މޫސުން ގޯސްވެފައިވާތީ، ފްލައިޓް ގަޑިތަކަށް އައިސްދާނެ ބަދަލަކަށް، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެދިއްޖެ

މޫސުން ގޯސްވެ ފްލައިޓް ގަޑިތަކަށް އައިސްދާނެ ބަދަލަކަށް، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލްއިން އެދިއްޖެއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައާއި ބޭ އޮފް ބެންގޯލްގައި މިހާރު އުފެދިފައިވާ ކޮޅިގަނޑުގެ ސަބަބުން މޫސުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.
ޚާއްސަކޮށް މެދުރާއްޖެ ތެރެއަށް ވައިގެ ބާރުމިން ގަދަވެ، ކަނޑުތައްވެސް ގަދަވެފައިވާއިރު، މިއަދު ހެނދުނުން ފެށިގެން ޅ އަތޮޅުން ފެށިގެން ވ އަތޮޅަށް އޮރެންޖް ސަމާލު ވަނީ ނެރެފައެވެ.
Advertisement
އެގޮތުން، މެޓް އޮފީހުން މިއަދު ހަވީރު 4:00 އާ ހަމައަށް ދަންމާލި ސަމާލުގައިވާގޮތުން ވިލާގަނޑުގައި 60 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވެއެވެ. 
އެއާއެކު އެމްއޭސީއެލްއިން މިއަދު އެކްގައި ކުރި ޕޯސްޓެއްގައި ބުނީ، މޫސުން މާބޮޑަށް ގޯސްވެއްޖެނަމަ، ފްލައިޓް ދަތުރުތަކަށް ބުރޫ އަރާފާނެ ޙާލަތެއް މެދުވެރިވުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ.
އެގޮތުން ފްލައިޓެއް ޑިލޭވެ ނުވަތަ ކެންސަލްވެދާނެ ޙާލަތަކަށް ބަލާ ދަތުރުކުރާ ފަރާތްތަކުން އެއަރޕޯޓަށް ދިއުމުގެ ކުރިން، ގަޑިތަކަށް އެއްވެސް ބަދަލެއް އައިސްފައިވޭތޯ ބެލުމަށް އެކުންފުނިން ވަނީ އެދިފައެވެ.
އަދި މޫސުން ގޯސްވެ ގަޑިއަށް އެއަރޕޯޓާ ހަމައަށް ނާދެވިދާނެ ޙާލަތަކަށްބަލާ، ވަގުތު އޮއްވާ ކުރިއާލާ ޗެކިން ގަޑިއަށް ދިއުމަށްވެސް އެދިފައިވެއެވެ.  މީގެއިތުރުން ފެރީގައި އެއަރޕޯޓަށް ދަތުރުކުރާ މީހުންވެސް މޫސުންމަށް ސަމާލުވުމަށް އެމްއޭސީއެލްއިން އެދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ