އިސްރާއީލުން ރަފާހް އަށް އަރަން އުޅޭ އުޅުން ދިވެހި ސަރުކާރުން ކުށްވެރި ކޮށްފި

ޣައްޒާގެ ދެކުނުގެ ރަފާހް އަށް އެއްގަމު މަގުން އަރައި ހަނގުރާމަ ކުރަން އިސްރާއީލުން ދެމުންދާ އިންޒާރުތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފިއެވެ.
އިސްރާއީލުން ރަފާހް އަަށް އަރަން އުޅޭ އުޅުން ކުށްވެރިކޮށް ދިވެހި ސަރުކާރުން ނެެރެފައިވާ ބަޔާނުގައި ވަނީ ރަފާހް އަކީ ޣައްޒާގައި އިސްރާއީލު ސިފައިން ދެމުންދާ ހަމަލާތަކުގެ ސަބަބުން ގެދޮރު ގެއްލި މަގުމަތިވެފައިވާ ފަލަސްތީނުގެ އެތައް މިލިއަން ރައްޔިތުންނަށް ކިރިޔާވެސް ރައްކާތެެރިކަމެއް އޮތް އެންމެ ފަހު ތަން ކަމުގައި ސިފަ ކޮށްފައެވެ.
ފަލަސްތީނުގެ ކުށެއް ނެތް އާންމު ރައްޔިތުންނާއި ދެކޮޅަށް ދެމުންދާ ލާއިންސާނީ ހަމަލާތަކާއި، މަޖުބޫރުން އެމީހުން މަގުމަތި ކުރުމާއި، ޣައްޒާއަށް އިންސާނީ އެހީ ވެއްދުމަށް އިސްރާއީލުގެ ބާރުތަކުން ހުރަސް އެޅުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ގަވާއިދު ތަކާއި ހިލާފު ކަންކަން ކަމަށާއި، އެއީ ހަނގުރާމައިގެ ޖަރީމާތައް ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފައެވެ.
އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ގަތުލުއާންމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުން ހުއްޓުވުމަށާއި، ޖެނުއަރީ 26 ވަނަ ދުވަހު ދުނިޔޭގެ ކޯޓުން އިސްރާއީލުގެ މައްޗަށް ކުރި ހުކުމްގައި ބަޔާން ކޮށްފައިވާ ކަންތައްތަކަށް ބޯލަނބަން އިސްރާއީލަށް ޕްރެޝަރު ކުރުމަށް ފިޔަވަޅު ތަކެއް އެޅުމަށް ސަރުކާރުން ވަނީ ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލާފައެވެ.
ސަރުކާރުގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ ފަލަސްތީނާއި އެކުގައި ކަމަށެވެ.
އަދި 1967 ގެ ކުރީގެ ބޯޑަރު ތަކުގެ މައްޗަށް، އިރުމަތީ ގުދުސް ވެރިކަން ކުރާ ރަށުގެ ގޮތުގައި ފަލަސްތީނުގެ މިނިވަން މުސްތަގިއްލު ދައުލަތެއް ގާއިމު ކުރުމުގެ ފަލަސްތީނު ރައްޔިތުންގެ ގާނޫނީ ހައްގަށް ދިވެހި ސަރުކާރުން ތާއީދު ކުރާކަން ވަނީ ފާހަގަ ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ