އިންޑިއާއަށް ދައްކަންޖެހޭ 400 މިލިއަން ޑޮލަރު ދެއްކުން ފަސްކޮށްދޭން ރާއްޖޭން އެދިއްޖެކަމަށް ރިޕޯޓުތައް ބުނެފި
އިންޑިއާއިން ރާއްޖެއަށް ދޫކޮށްފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީގެ މުއްދަތު އިތުރުކޮށްދިނުމަށް ދިވެހި ސަރުކާރުން އެދިފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ. އިންޑިއާގެ މަޝްހޫރު ނޫސްތަކެއް ކަމަށްވާ "ހިންދުސްތާން ޓައިމްސް" އާއި "އިކޮނޮމިކް ޓައިމްސް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ރާއްޖެއިން އެދިފައިވަނީ އޮކްޓޯބަރު 2024 ގައި ދޫކުރި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީގެ މުއްދަތު އިތުރުކޮށްދިނުމަށެވެ. އެ ނޫސްތަކުގައިވާ ގޮތުން މިހާތަނަށް ދެ ފަހަރެއްގެ މަތިން އިންޑިއާއިން ވަނީ މި ފެސިލިޓީގެ މުއްދަތު އިތުރުކޮށްދީފައެވެ. https://sun.mv/197616 މީގެ އިތުރުން، މިދިޔަ އަހަރުގެ މެއި އަދި ސެޕްޓެމްބަރު މަހު މުއްދަތު ހަމަވި 50 މިލިއަން ޑޮލަރުގެ އިންޓްރެސްޓް ފްރީ ދެ ޓްރެޝަރީ ބިލެއްގެ މުއްދަތު ވެސް އިންޑިއާއިން ވަނީ އިތުރު އެއް އަހަރަށް ފަސްކޮށްދީފައެވެ. އިންޑިއާގެ އޮފިޝަލުން މި ފިޔަވަޅުތައް ސިފަކުރަނީ ގާތް އަވައްޓެރި ގައުމަކަށް ދިން "ޚާއްސަ އެހީއެއް"ގެ ގޮތުގައެވެ. https://sun.mv/211477 ނަމަވެސް، މި ފެސިލިޓީގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްދިނުމަށް ރާއްޖެއިން އެދިފައިވާކަމަށާއި، ނަމަވެސް މިހާރު އެ ކަމުގައި ގާނޫނީ އަދި އިދާރީ ގޮންޖެހުންތަކެއް ހުރިކަމަށް ރިޕޯޓުތައް ބުނެއެވެ. ސާކް ކަރަންސީ ސްވޮޕް އުސޫލުތަކުގެ ދަށުން، އެއް ފަހަރު ފައިސާ ނެގުމަށްފަހު އަނެއް ފަހަރު ފައިސާ ނެގުމާ ދެމެދު އޮންނަންޖެހޭ "ކޫލިން އޮފް" މުއްދަތާއި، ގިނަވެގެން މުއްދަތު އިތުރުކުރެވޭނެ އަދަދާ ބެހޭ ގަވާއިދުތައް ހުރި ގޮތުން، ރާއްޖޭގެ މި އެދުމަށް މިވަގުތު އަމަލީ ސިފައެއް ގެނައުން "އިންތިހާއަށް އުނދަގޫ" ކަމަށް މަސްދަރުތަކުން ބުނެއެވެ. އިންޑިއާ ސަރުކާރުން މިހާރު ދަނީ ރާއްޖޭގެ އެދުމާ މެދު ވިސްނައި، ގަވާއިދުތަކުގެ ތެރެއިން ކުރެވެން ހުރި ކަންކަން ދިރާސާކުރަމުން ކަމަށް ވެސް ރިޕޯޓުތައް ބުނެއެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ