އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ނުނިމެނީސް ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ އެޖެންޑާ ނުކުރަން އެދިއްޖެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ ކުރިއަށްނުގެންދެވޭތީ އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ގޮތެއް ނުނިމެނީސް މަޖިލީހުގެ ޖަލްސާތަކަށް އެ މައްސަލަ ތާވަލުނުކުރަން "ދަ ޑިމޮކްރެޓްސް"ގެ ފަރާތުން މަޖިލީހުގެ އިދާރާގައި އެދިއްޖެއެވެ.
އެމްޑީޕީން ހުށަހެޅި މައްސަލައަކީ މަޖިލީހުގެ ޤަވާއިދު މާނަކުރުމުގައި މަޖިލީހުގެ އިދާރާއާއި އެމްޑީޕީއާ ދެމެދުގައި އުފެދިފައިވާ ޚުޞޫމަތަކާ ގުޅިގެން ހުށަހަޅާފައިވާ މައްސަލައެކެވެ. އެ މައްސަލަ އެމްޑީޕީން ހުށަހެޅީ މަޖިލީހުގެ ނައިބުރައީސް އާލާސްކަންފުޅާ އުޅުއްވާތީ އެ ޕާޓީން ހުށަހަޅާފައިވާ ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ ކުރިއަށްނުގެންދެވި މަޑުޖެހުމާ ގުޅިގެންނެވެ.
އެ މައްސަލައިގެ އަޑުއެހުމެއް އަންނަ ހޯމަދުވަހަށް ސުޕްރީމް ކޯޓުން ތާވަލުކޮށްފައިވާއިރު، އެ މައްސަލައަށް ތަދައްޚުލުވުމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނާއި ދަ ޑިމޮކްރެޓުންވަނީ ނިންމާފައެވެ.
އިއްޔެ ދަ ޑިމޮކްރެޓްސްގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަލީ އާޒިމް މަޖިލީހުގެ އަމީން އާންމަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ މަޖިލީހުގެ ރައީސް ވަކިކުރުމުގައި އަމަލުކުރާ އުސޫލުތަކަށް ބަދަލެއް ގެނައުމަށް އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާމެދު ކޯޓުން ގޮތެއް ނުނިމެނީސް އެ މައްސަލަ މަޖިލީހުގައި އެޖެންޑާކުރުމަކީ، މަޖިލީހުގައި މިހާތަނަށް އަމަލުކޮށްފައިވާ އުސޫލުތަކާއި ޑިމޮކްރެޓިކް ޤައުމުތަކުގައި ކަންކުރާ ހަމަތަކަށް ބަލާއިރު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
އަދި ސުޕްރީމް ކޯޓުގައި އޮތް މައްސަލައާމެދު އެ ކޯޓުން ގޮތެއް ނުނިންމަނީސް އެ މައްސަލައާމެދު މަޖިލީހުގައި ބަހުސްކޮށް، ގޮތެއް ނިންމުމަކީ ސުޕްރީމް ކޯޓުގައި އޮތް މައްސަލައަށް ނުފޫޒު ފޯރާނެ ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
ރައީސް ނަޝީދު މަޤާމުން ވަކިކުރުމުގެ މައްސަލައާމެދު މަޖިލީހުގައި ބަހުސްކޮށް ގޮތެއް ނިންމައިފިނަމަ ސުޕްރީމް ކޯޓުގައި އޮތް މައްސަލައަށް އަސަރުކުރާނެކަމަށް ދެކެވަޑައިގަންނަވާތީ އެ މައްސަލަ ސުޕްރީމް ކޯޓުން ނިމެންދެން މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ ޤަރާރު އެޖެންޑާނުކުރެވޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ