ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އައު އީއާރާއި ޑައިލިސިސް އެކްސްޓެންޝަން އިމާރާތް ހުޅުއްވައިދެއްވައިފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ޑައިލިސިސް އެކްސްޓެންޝަން އިމާރާތާއި އައު އިމަޖެންސީ ރޫމް (އީއާރު) ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު ހުޅުއްވައިދެއްވައިފިއެވެ. މި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަޑައިގަތުމުން އެކަމަނާއަށް މަރުޙަބާ ދެންނެވީ އެ ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިވް އޮފިސާ ނާޠިމާ ޢަލީއެވެ. މިއަދު ޚިދުމަތް ފުޅާކުރެވުނު ޑައިލިސިސް އެކްސްޓެންޝަން އިމާރާތުގައި އެއްފަހަރާ ނުވަ މީހުންނަށް ޑައިލިސިސް ހެދޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އަދި އައު އީއާރުގައި ހަ އެނދާއެކު ޚިދުމަތް ވަނީ ފުޅާކޮށްފައެވެ. މީގެ އިތުރުން، އެ ހޮސްޕިޓަލުގައި އަލަށް އިމާރާތްކުރާ އައިސޮލޭޝަން ފެސިލިޓީގެ ބިންގާ ވެސް މިއަދު ވަނީ އަޅުއްވާފައެވެ. މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމެވެ. މި ފެސިލިޓީގައި ޕްރައިވެޓް ރޫމްތަކާއި، 800 މީހުންގެ ޖާގައިގެ އޮޑިޓޯރިއަމެއްގެ އިތުރުން ކޮންވަޓިބަލް ކަރަންޓީނު ފެސިލިޓީއެއް ހުންނާނެކަމަށް ސަރުކާރުން މަޢުލޫމާތުދެއެވެ. އަތޮޅުތެރޭގެ ޞިއްޙީ ޚިދުމަތް ފުޅާކޮށް ތަރައްޤީކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ ޓާޝަރީ ފެންވަރަށް ތަރައްޤީކުރަމުން އަންނަ މަރުކަޒެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ