ދުބާއީގެ ކުންފުންޏާ ހަވާލުކުރި އައްޑޫ ކަރަންޓު މަޝްރޫއުގެ މަސައްކަތް ރޯދައިގެ ފަހުން ފަށަނީ

އައްޑޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އިންޖީނުގެ އެޅުމަށް  ދުބާއީގެ ކުންފުންޏަކާ ހަވާލުކޮށްފައިވާއިރު އެ މަސައްކަތް ރޯދައިގެ ފަހުން ފަށާނެ ކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ވިދާޅުވެއްޖެ އެވެ. 
އެ މަޝްރޫއު ހަވާލުކުރީ  ދުބާއީގެ ޑެފިނިޓް ސޮލިއުޝަންސް ކުންފުންޏާ، މިމަހުގެ 7 ވަނަ ދުވަހު އެވެ. 
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ނަޖާހު ވިދާޅުވީ ކޮންޓްރެކްޓުގައި ސޮއިކުރުމާ އެކު އެކަމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް އެ ކުންފުނިން ކުރަމުން އަންނަ ކަމަށާއި ރޯދައިގެ ފަހުން މަޝްރޫއު ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.
"އެބޭފުޅުން ވަރަށް ޔަގީންކަން ދެއްވާ މި ރޯދަ މަސް ނިމޭނެ ގޮތަށް އަމަލީ މަސައްކަތް ގްރައުންޑުގައި ފަށާނެ ކަމަށް،" 
އައްޑޫގެ ކަރަންޓުގެ މައްސަލައަކީ ދިގު ތާރީހެއް އޮތް މައްސަލައެއް ކަމަށާއި މި ސަރުކާރު ހަވާލުވިއިރު ވެސް އެ ހާލަތަށް ބަދަލެއް ނާންނަ ކަމަށް އޭނާ ވިދާޅުވި އެވެ. 
އެހެންވެ އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ފާއިތުވި ދެ އަހަރު މަސައްކަތް ކުރެއްވި ކަމަށް ނަޖާހު ވިދާޅުވި އެވެ. 
އޭނާ ވިދާޅުވި ގޮތުގައި ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް މިއަހަރުގެ ތެރޭގައި ހައި ސްޕީޑު ދެ ޖަނަރޭޓަރު ގެންގޮސްފައިވާ ކަމަށާއި އިތުރު ދެ ޖަނަރޭޓަރެއް ގެންދިއުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ. އަދި މިދިޔަ އަހަރުގެ ތެރޭގައި ވެސް ފަސް ޖަނަރޭޓަރެއް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 
ހައި-ސްޕީޑް ޖަނަރޭޓަރަކީ (އާންމު ގޮތެއްގައި 3600 އާރްޕީއެމް) ގެ ކޮމްޕެކްޓް، ލުއި އަދި އަގުހެޔޮ ޖެނަރޭޓަރެކެވެ. 
ނަޖާހު ވިދާޅުވީ އައްޑޫގައި ހަލާކުވެފައިވާ ގިނަ ޖަނަރޭޓަރުތަކުގެ މަރާމާތުގެ މަސައްކަތް ވެސް މި ސަރުކާރުގައި ކޮށްފައިވާ ކަމަށެވެ. ރާއްޖެއިން ބޭރުން އެކަމުގެ މާހިރުން ގެނެސްގެން ވެސް މަރާމާތުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. 
އޭނާ ވިދާޅުވީ ފަހުން ސޮއިކުރި މަޝްރޫއުއަކީ އައްޑޫގެ ކަރަންޓުގެ މައްސަލައަށް "ޓޯޓަލް ސޮލިއުޝަނެއް"އެއް ހޯދޭނެ މަޝްރޫއުއެއް ކަމަށެވެ. 
އެ މަޝްރޫއު ހަވާލުކޮށްފައިވާ ދުބާއީގެ ކުންފުންޏަކީ އެކަމުގެ ތަޖުރިބާ އޮތް ކުންފުންޏެއް ކަމަށް އޭނާ ވިދާޅުވި އެވެ. 
ދުބާއީގެ ކުންފުނީގެ މަޝްރޫއު ކުރިއަށްދާއިރު އައްޑޫގައި ޕަވާ ހައުސްގެ މަސައްކަތް ވެސް ފަށައިގެން ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވި އެވެ. 
ނާޖިހު ވިދާޅުވީ ޕަވާ ހައުސްގެ މަސައްކަތް އެއްކޮށް ނިންމާނީ، ފިއުލް ފާމަކާއި ބަންކަރިން ހައުސްއަކާ އެކު ކަމަށެވެ. އަދި 5.2 ގެ ލޯ ސްޕީޑުގެ ފަސް ޖަނަރޭޓަރު ބަަަހައްޓާނެ ކަމަށާއި އެއާ އެކު 26 މެގަވޮޓުގެ ކަރަންޓު އައްޑޫއަށް އިންސްޓޯލް ކުރެވޭނެ ކަމަށް ވިދާޅުވި އެވެ. 
ނަޖާހް ވިދާޅުވި ގޮތުގައި، ކަރަންޓު ފޯރުކޮށްދިނުމާ ހަމައަށް އެ ކުންފުނިން މަސައްކަތްކުރާނެ އެވެ. 
އޭނާ ވިދާޅުވީ މި މަޝްރޫއުގެ ދަށުން އިންޖީނުގޭގައި ބެހެއްޓުމަށް ހަމަޖެހިފައި ވަނީ ބެލްޖިއަމް ކުންފުންޏެއް ކަމަށްވާ އަންގްލޯ ބެލްޖިއަން ކޯޕަރޭޝަން (އޭބީސީ)ގެ އިންޖީނުތަކެއްކަމަށެވެ. ޔޫރަޕްގައި ބޭނުންކުރާ މި ބްރޭންޑްގެ އިންޖީނުތަކަކީ، މިހާރު އައްޑޫގައި ހުރި ހައި ސްޕީޑް އިންޖީނުތަކާ ހިލާފަށް ލޯ ސްޕީޑް ޒަމާނީ އިންޖީނުތަކެކެވެ. 
ނަޖާހު ވިދާޅުވީ ބެލްޖިއަމްގައި ހުންނަ އެ ކުންފުނީގެ ފެކްޓްރީއަށް ފެނަކައިގެ މުވައްޒަފުންގެ ޓީމެއް ގެންގޮސްގެން ތަމްރީނުތަކެއް ވެސް ދޭނެ ކަމަށެވެ. 
"އެހެންވީމާ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މަސައްކަތް އަޅުގަނޑުމެން މި ބަލަނީ ރޯދަ މަސް ނިމުމާ އެކު ގްރައުންޑް ލެވެލްގެ މަސައްކަތް ފެށިގެން އިރާދަކުރެއްވިއްޔާ ނުހުއްޓު ކުރިއަށް ގެންގޮސް މިހާރު ކަނޑައަޅާފައިވާ ތާރީހު އެއީ މިއަންނަ އަހަރުގެ މެދު ތެރެއަށް ޖުލައި ހިސާބަށް އަޅުގަނޑުމެންނަށް މަސައްކަތް ނިންމައި އައްޑޫގެ ރައްޔިތުންނަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށް." 
އައްޑޫގެ އާ އިންޖީނުގެ އެޅުމުގެ މަޝްރޫއު ހިންގަން 2024 ވަނަ އަހަރު ޗައިނާގެ ޑޮންފަން ކުންފުންޏާ ހަވާލުކުރި ނަމަވެސް، އެ މަޝްރޫއު ކުރިއަށް ނުގެންދާތީ އެ އެއްބަސްވުން ބާތިލުކުރީ އެވެ. 
The most trusted news source in the Maldives
އަންނަ މަހު ހަތަރެއްގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް ޕީއެންސީގެ "ދަ ގްރޭޓާ އައްޑޫ" ކެމްޕެއިން އިފްތިތާހުކުރުމަށް ހެންވޭރު އާޓިފިޝަލް ބީޗުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ޔަގީންކަން ދެއްވި ގޮތުގައި، އެ މަޝްރޫއުގެ ސަބަބުން ކުރިއަށް އޮތް 20 އަހަރަށް އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުވާނެ އެވެ. 
އެ މަޝްރޫއުއަކީ 31 މިލިއަން ޑޮލަރުގެ މަޝްރޫއުއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ