ނޫސްވެރިކަމުގެ މިނިވަންކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު މަސައްކަތް ކުރަން ތައްޔާރަށް ހުންނެވި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޔާމީން މިހެން ވިދާޅުވެފައިމިވަނީ މިއީ އިދިކޮޅު ލީޑަރުން ކަމަށްވާ ނަޝީދާއި، ސޯލިހު އަދި ޔާމީން އެކުގައި ނިކުމެވަޑައިގެން ގައުމު ސަލާމަތް ކުރަންވީ ވަގުތު ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ގޮވާލުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން ޔާމީން ވަނީ ނޫސްވެރިކަމުގެ މިނިވަންކަން އިއާދަކުރުމަށް، ކުރީގެ ރައީސުން ކަމަށްވާ ނަޝީދާއި އަދި ސޯލިހާއެކު މަސައްކަތް ކުރެެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފަ އެވެ.
ޔާމީން މިހެން ވިދާޅުވިއިރު، ނޫސްވެރިން ހައްޔަރުކުރުމާ ދެކޮޅަށް ކުރާ އިހުތިޖާޖުގައި މިރޭ ބައިވެރިވެވަޑައިގަތުމަށް ނަޝީދު ވަނީ ނިންމަވާފަ އެވެ.
"އަދަދު" ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާން އާއި ލީވާން އަލީ ނަސީރު، ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ނިންމައި ޖަލުގައި ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ހުކުމްކޮށްފި އެވެ.
ޝަހުޒާން ޖަލަށްލާން ހުކުމްކުރީ 15 ދުވަހަށެވެ. އަދި ލީވާނަށް ދިނީ 10 ދުވަހުގެ ޖަލު ހުކުމެކެވެ.
ޝަހުޒާން ބަންދުގައި ބަހައްޓަން އަމުރުކުރީ "އަދަދު" ނޫހުން ނެރުނު ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ދެއްކުން ކޯޓުން މަނާކޮށް އަމުރެއް ނެރެފައި ވަނިކޮޮށް، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ސުވާލުކުރުމުންނެވެ.
ލީވާން ބަންދުކުރަން އަމުރުކުރީ "އަދަދު" ނޫހުން ގެނެސްދިން ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ހިލާފަށް ޚަބަރަށް ލިޔުނު ކަމަށް ބުނާ މައްސަލައިގަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ތުހުމަތުތަކެއް ކޮށް "އަދަދު" ނޫހުން އާންމުކުރި "އައިޝާ" ޑޮކިއުމެންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް އާއްމުނުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. މި އަމުރަކީ އާންމުންނަށް ނެރެފައިވާ އަމުރެކެވެ.
ނަޝީދާއި ސޯލިހާ އެކު މަސައްކަތް ކުރަން ތައްޔާރު: ޔާމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ