ކްރިޝްނާގެ ދެމަފިރިންނާއި ސުނީތާއާ ދެމެދު އޮތް ނުތަނަވަސްކަން 14 އަހަރަށް ފަހު ނިމުމަކަށް
އިންޑިއާގެ ކުރީގެ އެކްޓަރު ގޯވިންދާގެ އަންހެނުން ސުނީތާ އަހޫޖާ އާއި ކޮމީޑިއަން ކްރިޝްނާގެ ދެމަފިރިންގެ މެދުގައި ޖެހުނު އާއިލީ މައްސަލައަށް 14 އަހަރުފަހުން ނިމުން ގެނެސް މައްސަލަ ހައްލުވެއްޖެކަމުގެ ނިޝާންތައް ފެންނަން ފަށައިފިއެވެ. ކަލަސްއިން ދައްކަމުން އަންނަ ކޮމެޑީ ކުކިންގް ރިއަލިޓީ ޝޯ "ލާފްޓަ ޝެފްސް"ގެ ސެޓުގައި ސުނީތާއާއި ގޯވިންދާއަށް ބޮޑު ބޭބެ ކިޔާ ކްރިޝްނާ ވަނީ ބައްދަލުވެ އުފާވެރި ވަގުތުތަކެއް އެކީގައި ހޭދަކޮށްފައެވެ. މިއީ އެ އާއިލާގެ މެންބަރުންގެ މެދުގައި ޖެހުނު މައްސަލަ ހައްލުވެ، މާޒީގައި ހިނގައިދިޔަ ހުރިހާ ކަމެއް ހަނދާން ނައްތާލުމަށް ފަހު އާއިލީ ގުޅުން އަލުން އިއާދަކޮށް، އާ ފެށުމަކުން އާއިލީ ގުޅުންތައް ފަށަން ލިބުނު ރަނގަޅު ފުރުސަތެއް ކަމަށް ކްރިޝްނާގެ ދެމަފިރިން ވަނީ ހާމަކޮށްފައެވެ. ޝޯގެ ރެކޯޑިންގް ނިންމާލުމަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ކްރިޝްނާ ބުނީ، މިއީ އޭނާއަށާއި ކަޝްމީރާއަށް ވަރަށް މުހިންމު ވަގުތުކޮޅެއް ކަމަށެވެ. ކްރިޝްނާ ބޮޑު ބޭބެ އަދި ކުރީގެ މަޝްހޫރު އެކްޓަރު ގޯވިންދާއާ އެކު--ފޮޓޯ/ފިލްމުފެއަ "މާމީ (ބޮޑުދައިތަ) ޝޯއަށް އައުމަކީ އަހަރެމެން ދެ މީހުންނަށް ވެސް ލިބުނު ވަރަށް ބޮޑު ސަޕްރައިޒެއް. އޭނާ ޝޯއަށް އައުމަށް އެއްބަސްވީތީ ޝުކުރުވެރިވަން. ފާއިތުވި 14 ވަރަކަށް އަހަރުތެރޭ އަހަރެމެންގެ އާއިލާއާ ގުޅޭގޮތުން މީޑިއާތަކުން ދެއްކި ހުރިހާ ވާހަކަތަކެއްގައި މިއަދު އަހަރެމެން އެކުގައި ފެނިގެން މިވަނީ ސިއްކަ ޖަހާފައި،" ކްރިޝްނާ ބުންޏެވެ. މާޒީގެ ހިތްހަމަނުޖެހުންތައް ދޫކޮށްލާ އާއިލީ ގުޅުން އިސްކުރުމާ ގުޅޭގޮތުން ސުނީތާ ބުނީ، "އަހަރެން ކިހާ ދުވަހަކުތޯ ހިތްހަމަނުޖެހިފައި ހުންނާނީ؟ ކޮންމެއަކަސް އޭނާއަކީ (ކްރިޝްނާ) އަހަރެންގެ ދަރިއެއް ފަދަ ކުއްޖެއް، އަދި ކަޝްމީރާ އަކީ އަހަރެންގެ ޅީދަރި. މިހާރު އެ މީހުންގެ ދަރިން ވެސް އެބަތިބި. ދެން މިކަމާ ހިތްބަރުކޮށްގެން ހުރުމުގެ މާނައަކީ ކޮބާ؟ އަހަރެމެން ދެން އުޅޭނީ އުފަލުގައި. ވަގުތަކީ ބަދަލުވާ އެއްޗެއް، މާދަމާ ވާނެ ގޮތެއް އެކަކަށް ވެސް ނޭނގޭނެ. މިހާރު އަހަރެމެން ބައްދަލުވެއްޖެ، ދެން އޮތީ އެކުގައި އުފާކުރުން،" މި ބައްދަލުވުމާ ގުޅޭގޮތުން ކަޝްމީރާ ބުނީ، އެ މީހުންގެ އާއިލާގެ މެދުގައި އުފެދުނު ނުތަނަވަސްވެރިކަމުގެ ވާހަކަތައް އެކިގޮތްގޮތަށް ދެއްކި މީހުން މިއަދު ލަދުގަންނަން ޖެހޭނެ ކަމަށެވެ. މި އާއިލީ މައްސަލަ ފެށުނީ 2016 ވަނަ އަހަރު ކަޕިލް ޝަރުމާގެ ކޮމެޑީ ޝޯއެއްގެ ތެރެއިންނެވެ. އެ ޝޯގައި ކްރިޝްނާ ގޯވިންދާގެ ދެމަފިރިންނަށް ނިސްބަތްކޮށް ކުރި ސަމާސާއަކާ ގުޅިގެން ގޯވިންދާއާއި ސުނީތާ ހިތްހަމަނުޖެހި، ގިނަ އަހަރުތަކެއް ވަންދެން މީޑިއާގެ ކުރިމަތީގައި އެކަކު އަނެކަކަށް ފާޑުކިޔައި، އާއިލީ ގުޅުން އޮތީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. ނަމަވެސް، މި ފަހަރުގެ ބައްދަލުވުމުން އެ ހުރިހާ ހިތްހަމަނުޖެހުމަކަށް ނިމުން ގެނެސް އާއިލާ އެކުގައި ފެނުމުން ސަޕޯޓަރުންނަށް ވަރަށް ބޮޑު އުފަލެއް ވަނީ ލިބިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ