ނޫސްވެރިކަމުގެ މިނިވަންކަމަށް އެމްޖޭއޭގެ 9 ޑިމާންޑެއް ސަރުކާރަށް

މިއަދު ފާހަގަ ކުރާ ބައިނަލްއަގުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ނޫސްވެރިންގެ ޖަމިއްޔާ (އެމްޖޭއޭ)ން ނުވަ ޑިމާންޑެއް ސަރުކާރަށް ހުށަހަޅައިފި އެވެ.
ވީ ކިހިނެއް؟ - މި ދުވަހާ ގުޅުވައި އެމްޖޭއޭއިން މިއަދު ވަނީ ރައީސް އޮފީސް ކުރިމަތީ ހިމޭން އިހުތިޖާޖެއް ވެސް ކޮށްފަ އެވެ. އަދި އޭގެ ފަހުން ސަރުކާރަށް ނުވަ ޑިމާންޑެއްކޮށް ބަޔާނެއް ނެރެފައިވެ އެވެ.
ތަފްސީލު - އެމްޖޭއޭއިން ނެރުނު ބަޔާނުގައި ބުނީ، ރާއްޖޭގެ ނޫސްވެރިކަމުގެ މާހައުލު އޮތް ނުރައްކާތެރި ހާލަތާ މެދު އެ ޖަމިއްޔާއިން އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ. ވަކިން ހާއްސަކޮށް، ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރުއެސްއެފް) އިން ނެރުނު 2026 ވަނަ އަހަރުގެ ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ވަރަށް ބޮޑަށް ފަހަތަށް ސޮއްސާލާފައިވާތީ، މިއީ ނޫސްވެރިކަމުގެ މިނިވަންކަން ހިމާޔަތްކުރުމަށް ވަގުތުން ފިޔަވަޅު އަޅަންޖެހިފައިވާ ވަގުތެއް ކަމުގައި ދެކޭ ކަމަށް ބަޔާނުގައި ބުންނެވެ.
"ނޫސްވެރިންނަށް ބިރުދެއްކުމާއި ނޫސް އިދާރާތަކަށް ފުލުހުން ވަދެ ހިންގާ އަމަލުތަކަކީ ޑިމޮކްރެޓިކް މުޖުތަމައުއެއްގައި ބަލައިގަނެވޭނެ ކަންކަމެއް ނޫނެވެ. އެއީ ސަރުކާރު ޖަވާބުދާރީ ކުރުވަން ނޫސްވެރިން ކުރާ މަސައްކަތްތައް ހުއްޓުވައި ބިރުދެއްކުމަށް ހިންގާ އަމަލުތަކެއް ކަމުގައި މި ޖަމިއްޔާއިން ދެކެމެވެ،" އެ ބަޔާނުގައި ބުންޏެވެ.
އެހެންކަމުން، ނޫސްވެރިކަމުގެ މިނިވަންކަން އޭގެ އެންމެ ފުރިހަމަ މާނައިގައި ކަށަވަރުކޮށް، ނޫސްވެރިންނަށް ރައްކާތެރި ފަހި މާހައުލެއް ރާއްޖޭގައި ގާއިމްކުރުމަށް އެ ޖަމިއްޔާއިން ހުށަހަޅާ ނުވަ ޑިމާންޑެއް ވަގުތުން ތަންފީޒުކުރުމަށް ގޮވާލާފައިވެ އެވެ.
ސަރުކާރަށް ހުށަހަޅާ މައިގަނޑު ޑިމާންޑްތައް: 
ސަރުކާރުން މީޑިއާ ކޮންޓްރޯލް ކުރުމަށް ވުޖޫދުކުރި 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ގާނޫނު' އުވާލައި މީޑިއާ ކޮމިއުނިޓީއާ އެކު މަޝްވަރާކޮށްގެން 'ސެލްފް ރެގިއުލޭޓަރީ' މެކޭނިޒަމެއް ގާއިމުކުރުމުގެ މަސައްކަތް ވަގުތުން ފެށުން
'އަދަދު' ނޫހާއި އެ ނޫހުގެ ނޫސްވެރިންނަށް ކުރާ ޖިނާއީ ތުހުމަތުތަކާއި ތަހުގީގުތައް ހުއްޓާލައި ފުލުހުން އެ އިދާރާ ބަލާފާސްކޮށް ގެންދިޔަ ތަކެތި ޝަރުތެއް ނެތި އަނބުރާ ހަވާލު ކުރުމަށް
'އަދަދު' ނޫހުގެ އެޑިޓަރުންގެ ފުރުން މަނާ ކުރުމުގެ އަމުރު އުވާލުމަށް
ނޫސްވެރިންނާއި މީޑިއާތަކުގެ މައްޗަށް ޖިނާއީ ތަހުގީގުތައް ނުކުރުން
ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނާއި އަނިޔާވެރިކޮށް މަރާލި ބްލޮގަރު ޔާމީން ރަޝީދުގެ މައްސަލައިގައި 'މަރާލާފައިވާ މީހުންނާއި ގެއްލުއްވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން' އެކުލަވާލާފައިވާ ރިޕޯޓުތައް އާންމުކޮށް، ހުޅުވާލެވިގެން މިނިވަން ޕަބްލިކް އިންކުއަރީއެއް ހިންގުން
ނޫސްވެރިންނަށާއި އެ މީހުންގެ އާއިލާތަކަށް ދޭ އިންޒާރުތަކުގެ މައްސަލަ ސީރިއަސްކޮށް ބަލައި އެކަށީގެންވާ ފިޔަވަޅު އެޅުން އަދި ނޫސްވެރިކަން ރައްކާތެރިކަން ކަވަރުކުރަން ހަރުދަނާ ގައުމީ ނިޒާމެއް ގާއިމުކުރުން. އަދި މުޒާހަރާތައް ފަދަ ހާލަބޮލި ހާލަތްތައް ކަވަރުކުރާ ނޫސްވެރިންނަށް ފުލުހުންގެ ފަރާތުން އެކަށީގެންވާ ރައްކާތެރިކަން ލިބޭނޭކަން ކަށަވަރުކުރަން ވަގުތުން ފިޔަވަޅު އެޅުން 
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަށް ފުރިހަމައަށް އަމަލުކޮށް، ސަރުކާރުގެ އިދާރާތަކުން މައުލޫމާތު ހާމަކުރުމުގައި ހުރި ހުރަސްތައް ނައްތާލުން
ނޫސްވެރިންގެ މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް ހެއްކާ ބެހޭ ގާނޫނުގައި ހުރި މާއްދާތައް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް އިސްލާހުކުރުން
މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ދޭ ގްރާންޓް މިނިވަންކަމާއި އިންސާފުވެރިކަމާ އަދި ދެ ފުށް ފެންނަ ގޮތެއްގައި ދެވޭނޭކަން ކަށަވަރުކުރުން. އަދި އެކަމަށްޓަކައި ނޫސްވެރިންނާއި އެޑިޓަރުންނާއި ނޫސް އިދާރާތަކާއި މަދަނީ ޖަމްއިއްޔާތައް އަދި ބައިނައަގުވާމީ ފަރާތްތަކާ އެކު މަޝްވަރާކޮށް އެފަދަ ނިޒާމެއް އެކުލަވާލުން
"ނޫސްވެރިކަމަކީ ދައުލަތުގެ ހަތަރުވަނަ ބާރުގެ ގޮތުގައި އޮވެ، ބާރުވެރި ފަރާތްތައް ޖަވާބުދާރީކުރުވުމުގެ ޒިންމާ އަދާކުރެވޭނީ މިނިވަންކަމާއެކު މަސައްކަތްކުރެވޭނެ މާހައުލެއް އޮވެގެންނެވެ. ރާއްޖޭގެ ޕްރެސް ފްރީޑަމް އިންޑެކްސް އިތުރަށް ދަށަށް ދިޔަ ނުދިނުމަށްޓަކައި، މަތީގައިވާ ކަންކަމަށް ސަރުކާރުން ވަގުތުން އިޖާބަދިނުމަށް،" އެ ޖަމިއްޔާއިން ގޮވާލާފައިވެ އެވެ.
އެއާ އެކު އެމްޖޭއިން ގޮވާލާފައި ވަނީ، މީޑިއާގެ އެންމެހާ ފަރާތްތަކާ އެކު "ސަރުކާރުން މަޝްވަރާގެ މޭޒަށް" އައުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ