ދޮންދަރިއަށް ޖިންސީ ގޯނާ ކުރުމުން ކުރި 15 އަހަރުގެ ޖަލު ހުކުމް، ސުޕްރީމް ކޯޓަށް ބަލައިގަންނަން ނިންމައިފި

ކޮވިޑުގެ ތެރޭގައި ކަރަންޓީނުކޮށްފައި ހުރިއިރު، އުމުރުން 16 އަހަރުގެ ދޮންދަރިއަށް ޖިންސީ ގޯނާ ކުރި މީހާގެ މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަންނަން ހުއްދަ ދޭން އެ ކޯޓުން ނިންމައިފިއެވެ. މިއީ ކޮވިޑު ދުވަސްވަރު، މީހަކު އޭނާގެ ދޮންދަރިއަށް އެކި ފަހަރު މަތިން ޖިންސީ ގޯނާ ކުރިކަން ސާބިތުވެ، އޭނާ 15 އަހަރަށް ޖަލަށްލާން ހުކުމް ކުރި މައްސަލައެވެ. ދެހާސްވިހި ވަނަ އަހަރުގެ ޑިސެމްބަރު މަހު ހިނގި މި ހާދިސާއާ ގުޅިގެން ދޮންބައްޕަގެ މައްޗަށް 15 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، އެ ހުކުމަށް ހައިކޯޓުން ވަނީ ތާއީދުކޮށްފައެވެ. އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ދޮންބައްޕަގެ ފަރާތުންނެވެ. ސުޕްރީމް ކޯޓުގެ ވެބްސައިޓުގައިވާ ގޮތުން އެ މައްސަލައަށް ހުއްދަ ދިނުމަށް ކޯޓުގެ ރަޖިސްޓްރާވަނީ ނިންމަވާފައެވެ. މި މައްސަލައިގައި ދޮންބައްޕަ ވަނީ އޭނާ، ދޮންދަރިއާ ބެހުނު ކަމަށް ކުރި ދައުވާއަށް އިންކާރުކޮށްފައެވެ. އެކަމަކު، ކުށް ސާބިތުވެފައިވާ މި މައްސަލައިގެ މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ފިރިހެން މީހާ ވަނީ ކުއްޖާގެ މަންމައާ ކައިވެނި ކުރުމުގެ ކުރިން ވެސް އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރަން މަސައްކަތްކޮށްފައެވެ. އެ ވާހަކަތައް ކުއްޖާގެ މަންމައަށް ކުއްޖާ ކިޔައިދިނުމުން، އެއީ އެކަހަލަ މީހެއް ނޫން ކަމަށް ބުނެފައިވެއެވެ. އެކަމަކު މި ފިރިހެން މީހާ ދިޔައީ މަންމަގެ ނިވަލުގައި ހުރެ އެކި ފަހަރުމަތިން ކުއްޖާއަށް ޖިންސީ ގޯނާ ކުރަމުންކަން އެނގިފައިވެއެވެ. ތަކުރާރުކޮށް އެކި ފަހަރު މަތިން 16 އަހަރުގެ އަންހެން ކުއްޖާއަށް އޭނާގެ ދޮންބައްޕަ ޖިންސީ ގޯނާ ކުރަމުން ދިޔަކަން އެންމެ ފަހުން ފަޅާއެރީ ކޮވިޑުގެ ތެރޭގައި ކަރަންޓީނުގައި ހުރެ އޭނާ އެކަން ކުރަން ފެށި ފަހުންނެވެ. ކޮވިޑުގެ ތެރޭގައި ކަރަންޓީނުގައި ދެ ބަފައިން އެއް ގެއެއްގައި ތިބިއިރު، ދޮންބައްޕަ ވަނީ އަންހެން ކުއްޖާ ނިދާފައި އޮއްވާ އެކި ފަހަރު މަތިން އެ ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައި ކަމަށް ދަށު ކޯޓުން މައްސަލަ ނިންމިއިރު ފާހަގަކޮށްފައިވެއެވެ. ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު އެ ކުޑަކުއްޖާއާއެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާކޮށްފައިވާ މި މައްސަލައިގެ ހާދިސާގައި ކުއްޖާ ގޮވައިގެން ސްކޫލަށް ދަމުންނާއި، އަދި އެހެން ތަންތަނަށް ރޭގަނޑު އެ ކުއްޖާ ގޮވައިގެން ގޮސް ވެސް ދޮންބައްޕަ ވަނީ އެ ކުއްޖާއަށް ގޯނާކޮށްފައެވެ. ކުއްޖާއަށް އެންމެ ފުރަތަމަ ޖިންސީ ގޯނާ ކުރަން ފެށުމުން އެ ކުއްޖާ، މަންމައަށް އެ ވާހަކަތައް ކިޔައިދިނުމުން މަންމަ އަޅާ ނުލިކަމަށްވެއެވެ. އެ މައްސަލަ ފަޅާއެރީ މަންމަ ގަބޫލު ނުކުރުމުން، އެ ކުއްޖާ ރައްޓެހި އެހެން ކުއްޖެއްގެ ބެލެނިވެރިންނަށް އެ ވާހަކަތައް ކިޔައިދިނުމުންނެވެ. އެއީ ކޮވިޑުގެ ތެރޭގައި ކަރަންޓީނުކޮށްފައި ހުރި ދުވަސްވަރު، 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހެވެ. މި މައްސަލަ އެންމެ ފުރަތަމަ ފަޅާއެރުމާއެކު ކުއްޖާގެ ދޮންބައްޕަ ވަނީ ހައްޔަރުކޮށްފައެވެ. އަދި މައްސަލައިގެ ހުކުމް ކުރުމާ ހަމައަށް ވެސް އެ މީހާ ހުރީ ބަންދުކޮށްފައެވެ. ނޯޓް: މި މައްސަލައިގައި ހިމެނޭ މީހާގެ ވަނަވަރު އެނގިދާނެ އެއްވެސް މައުލޫމާތެއް މި ޚަބަރުގައި ނުހިމެނީ އަނިޔާ ލިބުނު ކުއްޖާގެ މަސްލަހަތު ހިމާޔަތް ކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ