އެމެރިކާއިން އޭޝިޔާއަށް ވިއްކާ ގޭހުގެ މިންވަރު އިތުރުވެއްޖެ

އީރާނާ ދެކޮޅަށް އެމެރިކާއިން އިސްވެ ފެށި ޣައިރުޤާނޫނީ ހަނގުރާމައިގެ ސަބަބުން ހުޅަނގު އޭޝިޔާ ސަރަޙައްދުން ތެލާއި ގޭސް ބޭރުކުރާ މިންވަރު ދަށްވުމާ ގުޅިގެން، އެޕްރީލު މަހު އެމެރިކާއިން އޭޝިޔާގެ ޤައުމުތަކަށް ވިއްކާފައިވާ ދިޔާ އެއްޗަކަށް ބަދަލުކޮށްފައިވާ ގޭހުގެ (އެލްއެންޖީ) މިންވަރު ވަރަށް ބޮޑަށް އިތުރުވެއްޖެއެވެ.
އެމެރިކާއިން އިސްވެ ފެށި ހަނގުރާމައިގެ ސަބަބުން ހުޅަނގު އޭޝިޔާގެ ޤައުމުތަކުން ތެލާއި ގޭސް ބޭރުކުރުމަށް ހުރަސްއެޅިފައިވާ މި ދަނޑިވަޅުގައި، ދުނިޔޭގެ ބާޒާރުގައި ގޭސް ފޯރުކޮށްދޭ މައިގަނޑު ބާރަކަށް އެމެރިކާގެ އުފެއްދުންތެރިކަން ވެފައިވާ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ހާމަކުރިއެވެ. އެލްއެންޖީގެ ވިޔަފާރީގެ މުޢާމަލާތުތައް ދިރާސާކުރާ އެލްއެސްއީޖީ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އެޕްރީލު މަހު އެމެރިކާއިން ބޭރުކުރި ގޭހުގެ ގާތްގަނޑަކަށް ހަތަރުބައިކުޅަ އެއްބައި ވިއްކާފައި ވަނީ އޭޝިޔާގެ ބާޒާރުތަކަށެވެ.
ފެބުރުވަރީ 28 ގައި ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން، އޭޝިޔާއަށް ފޮނުވާ ޝިޕްމަންޓްތައް ވަނީ %175 އަށްވުރެ ބޮޑަށް އިތުރުވެފައެވެ. ފެބުރުވަރީ މަހު އެމެރިކާއިން 970,000 މެޓްރިކް ޓަނުގެ ގޭސް ބޭރުކޮށްފައިވާއިރު، އެޕްރީލު މަހު އެ އަދަދު ވަނީ 2.71 މިލިޔަން މެޓްރިކް ޓަނަށް އުފުލިފައެވެ. މި ކުރިއެރުމާއެކު، ދުނިޔޭގެ ބާޒާރުގައި ގޭހުގެ އަގު އުފުލިފައިވާ ދަނޑިވަޅެއްގައި، ކޮންމެހެން ބޭނުންޖެހޭ ވަގުތު ސަޕްލައި ފޯރުކޮށްދޭ "ސްވިންގް ސަޕްލަޔަރ" އެއްގެ ދައުރު އެމެރިކާއިން ދަނީ އަދާކުރަމުންނެވެ. އަދި، ބޮޑެތި މާލީ ފައިދާތަކެއް ހޯދަމުންނެވެ.
އިޤުތިޞާދީ ގޮތުން ބަލާއިރު، މިއީ އެމެރިކާގެ ކުންފުނިތަކަށް ލިބޭ ވަރަށް ބޮޑު މާލީ ފައިދާއެކެވެ. އޭޝިޔާގެ ބާޒާރުގައި ގޭހުގެ އަގު ހުރީ މިލިޔަން ބްރިޓިޝް ތަރމަލް ޔުނިޓަކަށް 17.92 އެމެރިކާ ޑޮލަރުގައެވެ. މިއީ ވިލާތުގެ ބާޒާރުތަކަށްވުރެ %17 ބޮޑު އަގެކެވެ. އެހެންކަމުން، ހުޅަނގު އޭޝިޔާ ހަނގުރާމައިގެ ސަބަބުން އުފެދުނު ހަކަތައިގެ ދަތިކަމުގެ ނާޖާއިޒު ފައިދާ އެންމެ ބޮޑަށް ނަގަމުންދަނީ އެމެރިކާގެ ހަކަތައިގެ ސިނާޢަތުންކަން މި ހިސާބުތަކުން ސާފުކޮށް ހާމަވާ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.
މި ދަނޑިވަޅުގައި، އެމެރިކާގެ "ގޯލްޑަން ޕާސް" ގިމަތައިން ފުރަތަމަ ފަހަރަށް ގޭސް ބޭރުކުރަން ފަށާފައިވާއިރު، އެއީ އެމެރިކާގެ އެކްސޮން މޮބިލްއާއި ޤަޠަރު އެނަރޖީ ގުޅިގެން ހިންގާ މަޝްރޫޢެކެވެ. އެމެރިކާއިން އެންމެ ގިނައިން ގޭސް ބޭރުކުރި މަންޒިލަކީ ވިލާތުގެ ޤައުމުތައް ކަމުގައިވީ ނަމަވެސް، މިޞްރާއި ލެޓިން އެމެރިކާގެ ޤައުމުތަކުގެ އިތުރުން ދެކުނު އެފްރިކާ ފަދަ އައު ބާޒާރުތަކަށް ވެސް އެމެރިކާގެ ނުފޫޒު ދަނީ ފުޅާކުރަމުންނެވެ. މި ބަދަލާއެކު ދުނިޔޭގެ ހަކަތައިގެ ބާޒާރުގެ ސިޔާސީ މަސްރަޙަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވޭ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ