ސަރުކާރުގެ ޓެކްސީ ލައިނުގެ ހިދުމަތް ދިނުމަށް ބޭނުންކުރާނެ އެޕްލިކޭޝަން އެޕް ސްޓޯރުން މިހާރު އެޕްރޫވްކޮށްފައިވާ ކަމަށާއި، މި ހަފްތާ ނުވަތަ އަންނަ ހަފްތާ އެ އެޕްލިކޭޝަން ޑައުންލޯޑުކޮށް، ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީއާ ހަވާލާދީ އިކޮނޮމިކް އަދި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އެމްޓީސީސީއާ ހަވާލުކޮށްގެން ސަރުކާރުން ޓެކްސީގެ ހިދުމަތް ފެށީ މިދިޔަ މަހުގެ 2ގަ އެވެ. އެންމެ ފުރަތަމަ އެ ހިދުމަތް ހޯދަން ޖެހުނީ ހޮޓްލައިނަކަށް ގުޅައިގެންނެވެ. ފަހުން ވަނީ ވެބް ޕޯޓަލެއް މެދުވެރިކޮށް ކާރު ބުކް ކުރެވޭނެ އިންތިޒާމު ހަމަޖައްސައިފަ އެވެ.
ތަފްސީލް - ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ ޓެކްސީ ލައިންގެ ހިދުމަތް ބޭނުންކުރާ ރައްޔިތުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުން އަންނަ ކަމަށާއި، އެއާ އެކު އެމްޓީސީސީން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ވެސް ރަނގަޅުކުރަމުން އަންނަ ކަމަށެވެ.
އެންމެ މައްސަލަ ކުޑަކޮށް ހިދުމަތް ދެވޭނީ ވެސް އެޕްލިކޭޝަނެއް މެދުވެރިކޮށް ކަމަށް ސައީދު ވިދާޅުވި އެވެ.
އެމްޓީސީސީއާ ހަވާލާ ދެއްވައި ސައީދު މިއަދު ވިދާޅުވީ:
ކާރު ހޯދަން ގުޅައިގެން ކާރު ލިބުމާ ހަމައަށް އެވްރެޖުކޮށް 8.4 މިނެޓު ހޭދަވޭ
އެވްރެޖުކޮށް ދަތުރެއްގެ ދިގުމިނަކީ 12.2 މިނެޓު
މިދިޔަ މަހުގެ 13 އިން 18އަށް 11،128 ދަތުރު ކުރި؛ ހިދުމަތް ފެށި ދުވަހުން ފެށިގެން މިހާތަނަށް އެ ހިދުމަތް ހޯދާ މީހުންގެ ނިސްބަތް %50 އިތުރު
ވެބް ޕޯޓަލް ލޯންޗުކުރި ފަހުން، މިދިޔަ މަހުގެ 18 އިން މި މަހުގެ 1އަށް 7،251 ދަތުރު ކުރި
އެނގުން މުހިއްމު - ޓެކްސީ ހިދުމަތް ފެށުމުގެ ކުރިން، އެ ހިދުމަތް ދިނުމަށް އެޕްލިކޭޝަނެއް ތައްޔާރު ކުރުމަށް 13 މިލިއަން ރުފިޔާއަށް ބަޔަކާ ހަވާލު ކުރި ކަމަށާއި އެ މުއާމަލާތް ކުރިއަށް ގެންދިޔައީ ވާދަވެރި ބީލަމަކަށް ނުގޮސް ހިޔާނާތަށް މަގުފަހިވާ ގޮތަށް ކަމަށް ތުހުމަތުތައް ކޮށްފައިވެ އެވެ. ނަމަވެސް މި ތުހުމަތުތަކާ ގުޅޭ ގޮތުން އެމްޓީސީސީން އެއްވެސް އެއްޗެއް ނުބުނެ އެވެ.
ސޯޝަލް މީޑިއާގައި މި ހިޔާނާތުގެ ވާހަކަ ދެކެވެމުންދާތީ އެކަމުގެ މައުލޫމާތު ލިބިފައިވޭތޯ ރައީސް މުހައްމަދު މުއިއްޒުއާ މީގެ ކުރިން ސުވާލުކުރުމުން ރައިސް ވަނީ 'މާލެ ޓެކްސީ' އެޕްލިކޭޝަން އުފެއްދުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގި ކަމަށް ކުރެވޭ ތުހުމަތުތަކުގެ މައުލޫމާތު އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.
ރައީސް ވިދާޅުވީ:
އެ މަނިކުފާނަށް މައުލޫމާތު ލިބިވަޑައިގަތީ، އެޕް ރަނގަޅަށް މަސައްކަތް ނުކުރާ ކަމަށް ނުވަތަ އޭގައި ގިނަ މައްސަލަތަކެއް ހުރި ކަމަށް
އެ ކަންކަން މިހާރަށް ވުރެ ރަނގަޅަށް ކުރިއަށް ގެންދިއުމަށާއި ނުރަނގަޅަށް ކަމެއް ހިނގާ ކަމަށް ވަންޏާ ފިޔަވަޅު އަޅަން ޓްރާންސްޕޯޓު މިނިސްޓްރީއަށް އަންގާފައިވާނެ
އެކަމަކު ގާނޫނާ ހިލާފަށް، ނުފޫޒުގައި އުސޫލުން ބޭރުން ކަމެއް ކުރަން ފުރުސަތެއް ނުދޭނަން
އެޕް ހެދުން ލަސްވެގެން ނުވަތަ އެހެން ވެސް މައްސަލައެއް ދިމާވެގެން ހިދުމަތް ދިނުމަށް ބުރުއެރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން؛ އެކަން ރަނގަޅުކުރަން ފިޔަވަޅުތައް އަޅަން އަންގާފައިވާނެ
"ދެން މިހާރު ސީދާ އެޕެއް ހެދުމުގެ މަސައްކަތް ކުރަމުންދާކަން ވެސް ނުރަސްމީކޮށް އަޅުގަނޑަށް މައުލޫމާތު ލިބިފައި އޮތީ. އެހެންވީމާ އަޅުގަނޑުމެން ބަލާނަން ވީހާ ވެސް އަވަހަކަށް މިކަން ރަނގަޅު މަގުން ކުރިއަށް ގެންދެވޭތޯ. ގައިމު ވެސް އެއްވެސް ގަވާއިދާ ހިލާފަށް ނުފޫޒުން ކަމެއް ކުރުމުގެ ފުރުސަތެއް އަޅުގަނޑުމެން ނުދޭނަން،" ރައީސް ވިދާޅުވި އެވެ.
ޓެކްސީ އެޕް އަންނަ ހަފްތާ ޑައުންލޯޑުކޮށް ބޭނުންކުރެވޭނެ: ސައީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ