ކައުންސިލް އިންތިހާބުގެ ޓައިމްލައިން ކަނޑަނާޅާތީ އެމްޑީޕީގެ ނުރުހުން އިލެކްޝަނަށް

ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ޓައިމްލައިން ކަނޑަނާޅާ މައްސަލާގައި އެމްޑީޕީ ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އިދިކޮޅު އެންމެބޮޑު ޕާޓީ، އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ލޯކަލް ކައުންސިލު އިންތިޚާބަށް އެ ޕާޓީގެ ފަރާތުން ކަނޑައަޅާފައި ހުންނަ ތަރުޖަމާނު ޢަބްދުالله ވަޙީދު ވިދާޅުވީ، އިންތިހާބުގެ ޓައިމްލައިން މިއަދާ ހަމަޔަށް އާއިރު ހާމަނުކުރެވުމަކީ ކަންބޮޑުވުމެއްކަމަށެވެ.
ވަހީދު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބަށް ވަގުތު ކުޑަތަންވަމުން އަންނައިރު، އިންތިހާބުގެ ޓައިމްލައިންތައް ކަނޑައެޅިފައި ނުވުމުން ފާހަގަވެގެންދަނީ އިލެކްޝަންސް ކޮމިޝަނަށް ސަރުކާރުގެ ނުފޫޒާއި ބާރު ވަދެފައިއޮތް މިންވަރު ކަމަށެވެ.
އޭނާ ވިދާޅުވީ އެމްޑީޕީން އިންތިހާބާ ކުރިމަތިލަނީ އިންތިހާބު ފުރިހަމަގޮތުގައި ކާމިޔާބުކުރުމަށް ނަމަވެސް، ޕީއެންސީ އިންތިހާބަށް ވާދަކުރަނީ ހަމައެކަނި ރައްޔިތުން އަތުގައި އޮތް ބާރުތައް އަތުލައި އެ ބާރު ރައީސް ޑރ. މުއިއްޒަށް ދިނުމަށްޓަކައި ކަމަށެވެ.
ރައްޔިތުން ކައިރިން އެދިގެންދިޔައީ ރައްޔިތުން މަޖިލީހުގެ އަޣުލަބިއްޔަތު އެބޭފުޅުންނަށް ދިނުމަށްޓަކާ. ރައްޔިތުން އެކަންކަންވެސް ކޮށްދިން. ހަމަ އެއާއެކުގައި ރެކޯޑު އަދަދެއްގެ ބަޖެޓެއް އެބޭފުޅުންނަށް ލިބި، ފާސްކޮށް، އަދި އޭގެ އިތުރުން ސަޕްލިމެންޓަރީ ބަޖެޓެއް އެބޭފުޅުންނަށް ލިބި އެ ސަޕްލިމެންޓަރީ ބަޖެޓްވެސް ބޭނުންކުރީ. ރައްޔިތުންނަށް ލިބޭ އެއްވެސް ކަމެއް ނެތް
ޢަބްދުالله ވަޙީދު 
ޕީއެންސީއަށް ރައްޔިތުންގެ މަޖިލީސް ލިބިގެން ލިބުނު މޮޅެއްނެތްކަން ފާހަގަކުރައްވަމުން ވަހީދު ވިދާޅުވީ، އެބޭފުޅުން ވިދާޅުވާގޮތަށް ކަންކަންކޮށްގެން ރައްޔިތުންނަށް ލިބޭނެ ކުރިއެރުމެއް ނެތްކަމަށެވެ.
ވަހީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ޕީއެންސީގެ މެމްބަރުން އިންތިހާބުވިނަމަވެސް އެ މެމްބަރުން ރައްޔިތުންނަށް ލާބައެދި މަސައްކަތްކުރަމުން ނުގެންދާކަމަށެވެ. ބަދަލުގައި އެބޭފުޅުންގެ ފަރާތުން ފެނިގެންދަނީ ރައީސުލްޖުމްހޫރިއްޔާ އޮޕަރޭޓްކުރައްވާ ބައެއްގެ ގޮތުގައިކަން ވަހީދު ފާހަގަކޔުރެއްވިއެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީން ވަނީ އިލެކްޝަނުގެ އަމަލުތައް ހުރިގޮތުން ޕީއެންސީއަށް ނަފާވާގޮތަށް ކަންކަން ކުރައްވަމުން ގެންދަވާކަން ތުހުމަތުކޮށް، އިލެކްޝަންސް ކޮމިޝަނަށް ވަރަށްބޮޑަށް ފާޑުކިޔާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ