ރައީސް ޞާލިހާއި ގުޅޭ ގޮތުން މެމްބަރު ހަސަން ލަތީފު އިތުރުފުޅު ހައްދަވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހާއި ގުޅޭ ގޮތުން، ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ރައްޔިތުންގެ މަޖިލީހުގައި އިތުރުފުޅު ހައްދަވައިފިއެވެ.
ދިވެހިރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަހައްދުން ބޮޑު ބައެއް ގެއްލޭ ފަދަ ގޮތަކަށް ދިވެހި ސަރުކާރުގެ ސިޔާސަތާއި ސްޓޭންޑް ބަދަލު ނުކުރުމަށް ސަރުކާރަށް ގޮވާލައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ރައްޔިތުންގެ މަޖިލީހުގައި ހޯމަ ދުވަހު އޮތް ޖަލްސާއަށް ހުށަހެޅި ކުއްލި މައްސަލައަށް ބަހުސްކުރައްވަމުން، މެމްބަރު ހަސަން ލަތީފު ވިދާޅުވީ، މިއަދު މި ވަނީ ރައީސް ޞާލިޙްގެ ސިޓީފުޅަކުން ރާއްޖޭގެ ބައެއް ދޫކޮށްލިކަމަށެވެ.
މެމްބަރު ހަސަން ލަތީފު އެހެން ވިދާޅުވާ ވީޑިއޯ ކްލިޕް ޓްވިޓަރގައި ހިއްސާކުރައްވައި ބަންޑާރަ ނައިބުގެ އޮފީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހުސައިން ހަސަން ވަނީ އެވާހަކަތައް ދޮގުކުރައްވައިފައެވެ.
އޭނާ ވިދާޅުވީ އެއީ ސީދާ ކަނޑައެޅިގެން ދޮގު ކަމަށާއި ރާއްޖޭގެ ބައެއް ދޫކޮށްލަން ރައީސް ސިޓީފުޅެއް ނުފޮނުއްވާ ކަމަށެވެ. އަދި ކަން ހިނގާ ގޮތް އެނގިހުރެ، ރައީސް ޞާލިހްއާ ގުޅުވައިގެން "އެވަރުގެ ބޮޑު ދޮގެއް ހަދަން ހެޔޮނުވާނެ" ކަމަށް އޭނާ ވިދާޅުވިއެވެ. ހިސާން ވިދާޅުވީ، އަރިހުގައި ތިއްބަވައި، އެ ވަރަށް މުނާފިގުވާން ހެޔޮނުވާނެ ކަމަށެވެ.
އޭނާގެ ޓްވީޓް ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެމްބަރުން ވަނީ ރީ-ޓްވީޓްކުރައްވާފައެވެ.
މިމައްސަލައިގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު މިއުވާން ވިދާޅުވީ، ޗާގޮސްގެ މައްޗަށް އޮތް މޮރިޝަސްގެ ސިޔާދަތީ ބާރާ ބެހޭ ގޮތުން އައިސީޖޭ އިން ނިންމާފައިވާ ނިންމުމަށް އދ ގައި ރާއްޖެއިން ތާއީދުކުރަން ނިންމި މައްސަލައާއި، ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާ ގުޅޭ ގޮތުން އިޓްލޮސްގައި ކުރިއަށްދާ މައްސަލައަކީ ތަފާތު ދެ މައްސަލައެއް ކަމަށެވެ.
މިއުވާން ފާހަގަކުރެއްވި ގޮތުގައި، ޗާގޮސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮންނާނެކަމަށް އައިސީޖޭގެ އެޑްވައިޒަރީ އޮޕީނިއަން ނެރުމުން، އެކަމަށް އދގެ ގިނަ ޤައުމުތަކުން މިހާރު ވަނީ ތާއީދުކޮށްފައެވެ.
ޗާގޮސްގެ ޑީކޮލޮނައިޒޭޝަންއަށް ތާއީދުކޮށް 116 ގައުމަކުން އދ.ގެ އާންމު މަޖިލީހުގައި 2019 ވަނަ އަހަރު ވޯޓުލާފައިވެއެވެ.
ބައިނަލްއަގްވާމީ މަޝްރަހުގައި ވިސްނުމާ އެއްގޮތަށް ވޯޓުލުމުން އިންޓަނޭޝަނަލް ކޮމިއުނިޓީގައި ރާއްޖެ ބަލައިގަނެ އެހެން ގައުމުތަކާ އޮންނަ ގުޅުން ރަނގަޅުވާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ. ސަރުކާރުން ދެކޭ ގޮތުގައި ގައުމުތައް އިއްތިފާގުވާ ގޮތަކަށް ވޯޓުލުމުން ރާއްޖެެއަށް ލިބޭނީ ފައިދާއެވެ.
މި މައްސަލައަކީ ރާއްޖެ ފަދަ މަސްވެރިކަމަށް ބަރޯސާވާ ގައުމަކަށް މުހިންމު މައްސަލައަކަށްވާއިރު، މި މައްސަލައިގައި ބައިނަލްއަގްވާމީ ހަމަތަކުގެ މަތިން ޓްރައިބިއުނަލްގައި ރާއްޖޭގެ މަސްލަހަތުތައް ދިފާއުކޮށް ރާއްޖެ ތަމްސީލުކުރުމަށްޓަކައި ތައުލީމާއި ތަޖުރިބާހުރި ބައިނަލްއަގްވާމީ ވަކީލުންނާއި ހައިޑްރޯގްރަފީ އަދި ޖިއޮލޮޖީ ދާއިރާގެ ހަބީރުންގެ މައްޗަށް އެކުލެވޭ ޓީމެއް ސަރުކާރުން ވަނީ އެކުލަވާލާފައެވެ.
ކަނޑުގެ ސަރަހައްދުތަކަކީ ނުވަތަ އިންތަކަކީ ސީ އޮފް ކޮންވެންޝަންގެ ދަށުން ކޮންމެ ގައުމަކަށް ވެސް ކަނޑައަޅާ އިންތަކެކެވެ. އެގޮތުން، ރާއްޖެ މިނިވަންވުމާ އެކު ރާއްޖެއާއި އިންޑިއާ އާއި ސްރީލަންކާ ހިމެނޭ ގޮތަށް ވެވުނު އެއްބަސްވުމެއްގެ ދަށުން ރާއްޖޭގެ އުތުރުގެ އިންތައް ކަނޑައެޅިފައިވާއިރު، ރާއްޖޭގެ ދެކުނުގެ އިންތައް ކަނޑައެޅިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ