ޖަމީލާއި އަކްރަމަށް ކުރާ ތުހުމަތުގެ އަސާސެއް ނެތް: އިއްތިހާދު

ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރު ނެރުމުގައި ކުރީގެ ނައިބު ރައީސް އަދި އިދިކޮޅު އިއްތިހާދުގެ ލީޑަރު ޑރ. މުހައްމަދު ޖަމީލް އަހްމަދާއި ރާއްޖެ ޓީވީގެ ޗެއާމަން އަކްރަމް ކަމާލުއްދީން ބައިވެރިވެވަޑައިގެންނެވި ކަމަށް ކުރަނީ އެއްވެސް އަސާސެއް ނެތް ދޮގު ތުހުމަތެއް ކަމަށް އިދިކޮޅު އިއްތިހާދުން މިއަދު ބުނެފި އެވެ.
ޖަމީލާއި އަކްރަމްގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ފުލުހުން އަންނަނީ ބަލަމުންނެވެ. އެ މައްސަލަތަކުގައި ދެ ބޭފުޅުން ފުލުސް އޮފީހަށް ހާޒިރުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
މިކަމަށް ރައްދު ދީ އިއްތިހާދުން ނެރުނު ބަޔާނުގައި ބުނީ ސަރުކާރުގެ ބޭނުމަކީ ގާނޫނާ ހިލާފަށް އެ ދެ ބޭފުޅުން "ކުށުގައި ބެއްދުން" ކަމަށެވެ. ސިއްރު ހެކިވެރިއެއްގެ ގޮތުގައި ކޯޓުގައި ފުލުހަކު ހެކި ބަސް ދެމުން، ރައީސް ހައްޔަރުކުރަން ނެރުނު އަމުރުގެ ފަހަތުގައި ތިއްބެވީ ޖަމީލާއި އަކްރަމް ކަމަށް ބުނީ، އިއްތިހާދު އުފެއްދިތާ 24 ގަޑިއިރު ވެސް ހަމަނުވަނީސް ކަމަށް ބަޔާނުގައިވެ އެވެ.
އިދިކޮޅު އިއްތިހާދުގެ ލީޑަރު ޖަމީލް: އެމަނިކުފާނަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން އަންނަނީ ބަލަމުން
"ދިވެހި ސަރުކާރުން ސިޔާސީ ވާދަވެރިންނަށް ދުއްތުރާކޮށް ޖަރީމާތަކަށް ތުހުމަތުކުރުމުގައި ފުލުހުންނާއި ޖިނާއީ އަދުލުގެ ނިޒާމް ނަހަމަ އިން ބޭނުންކުރާ ކަމުގެ ފާޅުކަން ބޮޑު އަދި އަލިގަދަ އެއް ހެއްކަކީ މި ތުހުމަތުތަކާ ގުޅޭ އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް އެ ހެކިވެރިޔާ ކޯޓުގައި ބުނެފައި ނުވާތީ އެވެ،" ބަޔާނުގައިވެ އެވެ.
އިއްތިހާދުން ބުނިގޮތުގައި ސައްހަ ނޫން ކޯޓު އަމުރު ގުޅިފައި ވަނީ ރައީސް ޔާމީން "ދައުލަތުގެ ބައިތުލްމާލުން ވައްކަން ކުރުމާ" ކަމަށް ކުރީގެ ޕްރޮސިކިއުޓަ ޖެނެރަލް މުހްތާޒް މުހްސިނާއި އިސް މެޖިސްޓްރޭޓް އަހްމަދު ނިހާން ވިދާޅުވެފައިވާ ކަމަށެވެ. ސައްހަ ނޫން ކޯޓު އަމުރު ނެރުނު މައްސަލާގައި އެ ދެ ބޭފުޅުންނަށް ވަނީ 17 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.
އެ އަމުރުގެ ތަހުގީގު ފެށީ މިދިޔަ ފެބުރުއަރީ މަހުގައި ކަން ފާހަގަކޮށް ބަޔާނުގައި ބުނީ އޭރުއްސުރެން މިހާތަނަށް ޖަމީލާއި އަކްރަމްގެ މައްޗަށް އެއްވެސް ތުހުމަތެއްކޮށް ތަހުގީގު ހިންގާފައި ނުވުމަކީ ވެސް ފުލުހުން މިހާރު ކުރާ ތުހުމަތުތައް ފޫނުބެދޭކަން އެނގޭ އަސްލެއް ކަމަށް ބަޔާނުގައިވެ އެވެ.
ރާއްޖެ ޓީވީގެ ޗެއާމަން އަކްރަމް ކަމާލުއްދީން. --ފޭސްބުކް ފޮޓޯ
"ސަރުކާރުގެ ބާރު ޖާއިޒް ގޮތުގައި އަދި ނަހަމަ އިން ވިއަސް ހިންގޭ ތަފާތު ވަސީލަތްތައް ބޭނުންކޮށްގެން މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން ރޫޅާލެވޭތޯ ނުވަތަ އުވާލެވޭތޯ މި ހުދުމުހުތާރު ވެރިކަމުން މަސައްކަތް ކުރާނެކަން މި އިއްތިހާދު އެކުލަވާލެވުމަށް ކުރިމަތިލީއިރު ވެސް އެނގެ އެވެ،" އިއްތިހާދުގެ ބަޔާނުގައިވެ އެވެ.
"ފުލުހުން ނަހަމަ ތަހުގީގުތައް މެދުވެރިކޮށްގެން އަދި ޖިނާއީ އަދުލުގެ ނިޒާމް ނަހަމަ އިން ބޭނުންކޮށްގެން ސިޔާސީ ވާދަވެރިންގެ އަބުރު ކިލަނބުކޮށް ކުށްކުށުގައި ބައްދަން ސަރުކާރުން މަސައްކަތް ކުރާނެ ކަން އެއީ އެނގޭ ކަންކަމެވެ."
ބަޔާން ނިންމާލަމުން ބުނެފައި ވަނީ ރައީސް ޔާމީންގެ ވެރިކަން ގާނޫނީ އިންތަކުގެ ތެރެއިން ވީހާވެސް އަވަހަކަށް ވައްޓާލައި އިންތިގާލީ ނިޒާމެއް ގާއިމްކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ޝަރީއަތްތަކުގައި ބައްދާފައި ތިބި މީހުން ސަލާމަތްކޮށް އެންމެންނަށް ވާދަކުރެވޭ މިނިވަން، އިންސާފުވެރި އިންތިހާބެއް ރާއްޖޭގައި ބޭއްވޭނެ މަގުފަހިކޮށްދޭނެ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ