ހިންގަން ދަތިވާ ރިސޯޓުތަކަށް ބީއެމްއެލްއިން ފެސިލިޓީއެއް ހަމަޖައްސައިދެނީ

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ފަތުރުވެރިކަމަށް އަސަރުކޮށް، މި ދުވަސްވަރު ހިންގަން ދަތިވެފައިވާ ރިސޯޓުތަކަށް ބީއެމްއެލްއިން ފެސިލިޓީއެއް ހަމަޖައްސައިދޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ކުރިމަތިވެދާނެ ދަތިތައް ހައްލުކުރުމަށް ގުޅިގެން ފިޔަވަޅުތައް އެޅުމަށް ރައީސް މުހައްމަދު މުއިއްޒު އުފައްދަވައިފައިވާ ހާއްސަ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު ތޯރިގް ވިދާޅުވީ ހަދަމުންދާ ރިސޯޓުތަކުގެ އިތުރުން އަންނަ ފަތުރުވެރިންގެ އަދަދު މަދުވުމުގެ ސަބަބުން މިހާރު ވެސް އޮޕަރޭޓުކުރާ ރިސޯޓުތައް ހިންގުމުގައި މެނޭޖްމަންޓަށް ދަތިތަކެއް ހުރިކަން ފާހަގަވެފައިވާ ކަމަށެވެ.
ބުނީ ކީކޭ؟ - ތޯރިގު ވިދާޅުވީ އެ ދަތިތަކާ ގުޅޭގޮތުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ)އާ ވެސް މަޝްވަރާތަކެއް ކޮށްފައިވާ ކަމަށެވެ.
އެ މަޝްވަރާތަކުގެ އަލީގައި ތޯރިގު ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާއަތުން ބޭނުންވި އެއް ކަމަކީ، މިހާރު އޮޕަރޭޝަންސްއަށް ދަތިވެފައި ހުރި ބައެއް ރިސޯޓުތަކުން ބޭންކުތަކާ ވާހަކަދައްކައިގެން އެކި ކަހަލަ ފައިނޭންޝަލް ފެސިލިޓީސް ހޯދައިދިނުމަށް ކަމަށެވެ.
"އަޅުގަނޑުމެން ބީއެމްއެލްއާ ވެސް ވާހަކަދައްކައިފިން. ވާހަކަދައްކައިގެން އަޅުގަނޑުމެން މި ދަނީ ބީއެމްއެލްއާ އެއްކޮށް ރިސޯޓުތަކުގެ އޮޕަރޭޝަންސްގައި ދަތިވާ ފަރާތްތަކަށް އެ ބޭފުޅުންގެ އެކި ކަހަލަ ފެސިލިޓީތައް ފޯރުކޮށްދޭން ބީއެމްއެލްއިން ތައްޔާރަށް ތިބީ. އަދި މިހާރު ވެސް އެ މަސައްކަތް ރިސޯޓުތަކާ އެކު ކުރެވެމުންދޭ،" ތޯރިގު ވިދާޅުވި އެވެ.
"އެހެންވީމަ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އިތުރަށް ބީއެމްއެލްއިން ބޭނުންވާ ފަރާތްތަކުން، ބީއެމްއެލްއާ ގުޅައިގެން ކުރިއަށްގެންދެވޭނެ."
އެނގުން މުހިންމު - އީރާނާއި އިޒްރޭލްއާ ދެމެދު ކުރަމުންދާ ހަނގުރާމައިގެ ނޭދެވޭ އަސަރު ރާއްޖޭގެ ފަތުރުވެރިކަމަށް ވެސް ވަނީ ފޯރާފަ އެވެ.
މިނިސްޓަރު ތޯރިގު މިއަދު ހިއްސާކުރެއްވި ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް އައި ފަތުރުވެރިންގެ ޖުމްލަ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ވަނީ އިތުރުވެފަ އެވެ.
ނަމަވެސް ހަމައެކަނި މާޗު މަހުގެ ނަންބަރުތަކަށް ބަލާއިރު މިއަހަރުގެ މާޗު މަހު އައި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މާޗު މަހާ އަޅާބަލާއިރު ވަނީ މަދުވެފަ އެވެ. އެގޮތުން:
މާޗު 28ގެ ނިޔަލަށް މިއަހަރު 627،496 ފަތުރުވެރިން އައި؛ މިދިޔަ އަހަރުގެ މި މުއްދަތުގައި އައީ 610،805 ފަތުރުވެރިން
އެވަރޭޖުކޮށް މި މަހު އައީ 5،200 ފަތުރުވެރިން؛ މިދިޔަ އަހަރުގެ މާޗުގައި 6،355 ފަތުރުވެރިން އައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ