ވިލާ ކޮލެޖަށް ކިއުއެސްގެ 5 ތަރި ރޭޓިން ލިބިއްޖެ

ދުނިޔޭގެ ފެންވަރުގައި ޔުނިވަސިޓީތަކާއި ކޮލެޖުތަކުގެ ފެންވަރު ވަޒަންކުރާ އެންމެ މަޝްހޫރު އެއް އިދާރާ ކަމުގައިވާ ކުއަކުއަރެލީ ސައިމަންޑްސް (ކިއުއެސް)ގެ 'ކިއުއެސް ސްޓާސް' ރޭޓިން ނިޒާމުގެ ދަށުން ވިލާ ކޮލެޖަށް 5 ތަރީގެ ރޭޓިންއެއް ލިބިއްޖެ އެވެ.
ވީ ކިހިނެއް؟ - މިއީ ކިއުއެސް ސްޓާސް އިން ވިލާ ކޮލެޖު ވަޒަންކުރި ދެވަނަ ފަހަރު ކަމަށްވާއިރު، ދެ އަހަރުގެ ކުރު މުއްދަތެއްގެ ތެރޭގައި 4 ތަރިން 5 ތަރިއަށް ކޮލެޖުގެ ރޭޓިން ކުރިއަރައިގެން ދިއުމަކީ ހާސިލުކުރެވުނު ވަރަށް ބޮޑު ކާމިޔާބީ އެކެވެ.
މި ރޭޓިން ރަސްމީކޮށް އިއުލާންކޮށްފައިވަނީ އިއްޔެ ހެނދުނު ވިލާ ކޮލެޖުގައި ބޭއްވި ވީސީ ބްރެކްފާސްޓް ނެޓްވޯކިން ހަރަކާތުގަ އެވެ.
މި ރަސްމިއްޔާތުގައި:
ކިއުއެސް ސްޓާސްގެ ނަތީޖާ އިއުލާންކޮށްދެއްވައި ރެކޮގްނިޝަން ސެޓްފިކެޓް ވިލާ ކޮލެޖާ ހާވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު، ކިއުއެސް އިންޑިއާގެ ޗެއާ އަދި ވައިސް ޕްރެޒިޑެންޓް އޮފް ސްޓްރެޓީޖިކް އެންޑް އިންޓަނޭޝަނަލް އެންގޭޖްމަންޓް ޑރ. އަޝްވިން ފެނާންޑޭޒް
ވިލާ ކޮލެޖުގެ ފަރާތުން މި ސެޓްފިކެޓާ ހަވާލުވެވަޑައިގަތީ ކޮލެޖުގެ ރެކްޓަރު ޑރ. އަހްމަދު އަންވަރާއި ވައިސް ރެކްޓަރު، އެސޯސިއޭޓް ޕްރޮފެސަރު ޑރ. އަލީ ނަޖީބު
ތަފްސީލް - ކިއުއެސް ސްޓާސްގެ މެތަޑޮލޮޖީގެ ދަށުން ކުރި އޮޑިޓަށް ފަހު، ވަޒަންކުރި 9 ދާއިރާގެ ތެރެއިން މައިގަނޑު 6 ދާއިރާއަކުން ވިލާ ކޮލެޖަށް ވަނީ އެންމެ މަތީ ދަރަޖަ ކަމަށްވާ 5 ތަރި ލިބިފަ އެވެ. އެ ދާއިރާތަކަކީ:
ކިޔަވައިދިނުމުގެ ފެންވަރު
ދަރިވަރުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުން
އޮންލައިންކޮށް ކިޔަވައިދިނުން
ބައިނަލްއަގްވާމީ ގުޅުންތައް
ހަރުދަނާ ހިންގުން
ތިމާވެއްޓަށް ކުރާ އަސަރު
މީގެ އިތުރުން، އެކަޑަމިކް ޑިވެލޮޕްމަންޓާއި ޑައިވަސިޓީ، އެކުއިޓީ އަދި އިންކްލޫޝަންގެ އިތުރުން، ވިލާ ކޮލެޖުގެ މާސްޓަ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ޕްރޮގްރާމަށް ވަނީ 4 ތަރި ލިބިފަ އެވެ. 
ބުނީ ކީކޭ؟ - އިއްޔެގެ ހަރަކާތުގައި ވިލާ ކޮލެޖުގެ ވައިސް ރެކްޓަރު ޑރ. އަލީ ނަޖީބު ވަނީ ކިއުއެސް ސްޓާސް އިން ލިބުނު ކާމިޔާބީއަށް އަލިއަޅުއްވާލައްވާފަ އެވެ.
"ދުނިޔޭގެ އެންމެ އިތުބާރުހުރި އެއް އިދާރާ ކަމަށްވާ ކިއުއެސް އިން 5 ތަރީގެ އެންމެ މަތީ ރޭޓިންއެއް ލިބުމަކީ، ވިލާ ކޮލެޖުން ފޯރުކޮށްދޭ ތައުލީމުގެ ފެންވަރާއި މުއައްސަސާގެ ހިންގުން ބައިނަލްއަގްވާމީ މިންގަނޑުތަކުން ބަލައިގަތްކަމުގެ އަލިގަދަ ހެއްކެއް. މިއީ އަޅުގަނޑުމެންގެ 'ޖާނީ އޮފް އިމްޕެކްޓް'ގައި ހާސިލުކުރެވުނު ވަރަށް ތާރީހީ ކާމިޔާބީއެއް އަދި މުޅި ރާއްޖޭގެ މަތީ ތައުލީމީ ދާއިރާއަށް ވެސް ލިބުނު ވަރަށް ބޮޑު ފަހުރެއް،" އޭނާ ވިދާޅުވި އެވެ.
ނަޖީބު ވަނީ ވިލާ ކޮލެޖުގެ އާ އިސްނެގުމެއް ކަމަށްވާ އެލަމްނައި މެންޓަރިން އިނިޝިއޭޓިވް ވަރަށް އަވަހަށް ތައާރަފުކުރައްވާނެކަން އިއުލާންކުރައްވާފަ އެވެ.
އިންޑަސްޓްރީގެ ތަޖުރިބާކާރުންނާއި ފަންނީ ބޭފުޅުންނާ ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ، ދަސްވެނިވާ ދަރިވަރުންނަށް ހަމައެކަނި ފަންނީ މައުލޫމާތުގެ ބަދަލުގައި، ވަޒީފާގެ އަމަލީ މާހައުލުގައި ބޭނުންހިފޭނެ ލީޑަޝިޕް ހުނަރާއި މުހިންމު ސޮފްޓް ސްކިލްސް ދަސްކޮށްދީ މެންޓާ ކުރުމެވެ. ނަޖީބު ފާހަގަކުރެއްވި ގޮތުގައި، މިއީ ގައުމީ ތަރައްގީއަށް ބޭނުންވާ ގާބިލު ޖީލެއް ބިނާކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ