އެޕްސްޓީން އާ ބައްދަލުވީ އެންމެ ދެ ފަހަރު ކަމަށް ބުނެ ވަހީދު ދޮގު ހަދައިފި އެޕްސްޓީން އާ ބައްދަލުވީ އެންމެ ދެ ފަހަރު ކަމަށް ބުނެ ވަހީދު ދޮގު ހަދައިފި

ސެކްސް ޓްރެފިކިން ރިންގެއް ހިންގި އެމެރިކާގެ ޖެފްރީ އެޕްސްޓީންއާއެކު ގާތް ގުޅުމެއް ބޭއްވިކަން ފަޅާ އަރާފައިވާ ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކު، އެޕްސްޓީން އާ ބައްދަލުކުރީ އެންމެ ދެ ފަހަރު ކަމަށް ބުނެ ދޮގު ހަދައިފި އެވެ.
އެޕްސްޓީން އާއެކު ބޭއްވި ގުޅުން ފެންމަތިވެ ކުރިމަތިވި ފާޑުކިޔުންތަކާ ގުޅިގެން ރައީސް މުހައްމަދު މުއިއްޒުގެ ހާއްސަ މުޝީރުގެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު، ވަހީދު ވަނީ އޭނާގެ އޮފީސް މެދުވެރިކޮށް ބަޔާނެއް ނެރުއްވާފަ އެވެ.
އެ ބަޔާނުގައި ބުނެފައިވާ ގޮތުން ވަހީދު އެޕްސްޓީން އާ ބައްދަލުކުރީ ދެ ފަހަރެއްގެ މަތިންނެވެ. އެއީ ސެޕްޓެމްބަރު 23، 2012، އަދި މެއި 18، 2014، ގައި އެމެރިކާގެ ނިއުޔޯކުގައި ހުންނަ އެޕްސްޓީންގެ ގޭގަ އެވެ.
ނަމަވެސް، އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން މިހާތަނަށް އާންމުކޮށްފައިވާ އެޕްސްޓީންގެ ތަހުގީގާ ގުޅޭ ލިޔެކިޔުންތަކުން ވެސް ދެ ފަހަރަށްވުރެ ގިނައިން ވަހީދު، އެޕްސްޓީން އާ ބައްދަލުކުރިކަން އެނގެ އެވެ.
އެގޮތުން ވެރިކަމަށް ވަޑައިގަތުމުގެ ކުރިން 2011 ވަނަ އަހަރު ވަހީދު އެމެރިކާއަށް ކުރެއްވި ދަތުރެއްގައި އެޕްސްޓީންގެ ގޭގައި އޭނާ އާ ބައްދަލުކުރިކަން ހާމަވެ އެވެ. މި ބައްދަލުވުން އޮތީ ސެޕްޓެމްބަރު 21، 2011 ގައި އެޕްސްޓީންގެ ގޭގަ އެވެ. ބައްދަލުވުމުގައި ވަހީދުގެ އަނބިކަނބަލުން ވެސް ބައިވެރިވިކަން ޖެހިގެން އައި ދުވަހު ވަހީދު އެޕްސްޓީން އަށް ފޮނުވި މެސެޖުތަކުން އެނގެ އެވެ.
ނިއުޔޯކުގައި ހުރި އެޕްސްޓީންގެ އެޕާޓްމަންޓު --- ފޮޓޯ: ޑިޕާޓްމަންޓް އޮފް ޖަސްޓިސް
މީގެ އިތުރުން، ވަހީދު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ފްރާންސްގެ ޕެރިހުގައި ހުންނަ އެޕްސްޓީންގެ އެޕާޓްމަންޓުގައި ބައްދަލު ކުރިކަން ވެސް މިހާރު އާންމުކޮށްފައިވާ ލިޔެކިޔުންތަކުން އެނގެ އެވެ. ނަމަވެސް މިއީ ކޮން ތާރީހެއްގައި ބޭއްވި ބައްދަލުވުމެއް ކަމެއް މިހާތަނަށް ޔަގީނެއް ނޫނެވެ.
ޕެރިހުގައި ވަހީދު އެޕްސްޓީން އާ ބައްދަލުކުރީ ޔޫއޭއީގެ ވިޔަފާރިވެރިއެއް ކަމަށްވާ ޑީޕީ ވޯލްޑް ކުންފުނީގެ ސީއީއޯ ސުލްތާން އަހުމަދު ބިން ސުލޭޔަމް އާއެކު އެވެ. މިކަން އެނގެނީ ރައީސް ނަޝީދުގެ ވެރިކަން ބަގާވާތަކުން ވައްޓާލި ދުވަހު އެޕްސްޓީން ވަހީދު އަށް މަރުހަބާ ކިޔާ ފޮނުވި މެއިލް ގަ އެވެ. އެ މެއިލް ގައި އެޕްސްޓީން ވަނީ އޭގެ ކުރިން އެ ތިން މީހުން ޕެރިހުގައި ބައްދަލުވެ، ރާއްޖެ އައުމަށް އެޕްސްޓީން އަށް ވަހީދު ދައުވަތު ދިން ކަމަށް ވެސް ބުނެފަ އެވެ.
މީގެ އިތުރުން ވެސް އެޕްސްޓީން އާ ވަހީދު ބައްދަލުކުރިކަމަށް ބެލުވުމުގެ ޖާގަ އެބައޮތެވެ. މިކަމަށް ބާރުދެނީ އެޕްސްޓީން ގެ ފޯނު ނުވަތަ ލެޕްޓޮޕުގައި ވަހީދު ގެ ނަން ދީފައި ހުރި ރިމައިންޑާ ތަކާއި އެލާޓު ތަކެވެ. ނަމަވެސް، މިހާތަނަށް އިތުރު ބައްދަލުވުންތަކުގެ ތަފުސީލެއް ކަށަވަރުކުރެވިފައެއް ނުވެ އެވެ.
ވަހީދުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެޕްސްޓީންއާއެކު ބޭއްވުނު ގުޅުމަށް ހިތާމަ ކުރައްވާ ކަމަށާއި ނަމަވެސް އެއްވެސް ކުށެއްގައި ބައިވެރިވެވަޑައިގެންފައިނުވާނެ ކަމަށެވެ. އަދި ވިދާޅުވީ އެޕްސްޓީންއާއެކު ބޭއްވެވީ ރަސްމީ ގުޅުމެއް ކަމަށެވެ.
"އެޕްސްޓީންއާއެކު ރައީސް ވަހީދު އަދި އެމަނިކުފާނުގެ އާއިލާއިން އެއްވެސް ސޯޝަލް [ނުރަސްމީ] ބައްދަލުވުމެއްގައި ނުވަތަ ޕާޓީއެއްގައި ބައިވެރިވެވަޑައިގެންފައި ނުވޭ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
ވަހީދުގެ ބަޔާނުގައި ވިދާޅުވެފައި ވަނީ އެޕްސްޓީންއާ ބައްދަލު ކުރީ ރާއްޖެއަށް މާލީ އެހީ ހޯދޭނެ މަގެއް ތަނަވަސް ކުރަން ކަމަށެވެ. އެޕްސްޓީންގެ ލަފާ ހޯދި ނަމަވެސް އޭނާއާއެކު އެއްވެސް ފައިސާގެ މުއާމަލާތެއް ހިނގާފައިނުވާ ކަމަށް ވެސް ވަހީދު ވިދާޅުވެފައިވެ އެވެ.
އުމުރުން އެންމެ 14 އަހަރުގެ ކުޑަކުއްޖަކާ ބެހުނު މައްސަލައެއް 2008 ވަނަ އަހަރު ސާބިތުވެ އެޕްސްޓީން ވަނީ އެ އަހަރު ޖަލަށްލައިފަ އެވެ. އެކަމަކު، ވަހީދު ވިދާޅުވީ އެޕްސްޓީން ޖަލަށްލިކަން އެމަނިކުފާނަށް ނޭނގޭ ކަމަށް ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ އެޕްސްޓީންއަކީ "އެހާ މުޑުދާރު" މީހެއްކަން ކުރިން އެނގިފައި އޮތް ނަމަ އެއްވެސް ގުޅުމެއް ނުބޭއްވީސް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ