މުޅިރާއްޖެއަށް މޫސުން ގޯސްވާނެތީ، މޫސުމަށް ސަމާލުވުމަށް، މޫސުމާއިބެހޭ ޤައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފިއެވެ. މި ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. އަދި ހުޅަނގު އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މޫސުމާ ބެހޭ އިދާރާއިން ވިދާޅުވެއެވެ. ރާއްޖޭގެ ކަނޑުތައްވެސް ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިން ހުންނާނީ 6 ފޫޓާއި 9 ފޫޓާ ދެމެދު ކަމަށްވެސް އެއިދާރާއިން ވިދާޅުވެއެވެ.
މީގެ އިތުރުން ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްރަށް އުދައަރާފާނެކަމަށް ލަފާކުރެވޭތީ އެކަމަށް ސަމާލުވެ، ރައްކާތެރިވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިންވަނީ އިލްތިމާސްކުރައްވާފައެވެ.
މިދުވަސްވަރަކީ މޫސުން ގޯސްވެ ކަނޑުގަދަ ދުވަސްވަރަކަށް ވުމާއެކު، މޫސުމަށް ސަމާލުކަން ދިނުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިލްތިމާސްކުރައްވައެވެ. މިގޮތުން މޫސުން ގޯސްވުމުގެ ސަބަބުން މުދަލާއި ގެދޮރަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅު އެޅުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިންވެސްވަނީ އިލްތިމާސްކުރައްވާފައެވެ.
ޚާއްސަގޮތެއްގައި ކަނޑު ދަތުރުކުރާ ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމާއި، ސަލާމަތީ ވަސީލަތްތައް ހަމަކުރުމާއި އަދި މާބޮޑަށް މޫސުން ގޯސްނަމަ ކަނޑު ދަތުރަށް ނުނިކުތުމަށް ކަމާބެހޭ ފަރާތްތަކުން އެދިވަޑައިގަންނަވައެވެ. އަދި ވިލާގަނޑުގައި އާދަޔާ ޚިލާފައި ވައިގަދަވާތީ، އޭގެ ސަބަބުން ލިބޭ ގެއްލުން ވީހާވެސް ކުޑަވާނެގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ދަނީ އިރުޝާދު ދެއްވަމުންނެވެ.
މުޅި ރާއްޖެއަށް މޫސުން ގޯސް، 55 މޭލަށް ވައިގަދަވާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ