މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޚާއްޞަ ޓީމެއް ފުވައްމުލަކަށް

ފުވައްމުލަކު ހޮސްޕިޓަލް ޓާޝިއަރީ ފެންވަރަށް ތަރައްޤީ ކުރުމަށް ކުުރިއަށްގެންދާ މަސައްކަތުގެ ތެރެއިން، މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އޮޕަރޭޝަން ދާއިރާގެ މަލްޓި-ޑިސިޕްލިނަރީ ޓީމަކުން ފުވައްމުލަކު ސިޓީ ހޮސްޕިޓަލަށް ދެ ދުވަހުގެ ރަސްމީ ޒިޔާރަތެއް ފަށައިފިއެވެ.
އައިޖީއެމް ހޮސްޕިޓަލުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އޮޕަރޭޝަން ދާއިރާގެ މަލްޓި-ޑިސިޕްލިނަރީ ޓީމަކުން ފުވައްމުލަކު ސިޓީ ހޮސްޕިޓަލަށް ދެ ދުވަހުގެ ރަސްމީ ޒިޔާރަތެއް މިހާރު ފަށާފައިވާ ކަމަށެވެ.
މި ޒިޔާރަތަކީ ޞިއްޙީ ވުޒާރާއާއި، ފުވައްމުލަކު ސިޓީ ހޮސްޕިޓަލް އަދި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް ގުޅިގެން ސަރުކާރުގެ ޞިއްޙީ ސިޔާސަތުގެ ދަށުން އެ ހޮސްޕިޓަލުގެ ޚިދުމަތްތައް ޓާޝަރީ ފެންވަރަށް ތަރައްޤީ ކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެއް ކަމަށް ވިދާޅުވިއެވެ.
އައިޖީއެމް ހޮސްޕިޓަލުން ވިދާޅުވީ، ސީނިއަރ ސާރޖަނުންނާއި، އެނެސްތީޒިއޮލޮޖިސްޓުން އަދި އޮޕެރޭޝަން ތިއޭޓަރަށް ޚާއްޞަ ތަޖުރިބާ ކާރު ނަރުހުން ހިމެނޭ މި ޓީމުގެ މައިގަނޑު މަޤްޞަދަކީ، ފުވައްމުލަކު ސިޓީ ހޮސްޕިޓަލުގައި މިހާރު ދެމުންދާ އޮޕެރޭޝަންގެ ޚިދުމަތްތައް ޒަމާނީ ވަސީލަތްތަކާއެކު އިތުރަށް ހަރުދަނާ ކުރުމަށް ބޭނުންވާ ފަންނީ ލަފާދިނުން ކަމަށެވެ.
އަދި މި ދަތުރުގެ ތެރެއިން މި ދާއިރާ ތަރައްޤީ ކުރުމަށް ބޭނުންވާ ކަންކަން ފާހަގަކޮށް، ޚާއްޞަ ރިޕޯޓެއް އެކުލަވާލައި ކަމާބެހޭ އިދާރާތަކާ ޙިއްސާ ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަތޮޅުތެރޭގެ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މިދިޔަ އަހަރުގެ ނޮވެމްބަރުމަހު ފުވައްމުލަކު ސިޓީއަށް ވަޑައިގެން، އެ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، އެސިޓީގެ ޓާޝަރީ ހޮސްޕިޓަލް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް މިއަހަރުގެ މެއި ޖޫން ހިސާބުގައި ފެށިގެންދާނެކަމަށް ވިދާޅުވެފައެވެ
ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތް ފެށުމުގެ ކުރިން ހޮސްޕިޓަލުން ދެވެން ހުރި އެހެނިހެން ޚިދުމަތްތައް ދޭން ފަށާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ