް ކުންފުނިތައް ލައިވްކޮށް ޓެސްޓުކުރަމުންދަނީ މިހާރު. އޭގައި ޕްރައިވެޓް ސެކްޓާގެ ދެ ކުންފުންޏަކާއި އެސްއޯއީގެ ދެތަން ހިމެނޭ،" މިނިސްޓަރު ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ އެ ސިސްޓަމް ޓެސްޓުކުރުމުގެ ތެރޭގައި ގެންނަން ޖެހޭ ބަދަލުތައް ގެނެސް، ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ރަސްމީކޮށް އެ ސިސްޓަމް ބޭނުންކުރަން ފެށޭނެ ކަމަށެވެ. ނަމަވެސް ސިސްޓަމް ބޭނުންކުރަން ފެށޭނެ ސީދާ ތާރީހެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.
"ލަސްވާ ކޮންމެ ދުވަހެއް އަޅުގަނޑުމެންނަށް ވެސް މިހާރު ލަސް. ބައެއް ފީޗާސްތައް އިމީޑިއަޓްލީ އެބަ ބޭނުންވޭ މިހާރު ކުރިއަށްގެންދާ ރެގިއުލަރައިޒޭޝަންއާ އެކަންކަމުގައި،" މިނިސްޓަރު ވިދާޅުވި އެވެ.
ބެސްޓިނެޓް އެކްސްޕެޓް ސިސްޓަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ގެންނަން ބޭނުންވާ ބަދަލުތައް ގެނެސްް، އެ ސިސްޓަމްގެ ފޭސް 1 ޑިސެމްބަރު 20، ގައި ފަށާނެ ކަމަށް ކުރިން އިހުސާން ވިދާޅުވި އެވެ. އޭގެ ކުރިން ވެސް ބެސްޓިނެޓުގެ ހިދުމަތް ފަށާނެ ކަމަށް ވިދާޅުވެ އިހުސާން އެކި ތާރީހުތަކެއް ދެއްވާފައިވެ އެވެ.
އިހުސާން ކުރިން ވިދާޅުވީ އެކްސްޕެޓް ސިސްޓަމްގެ މަސައްކަތް ފަށާނީ އިތުރު ފަސޭހަ ފަންކްޝަންސްތައް ވެސް އިތުރުކޮށްގެން ކަމަށެވެ.
މެލޭޝިއާގެ ބެސްޓިނެޓް ކުންފުންޏާއެކު އެކްސްޕެޓް ސިސްޓަމެއް ހަދަން އެއްބަސްވީ، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ހެދި އެއްބަސްވުން ކުރިއަށް ނުގޮސް، ގެއްލުމުގެ ބަދަލު ދޭން ޖެހޭތީ ކަމަށް އިހުސާން މީގެ ކުރިން ވިދާޅުވެފައިވެ އެވެ.
އިހުސާން ވިދާޅުވީ އެ އެއްބަސްވުމާ ގުޅިގެން ގެއްލުމުގެ ބަދަލުގެ ގޮތުގައި 13.7 މިލިއަން ޑޮލަރު އެ ކުންފުންޏަށް ދޭންޖެހޭތީ، އެއްފަހަރާ އެ ފައިސާ ދެއްކެން ނެތުމުން އޭގެ ބަދަލުގައި އާ އެކްސްޕެޓް ސިސްޓަމެއް ގާއިމުކުރުމުގެ އެއްބަސްވުމަކަށް ދިޔައީ ކަމަށެވެ.
ރާއްޖޭގައި ވަޒީފާ އަދާކުރަން އަންނަ ބިދޭސީއެއްގެ އަތުން މިހާރު އަހަރަކު 6,200ރ. ދައުލަތަށް ވަދެ އެވެ. އެއީ 2,000ރ. ގެ ކޯޓާ ފީ އާއި ކޮންމެ މަހަކު 350ރ. ގެ ރޭޓުން ނަގާ 4,200ރ. ގެ ވޯކް ޕާމިޓް ފީ އެވެ.
ބެސްޓިނެޓް އައު އެއްބަސްވުމުގައިވާ ގޮތުން ބިދޭސީއެއްގެ ބޮލަކަށް އަހަރަކު 100 ޑޮލަރު ނުވަތަ 1,542ރ. ސަރުކާރުން އެ ކުންފުންޏަށް ދައްކަން ޖެހޭނެ އެވެ. އަދި މެޑިކަލް އިންޝުއަރަންސްގެ ކަންކަމަށް ބޮލަކަށް 50 ޑޮލަރު (771ރ.) ވަޒީފާ އަށް އަންނަ ފަރާތުން ބެސްޓިނެޓަށް ދައްކަން ޖެހޭނެ އެވެ.
މިހެން ހުރި ފައިސާތައް އެއްކޮށްލުމުން އެއްބަސްވުން ހިނގާ 15 އަހަރުގެ މުއްދަތުގެ ތެރޭގައި ބެސްޓިނެޓަށް 6.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކުރެ ވެ އެވެ.
ބެސްޓިނެޓުގެ އެކްސްޕެޓް ސިސްޓަމް ޓެސްޓުކުރަން ފަށައިފި ބެސްޓިނެޓުގެ އެކްސްޕެޓް ސިސްޓަމް ޓެސްޓުކުރަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ