ކެންސަރު ބަލީގެ ކޮންމެ ދިހަ ހާލަތަކުން ހަތަރު ހާލަތަކީ، ކެންސަރު ޖެހުމުގެ ނުރައްކާތަކާ ދުރުހެލިވެގެން އުޅޭ ނަމަ، ބަލި ޖެހުމުގެ ކުރިން ސަލާމަތް ވެވިދާނެ ހާލަތްތަކެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެފިއެވެ. ކެންސަރު ޖެހުމަށް މަގު ފަހިކުރާ ނުރައްކާތަކުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުމާއި ބަނގުރާ ބުއިމާއި ވައި ތަޣައްޔަރުވުމާއި ބައެއް ބާވަތުގެ ބަލިތައް ހިމެނެއެވެ.
މި އަހަރުގެ ކެންސަރު ދުވަހާ ދިމާކޮށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން އާންމުކުރި ދިރާސާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، 2022 ވަނަ އަހަރު އަލަށް ކެންސަރު ޖެހުނު މީހުންގެ 38 އިންސައްތަ މީހުންނަކީ، ދުރާލައި ރައްކާތެރި ވެވުނު ނަމަ، ކެންސަރު ނުޖެހި ސަލާމަތްވެވިދާނެ ފަދަ ސަބަބުތައް މެދުވެރިވެގެން ކެންސަރު ޖެހުނު މީހުންނެވެ. އެ އަހަރު އަލަށް ކެންސަރު ޖެހުނު މީހުންގެ 38 އިންސައްތައަކީ 7.1 މިލިއަން މީހުންނެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ދަށުން ހިންގާ އިންޓަނޭޝަނަލް އޭޖެންސީ ފޯ ރިސާޗް އޮން ކެންސަރުގެ ސައެންސްވެރިން ވެސް ހިމެނޭހެން ގިނަ އަދަދެއްގެ ސައެންސްވެރިން ބައިވެރިވެގެން ކުރި މި ދިރާސާ މައިގަނޑު ގޮތެއްގައި އަމާޒުކުރީ، ކެންސަރު ޖެހުމަށް މަގު ފަހިކުރާ 30 ކަމެއްގެ މައްޗަށެވެ. ނޭޗާ މެޑިސިން ކިޔާ ޖާނަލްގައި ޝާއިއުކޮށްފައިވާ އެ ދިރާސާ ރިޕޯޓްގައި ބުނެފައިވާ ގޮތުން، ކެންސަރު ޖެހުމަށް މަގުފަހިކުރާ ސަބަބުތަކުގެ ތެރެއިން އެންމެ ގިނަ މީހުންނަށް ކެންސަރު ޖެހެނީ ދުންފަތުގެ އިސްތިއުމާލު ކުރުމުންނެވެ.
ރިޕޯޓްގައި ބުނެފައިވާ ގޮތުގައި 2022 ވަނަ އަހަރު އަލަށް ކެންސަރު ޖެހުނު ޖުމްލަ މީހުންގެ 15 އިންސައްތަ މީހުންނަށް ކެންސަރު ޖެހިފައިވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުންނެވެ. އަދި 10 އިންސައްތަ މީހުންނަށް ކެންސަރު ޖެހިފައިވަނީ، ކެންސަރަށް މަގު ފަހިކުރުވާ ފަދަ ފާރުކޮޅެއް ނުވަތަ ބައްޔެއް ޖެހުމުންނެވެ. އަދި ތިން އިންސައްތަ މީހުންނަކީ އާދަވެގެން ބަނގުރާ ބޮއެ އުޅޭ މީހުންނެވެ.
ކެންސަރަށް މަގު ފަހިކުރާ އިތުރު ސަބަބުތަކުގެ ތެރޭގައި، ހަށިގަނޑު އާދަޔާ ހިލާފަށް ފަލަވުން، ހަރަކާތްތެރިވެ އުޅުން މަދުވުން، އަލްޓްރާވައިލެޓް ރޭޑިއޭޝަންގެ އަސަރުކުރުން އަދި ފައިބަރުގައި އެކުލެވޭ އެސްބެސްޓޯސް (asbestos) ފަދަ ވިހަ މާއްދާތައް ހަށިގަނޑަށް ވާސިލުވުން ހިމެނެއެވެ. މި ދިރާސާގައި ބުނެފައިވާ ގޮތުން މި ދިރާސާއަކީ، އަހަރެމެންނަށް ދުރާލައި ސަލާމަތްވެވިދާނެ ފަދަ ސަބަބުތައް މެދުވެރިގެން ކެންސަރު ޖެހެނީ ކިހާ ވަރަކަށް ކަން ދެނެގަތުމަށް މިހާތަނަށް ހެދި ހަމައެކަނި ދިރާސާއެވެ.
ސަލާމަތްވެވިދާނެ ފަދަ ސަބަބުތައް މެދުވެރިވެގެން އެންމެ ގިނައިން ޖެހުނު ކެންސަރުގެ ބާވަތްތަކުގެ ގޮތުގައި ފާހަގަކުރެވެނީ ފުއްޕާމޭގެ ކެންސަރު، ބަނޑުގެ ކެންސަރު އަދި ސާވިކްސް (cervix) ނުވަތަ ރަހިމުގެ ދޮރަށް ޖެހޭ ކެންސަރެވެ. މީގެ ތެރެއިން ފުއްޕާމޭގެ ކެންސަރު ގުޅިފައިވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމާއި ވައި ތަޣައްޔަރުވުމާ އެވެ. އަދި ބަނޑުގެ ކެންސަރުގެ ގިނަ ހާލަތްތައް މެދުވެރިވެފައިވަނީ ހެލިކޮބެކްޓަރ ޕައިލޮރީ (Helicobacter pylori) ކިޔާ ބެކްޓީރިޔާއެއްގެ ސަބަބުންނެވެ. އަދި ރަހިމުގެ ދޮރަށް ކެންސަރު ޖެހުނު ގިނަ ހާލަތްތަކުގައި ސަބަބަކަށް ވެފައިވަނީ (human papillomavirus (HPV)) ކިޔާ ވައިރަހެވެ. މިއީ ޖިންސީ ގުޅުމުގެ ޒަރީއާއިން އެކަކުގެ ގައިން އަނެކަކުގެ ގަޔަށް ނަގުލުވާ ވައިރަހެކެވެ.
ދުރާލައި ފިޔަވަޅު އެޅުމުން ރައްކާތެރިވެވިދާނެ ފަދަ ކެންސަރުގެ ބާވަތްތައް އެންމެ ގިނައިން ޖެހިފައިވަނީ ފިރިހެނުންނަށެވެ. ދިރާސާގައި ބުނެފައިވާ ގޮތުން 2022 ވަނަ އަހަރު، ދުރާލައި ރައްކާތެރިވެވިދާނެ ފަދަ ސަބަބުތައް މެދުވެރިވެގެން ކެންސަރު ޖެހުނު މީހުންގެ 45 އިންސައްތައަކީ ފިރިހެނުންނެވެ. އަންހެނުންގެ ނިސްބަތަކީ 30 އިންސައްތައެވެ.
ފިރިހެނުންގެ ތެރެއިން ހަތަރު ބައިކުޅަ އެއްބައި މީހުންނަށް ކެންސަރު ޖެހިފައިވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުންނެވެ. ދުންފަތުގެ ސަބަބުން ކެންސަރު ޖެހުނު އަންހެނުންގެ ނިސްބަތަކީ 11 އިންސައްތައެވެ.
ކެންސަރުގެ ގިނަ ހާލަތްތަކުން ސަލާމަތް ވެވޭނެ: ސިއްހަތު ޖަމިއްޔާ ކެންސަރުގެ ގިނަ ހާލަތްތަކުން ސަލާމަތް ވެވޭނެ: ސިއްހަތު ޖަމިއްޔާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ