މެދުއިރުމަތީގެ ހަމަނުޖެހުމާ ގުޅިގެން ދިމާވަމުންދާ ދަތިތަކުން އަރައިގަތުމަށް ރާއްޖެއަށް މުދާ އެތެރެކުރުމަށް ވައިގެ މަގުންނާއި ކަނޑުމަގުން އިތުރު ރޫޓުތައް ހޯދުމަށް މަސައްކަތް ކުރަން ފަށާފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ވަޒީރުންގެ ހާއްސަ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ކަނޑުމަގުން ރާއްޖެއަށް މުދާ އެތެރެކުރުމުގައި ދަތިތަކެއް ކުރިމަތިވަމުން އަންނަ ކަމަށާއި ޔޫއޭއިން އިން އެތެރެކުރާ ބާވަތްތައް ވެސް މަދުވެފައިވާ ކަމަށެވެ.
މި ކަމަށް ހައްލު ހޯދުމަށް މުދާ ގެންނަ މާކެޓްތަކުގެ ތެރެއިން އެހެން މާކެޓްތަކުން އެތެރެކުރަން ނިންމައި އެކާމާ ގުޅޭ ގޮތުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އިންޑިއާ، ޗައިނާ، ތައިލެންޑް، ވިއެޓްނާމް އަދި އިންޑޮނޭޝިއާ ފަދަ ގައުމުތަކަކީ ކުރިންވެސް މުދާ ގެންނަމުންދާ ގައުމުތައް ކަމަށާއި، މިހާތަނަށް ރާއްޖެއާއެކު މާބޮޑު ވިޔަފާރީގެ ގުޅުމެއް ބަދަހިވެފައި ނުވާ މާކެޓްތަކާއެކު ވެސް ވިޔަފާރީގެ ގުޅުން ކުރިއަށް ގެންދިއުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ވިޔަފާރިއާ ގުޅިގެން ހިންގާ މުއާމަލާތްތަކުގެ ތެރެއިން އިންޑޮނޭޝިއާއަކީ ފަތުރުވެރިކަމާ ގުޅޭ މުދަލާއި ފަރުނީޗާ ފިޓިންގްސް ފަދަ ތަކެތި ރާއްޖެއަށް އެތެރެކުރާ ގައުމެއް ކަމަށާއި ނަމަވެސް އެ ގައުމަކީ ވެސް ފުޅާ ދާއިރާއެއްގައި ރާއްޖެއަށް ގެންނަ އަސާސީ މުދާ ގެނެވެން ހުރި ގައުމެއް ކަމަށް ސައީދު ވިދާޅުވިއެވެ. އެގޮތުން އެގައުމާއެކު އެފަދަ މުދާތައް ގެނައުމަށް ވައިގެ މަގުންނާއި ކަނޑުމަގުން މުދާ ގެނެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ. މީގެ ސަބަބުން މުދާ އުފުލޭނެ އާ މަގުތަކެއް އުފެދިގެން އަންނާނެ ކަމަށް ސައީދު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ތައިލޭންޑާއި މެލޭޝިއާއާއެކު ވެސް އިތުރު މުދާތައް ގެނެވެން އެބަ ހުރި ކަމަށާއި އެފަދަ އިންތިޒާމްތައް ހަމަޖެއްސުމަށް ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މެދުއިރުމަތީގެ ހަމަނުޖެހުން ހޫނު ގަދަވަމުން އަންނަ މި ދަނޑިވަޅުގައި ރާއްޖެއަށް ކޮންސްޓަރަކްޝަން މެތީރިއަލްސް ލިބުމުގައި ވެސް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މި ދަތިތަކުން އަރައިގަތުމަށް މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން ފޯ ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އާ އެކު ވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށް ސައީދު ވިދާޅުވިއެވެ. އެގޮތުން މަސީގެ ހުށަހެޅުންތަކާ މެދުވެސް ވަޒީރުންގެ ކޮމިޓީގައި މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖެއަށް އެތެރެކުރާ އަސާސީ ކާބީތަކެއްޗާއި ކޮންސްޓަކްޝަން މެޓީރިއަލްސް އަދި ތެޔޮ އެތެރެކުރުމުގައި އެސްޓީއޯއާއެކުގައި މަސައްކަތް ކުރަމުން އަންނަ ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަސާސީ ކަބޯތަކެއްޗާއި ތެލުގެ ރިޒާވް ވެސް ގާއިމް ކުރުމަށ ްވެސް މަސައްކަތް ކުރަމުން އަންނަ ކަން ތަކުރާރު ކުރައްވަމުން ސައީދު ވިދާޅުވީ، އިތުރު މާކެޓްތައް ހޯދަން ވެސް އިތުރު މަސައްކަތް ކުރަމުްނދާ އިރު އެކަމާ ގުޅިގެން ކުރިއެރުންތައް ވެސް ލިބެމުން އަންނަ ކަމަށެވެ.
ރާއްޖެއަށް މުދާ އެތެރެކުރުމަށް ދަތިތަކާ ކުރިމަތިވޭ، އިތުރު ރޫޓްތައް ހޯދަނީ: ސައީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ