ހެރެތެރެ ކަރަންޓީނުން ފިލި މީހުންގެ ތެރެއިން 3 މީހަކު ހޯދާ ފުލުހުންގެ ބެލުމުގެ ދަށަށް!

އައްޑޫގައި ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ، ހެރެތެރެ އައިލޭންޑް ރިސޯޓުން ފިލި މީހުންގެ ތެރެއިން ތިން މީހަކު ހޯދާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ކަރަންޓީނުގައި ތިބި ފަސް މީހަކު ފިލި މައްސަލައެއް ފެންމަތިވީ މިރޭގެ ވަގުތެއްގައެވެ. އެ މައްސަލައާއި ގުޅިގެން މީޑިއާތަކަށް މައުލޫމާތު ދެއްވެމުން ފުލުހުންގެ ތަރުޖަމާނު، ޗީފް އިންސްޕެކްޓާރ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވިދާޅުވީ ތިން މީހަކު ހޯދިފައިވާއިރު އަނެއް ދެ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ކުރިޔަށް ގެންދާ ކަމަށެވެ.
ކަރަންޓީނުން ފިލި މީހުން ކަމަށް ބުނެ، ލިސްޓެއް ވެސް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު އިޒްމިއާ ވިދާޅުވީ ފުލުހުން އެއްވެސް މީހެއްގެ ވަނަވަރު ހާމަކޮށްފައި ނުވާނެ ކަމަށެވެ. އަދި ލިސްޓުގައި ހިމެނޭ އެކަކު އެއީ، ފިލި މީހުންގެ ތެރޭގައި ހިމެނޭ މީހެއް ނޫން ކަމަށް ވެސް އިޒްމިއާ ވިދާޅުވިއެވެ.
މިއީ މިފަދަ ގޮތަކަށް ކަރަންޓީނު ފެސިލީޓީއަކުން ބަޔަކު ފިލި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ބައެއް ރިސޯޓްތައް ބަން ދުކޮށްފައި ވަނިކޮށް ރިސޯޓްތަކުން ފޭބުމުގެ ސަބަބުން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހާފައި ވެއެވެ.
ކަރަންޓީނަށް ދިޔުމަށް ދެކޮޅު ހަދައިގެންނާއި، އަދި ސާމްޕަލްތައް ދޭން ދެކޮޅު ހެދުމުން އެ މީހުންގެ މައްޗަށް ކޯޓު އަމުރުތައް ނެރެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ