މިދިޔަ 6 އަހަރުގެ ތެރޭގައި ރާއްޖޭގައި ކެންސަރުގެ އާ ކޭސްތައް އެންމެ މަދުން ރެކޯޑުކުރީ މިދިޔަ އަހަރު
ވޭތުވެދިޔަ ހަ އަހަރު ދުވަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖެއިން އަލަށް ކެންސަރު ބަލި ޖެހިގެން ރިޕޯޓުކުރި މީހުންގެ އަދަދު އެންމެ ބޮޑަށް ދަށްވެފައިވަނީ މިދިޔަ އަހަރު ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ. އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 2020 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރުގެ ނިޔަލަށް ކެންސަރު ބަލީގެ ރެކޯޑުތަކަށް ބަދަލުތަކެއް އައިސްފައިވެއެވެ. އެގޮތުން 2020 ވަނަ އަހަރު 137 ކޭސް ރިޕޯޓުކޮށްފައިވާއިރު، 2021 ވަނަ އަހަރު މި އަދަދު ވަނީ 208 އަށް އިތުރުވެފައެވެ. މި ހަ އަހަރު ދުވަހުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ކެންސަރުގެ އާ ކޭސްތައް ރެކޯޑުކުރެވިފައިވަނީ 2022 ވަނަ އަހަރުއެވެ. އެ އަހަރު ޖުމްލަ 244 މީހަކަށް އަލަށް ކެންސަރު ޖެހިގެން ރިޕޯޓުކޮށްފައިވެއެވެ. އޭގެ ފަހުން 2023 ވަނަ އަހަރު 211 ކޭސް ރެކޯޑުކުރެވުނުއިރު، 2024 ވަނަ އަހަރު މި އަދަދު ވަނީ 195 އަށް ތިރިވެފައެވެ. އެޗްޕީއޭގެ ހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ 2025 ވަނަ އަހަރަކީ ކެންސަރު ބަލީގެ އާ ކޭސްތައް އެންމެ މަދުން ފެނުނު އަހަރެވެ. އެ އަހަރު ރެކޯޑުކުރެވިފައިވަނީ ޖުމްލަ 111 ކޭސްއެވެ. މިއީ ވޭތުވެދިޔަ ފަސް އަހަރާ އަޅައިބަލާއިރު ފާހަގަކޮށްލެވޭ ފަދަ ބޮޑު ދަށްވުމެކެވެ. https://sun.mv/217388 ކުޑަ އާބާދީއެއް އޮންނަ މި ރާއްޖޭގައި ވެސް ކެންސަރު ބަލި އޮތީ ނުރައްކާ ހާލަތެއްގައެވެ. އައިޖީއެމްއެޗްއިން މީގެ ކުރިން ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު އެންމެ އާންމީ އުރަމަތީގެ ކެންސަރާއި ތައިރޮއިޑް ކެންސަރުގެ އިތުރުން އަނގައިގެ ކެންސަރާއި ފުއްޕާމޭގެ ކެންސަރެވެ. ކެންސަރު މިހާ އިތުރުއިރު އޭގެ ސަބަބުތަކުގެ ތެރޭގައި ސިއްހީ ނުރަނގަޅު އާދަތައް ހިމެނެއެވެ. ދުންފަތުގެ އިސްތިއުމާލެކޭ އެއްގޮތަށް ދުފުމަކީ ވެސް ގިނަ ދިވެހީން ކެންސަރަށް ހުށަހެޅޭ ސަބަބެކެވެ. https://www.sun.mv/173601 ސިއްހީ މާހިރުން ފާހަގަކުރާ ގޮތުގައި، ބަލިން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތްތަކާއި، ކުރިއަށްވުރެ އަވަހަށް ބަލި ދެނެގަނެވޭނެ އިންތިޒާމުތައް ހަމަޖެހިފައިވުމަކީ ބަލި ކޮންޓްރޯލް ކުރުމަށް ލިބޭ ބޮޑު ބާރެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަންނަނީ ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކޮށް، ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކަށް ފަރުވާ ދޭނެ ޚާއްސަ ޚިދުމަތްތައް ގާއިމުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ