އުމްރާވެރިންނަށް ފަސޭހައިން ޑޮލަރު ގަނެވޭނެ ހާއްސަ އިންތިޒާމެއް ހަމަޖައްސައިފި

އުމްރާ ގްރޫޕްތައް މެދުވެރިކޮށް ރަމަޟާން މަހު ދަތުރުކުރާ އުމްރާވެރިންނަށް ފަސޭހަކަމާއެކު ޑޮލަރު ގަތުމަށް ހާއްސަ އިންތިޒާމެއް ބޭންކް އޮފް މޯލްޑިވްސް އިން ހަމަޖައްސައިފިއެވެ.
މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ބީއެމްއެލް އިން ބުނީ ޑޮލަރު ވިއްކުމުގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އަމީނީމަގުގައި ހުންނަ ބީއެމްއެލް ކަސްޓަމާ ސާވިސް ސެންޓަރުގެ ގްރައުންޑް ފްލޯއިން ކަމަށާއި، މި ހިދުމަތް ލިބިގަތުމަށް ކަސްޓަމާ ސާވިސް ސެންޓަރުން ނަމްބަރު ނެގޭނެކަމަށެވެ.
ބީއެމްއެލް އިން ބުނީ މި ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 8 އިން 26ގެ ނިޔަލަށް ބޭންކު ހުޅުވާ ދުވަސްތަކުގެ ހެނދުނު 9:30 އިން މެންދުރު 12:30 އަށް ކަމަށެވެ. މި މުއްދަތުގައި ބީއެމްއެލް އިސްލާމިކް މާލެ ބްރާންޗް، މެއިން ބްރާންޗް، ހުޅުމާލެ ބްރާންޗް އަދި ވިލިމާލެ ބްރާންޗުން އުމްރާވެރިންނަށް ޑޮލަރު ވިއްކުމުގެ ހިދުމަތް މެދުކަނޑާލެވޭނެކަމަށާއި ނަމަވެސް، އަތޮޅުތެރޭގައި ގާއިމްކޮށްފައިވާ ބްރާންޗްތަކުން ޑޮލަރު ގަތުމުގެ ހިދުމަތް ލިބޭނެކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.
އިތުރަށް ބީއެމްއެލް އިން ބުނީ ބޭންކުން ޑޮލަރު ވިއްކާނީ އުމްރާ ގްރޫޕްތަކުން ހުށަހަޅާފައިވާ އުމްރާވެރިންގެ ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ކަމަށާއި، ޑޮލަރު ގަންނަ ވަގުތު ކޮންމެ އުމްރާވެރިއެއްގެ އައިޑީ ކާޑު ނުވަތަ ޕާސްޕޯޓްގެ އަސްލު ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ބީއެމްއެލް އިން ބުނީ އުމްރާވެރިއެއްގެ ބަދަލުގައި އެހެން ފަރާތަކުން ޑޮލަރު ގަންނަނަމަ، އެފަރާތެއްގެ އައިޑީ ކާޑުގެ އަސްލު ވެސް ހުށަހަޅަންވާނެ ކަމަށާއި، ކޮންމެ އުމްރާވެރިއަކަށްވެސް ގިނަވެގެން ވިއްކާނީ 500 ޑޮލަރުކަމަށެވެ. އަދި ކޮންމެ އުމްރާވެރިއަކަށްވެސް ޖުމްލަ 5 އުމްރާވެރިންނަށް ޑޮލަރު ގަނެވޭނެކަން ފާހަގަކޮށް ބީއެމްއެލް އިން ބުނީ ޑޮލަރު ގަތުމަށް ފައިސާ ދެއްކޭނީ ބީއެމްއެލް ޑެބިޓް ކާޑަކުން ކަމަށެވެ.
އެހެނިހެން އުމްރާވެރިންނަށް ޔޫއެސްޑީ ބުކިން ޕޯޓަލް މެދުވެރިކޮށް ޑޮލަރުގެ މުއާމަލާތް ފުރިހަމަކޮށްގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިޕާޗާ ހޯލުން ޑޮލަރު ނެގޭނެކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ