އެމެރިކާ އާއި އިރާނުގެ ނިއުކްލިއާ މަޝްވަރާތައް މާދަމާ އޮމާންގައި ފަށަނީ އެމެރިކާ އާއި އިރާނުގެ ނިއުކްލިއާ މަޝްވަރާތައް މާދަމާ އޮމާންގައި ފަށަނީ

އިރާނާއި އެމެރިކާއާ ދެމެދު ބާއްވާ މަތީ ފަންތީގެ ނިއުކްލިއާ މަޝްވަރާތައް ހުކުރު ދުވަހު އޮމާންގެ ވެރިރަށް މަސްކަޓްގައި ބޭއްވުމަށް ހަމަޖެހިފައިވާކަން އިރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވިދާޅުވެއްޖެ އެވެ.
ކުރިން ތުރުކީގައި ބޭއްވުމަށް ރޭވުނު މި ބައްދަލުވުން އޮމާންއަށް ބަދަލުކުރީ ބައްދަލުވުމުގެ ފޯމެޓާއި ބާއްވާނެ ތަނާ މެދު އުފެދުނު ހިޔާލު ތަފާތުވުންތަކަށް ފަހުގައެވެ.
އިރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވަނީ އިންސާފުވެރި އަދި ހަމަހަމަ މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށް ފޮރިން މިނިސްޓަރަށް އިރުޝާދު ދެއްވާފައެވެ.
ގަތަރާއި، ތުރުކީ އަދި މިސްރު މެދުވެރިވެގެން ހުށަހަޅާފައިވާ މަޝްވަރާގެ އޮނިގަނޑުގައި، އިރާނުން ޔުރޭނިއަމް މުއްސަނދިކުރާ މިންވަރު ދަށްކުރުމާއި، ބެލިސްޓިކް މިސައިލް ބޭނުންކުރުން ހަނިކުރުމުގެ އިތުރުން ސަރަހައްދީ ހަނގުރާމަވެރި ޖަމާއަތްތަކަށް އިރާނުން ދޭ އެހީތެރިކަން ހުއްޓުވުން ހިމެނެއެވެ.
މި މަޝްވަރާތައް މި ފެށެނީ ސަރަހައްދީ މަސްލަހަތު ނުހަނު ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ. މިދިޔަ މަހު އިރާނުގެ މުޒާހަރާތައް ހަރުކަށިކޮށް ހުއްޓުވުމާ ގުޅިގެން ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އަރަބި ކަނޑަށް ސިފައިން ޖަމާކޮށްފައެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވީ، ނިއުކްލިއާ މައްސަލައިގެ އިތުރުން އީރާނުގެ ސަރުކާރުން އެގައުމުގެ ރައްޔިތުންނާ މެދު އަމަލުކުރާ ގޮތާ މެދު ވެސް މަޝްވަރާކުރަން ބޭނުންވާ ކަމަށެވެ.
1980 ވަނަ އަހަރުން ފެށިގެން ރަސްމީ ސިޔާސީ ގުޅުން ކެނޑިފައިވާ މި ދެ ގައުމުގެ ދެމެދުގައި އެންމެ ފަހުން ޖޫން މަހު ބޭއްވި މަޝްވަރާތައް މެދުކެނޑުނީ އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެންނެވެ. އޭގެ ފަހުން އެމެރިކާއިން ވަނީ އީރާނުގެ ބައެއް ނިއުކްލިއާ މަރުކަޒުތަކަށް ބޮން އަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ