ޔޫޓިއުބްގެ ޕީއައިޕީ ފީޗާ ހުރިހާ ޔޫޒަރުންނަށް ހިލޭ ދެނީ
ޔޫޓިއުބް ވީޑިއޯ ބަލަމުން ފޯނުގެ އެހެން އެޕްލިކޭޝަންތައް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ފީޗާ "ޕިކްޗަރ-އިން-ޕިކްޗަރ" (ޕީއައިޕީ)ފީޗާ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ތިބި ޔޫޓިއުބު ޔޫޒަރުންނަށް ހިލޭ ލިބޭގޮތަށް އާންމުކުރުމުގެ މަސައްކަތް އެ ކުންފުނިން ފަށައިފިއެވެ. މި ބަދަލާ އެކު، ޔޫޓިއުބް އެޕުން ނުކުތް ނަމަވެސް ސްކްރީންގެ ކުޑަ ވިންޑޯއެއްގައި ވީޑިއޯ މެދުކެނޑުމެއް ނެތް ގޮތުގައި ކުރިއަށް ދާނެއެވެ. މީގެ ކުރިން މި ޚާއްޞަ ފީޗާ ބޭނުންކުރުމުގެ ފުރުސަތު އޮތީ ހަމައެކަނި އެމެރިކާގެ ޔޫޒަރުންނަށާއި ދުނިޔޭގެ އެހެން ސަރަހައްދުތަކުގައި ޔޫޓިއުބް ޕްރީމިއަމް ސަބްސްކްރިޕްޝަން ގެންގުޅޭ ފަރާތްތަކަށް އެކަންޏެވެ. ނަމަވެސް، ގޫގުލްއިން މިހާރު ވަނީ ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި އެންޑްރޮއިޑް އަދި އައިއޯއެސް ބޭނުންކުރާ ހުރިހާ ކަސްޓަމަރުންނަށް މި ފުރުސަތު ހުޅުވާލާނެކަން ކަށަވަރުކޮށްދީފައެވެ. އާ އަޕްޑޭޓާ އެކު ޕްރީމިއަމް ފައިސާ ނުދައްކާ ބޭނުންކުރާ ފަރާތްތަކަށް މިއުޒިކް ނޫން ހުރިހާ ވީޑިއޯއެއް މިގޮތަށް ބަލައިލެވޭނެއެވެ. އެހެންނަމަވެސް، މިއުޒިކް ވީޑިއޯތައް ބަލަމުން އެހެން މަސައްކަތްތައް ކުރުމުގެ ފުރުސަތު އަދިވެސް އޮންނާނީ ހަމައެކަނި ޕްރީމިއަމް މެންބަރުންނަށް ކަމަށް ޔޫޓިއުބުން މައުލޫމާތުދެއެވެ. ވީޑިއޯ ބަލަމުންދާއިރު ފޯނުގެ "ހޯމް" ބަޓަނަށް ފިއްތާލުމުން ނުވަތަ މައްޗަށް ސްވައިޕް ކޮށްލުމުން ވީޑިއޯ ކުޑަ ފްލޯޓިން ވިންޑޯއަކަށް ބަދަލުވެ، ސްކްރީންގެ ކޮންމެ ދިމާލަކަށް ވެސް އެ ވިންޑޯ ޖައްސާލުމުގެ އިޚުތިޔާރު ޔޫޒަރުންނަށް ލިބޭނެއެވެ. މިއީ ފޯނުން މެސެޖުކުރުމާއި ނުވަތަ އިންޓަނެޓުން އެހެން މައުލޫމާތެއް ހޯދަމުން ވީޑިއޯ ބަލަން ބޭނުންވާ ފަރާތްތަކަށް ލިބޭނެ ވަރަށް ބޮޑު ލުޔެކެވެ. މި ފީޗާ މަސައްކަތް ނުކުރާނަމަ ފޯނުގެ އެޕް ސެޓިންގްސްގެ ތެރެއިން "ޕިކްޗަރ-އިން-ޕިކްޗަރ" އޮން ކުރުމަށް ޔޫޓިއުބުން އިލްތިމާސްކުރެއެވެ. އަދި، ވީޑިއޯ ކަނޑާލަން ބޭނުންވާ ހާލަތްތަކުގައި އެ ކުޑަ ވިންޑޯގައި އިންނަ އެކްސް ފާހަގައަށް ފިއްތާލުމުން ނުވަތަ ސްކްރީންގެ ތިރިއަށް ދަމާލުމުން ވީޑިއޯ ކެނޑޭނެއެވެ. ޔޫޓިއުބުން ޕިކްޗަރ-އިން-ޕިކްޗަރ ފީޗާ އެންމެ ފުރަތަމަ ތައާރަފުކުރީ މީގެ އަހަރުތަކެއް ކުރިންނެވެ. އޭރު މި ފީޗާ ބޭނުންކުރެވެނީ ހަމައެކަނި އެންޑްރޮއިޑް ފޯނުތަކުގައެވެ. ނަމަވެސް، 2021 ވަނަ އަހަރުން ފެށިގެން އައިއޯއެސް ބޭނުންކުރާ ފަރާތްތަކަށް ވެސް މި ފުރުސަތު ދޭން ފެށިއެވެ. މި ފީޗާގެ މައިގަނޑު ބޭނުމަކީ ވީޑިއޯ ބަލަމުން އެހެން އެޕްތައް ބޭނުންކުރުމުގެ ފުރުސަތު ދިނުމެވެ. މީގެ ކުރިން އެމެރިކާ ފިޔަވައި އެހެން ގައުމުތަކުގައި މި ފީޗާ ބޭނުންކުރެވެނީ ހަމައެކަނި ޔޫޓިއުބް ޕްރީމިއަމްއަށް ފައިސާ ދައްކާ ކަސްޓަމަރުންނަށް އެކަންޏެވެ. ޕްރީމިއަމް ނޫން ޔޫޒަރުން އޭރު އެޕުން ބޭރުވެއްޖެނަމަ ވީޑިއޯ ވަގުތުން މެދުކެނޑެއެވެ. ޓެކްނޮލޮޖީގެ ދާއިރާގައި ފޭސްބުކް އަދި އިންސްޓަގްރާމް ފަދަ އެހެން މީސްމީޑިއާ ޕްލެޓްފޯމްތަކުން މިފަދަ ވަސީލަތްތައް އާންމުކޮށް ފޯރުކޮށްދޭން ފެށުމާ އެކު، ޔޫޓިއުބް ޔޫޒަރުންގެ މެދުގައި މި ފީޗާގެ ޑިމާންޑް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މި ބަދަލާ އެކު ޔޫޓިއުބުން މިވަނީ އެ ކުންފުނީގެ ޚިދުމަތްތައް އެހެން ޕްލެޓްފޯމްތަކާ އެއްވަރަކަށް ފުޅާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ