ޕީޕީއެމް ހިންގަން ޔާމީން ނެންގެވި ކަމަށް ބުނާ ކޮމިޓީއާ އެކު ބޮޑު ދެބަސްވުމަކަށް

ރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ނޫސްވެރިންނަށް ދައުވަތު ލިބުނީ ކުއްލިއަކަށެވެ. އެ މެސުޖުގައި ދައުވަތު ދީފައި އޮތީ ޕީޕީއެމް އިން ބާއްްވާ ވަރަށް ހާއްސަ ނޫސްވެރިންގެ ބައްދަލުވުމަކަށެވެ. ރޭ 10 ޖެހިއިރު ބޭއްވި އެ ނޫސްވެރިންގެ ބައްދަލުވުމުގެ މައުލޫމާތު، އެފަދަ މައުލޫމާތު އާންމުކޮށް އާންމުކުރާ ޕީޕީއެމްގެ އޮފިޝަލް ވަޓްސްއެޕް ގުރޫޕަކަށް ނުލަ އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އާންމުކޮށް ފެންނަ އެ ޕާޓީގެ ލީޑަޝިޕް ބޭފުޅުންނެއް ވެސް ރޭގެ އެ ނޫސްވެރިންގެ ބައްދަލުވުމަކު ނެތެވެ. މި ބައްދަލުވުން ލީޑު ކުރައްވަމުން ދިޔައީ ކުރީގެ މިނިސްޓަރު މަލީހު ޖަމާލާއި ކަސްޓަމްސްގެ ކުރީގެ ކޮމިޝަނަރު އައްބާސް އާދިލް ރިޒާ އެވެ.
މި ބައްދަލުވުމުން ކުއްލިއަކަށް އައްބާސް ފެނުނުއިރު، އޭނާ އަކީ ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުގައި ހުޅުޖަހަން ގޮވާލި މައްސަލާގައި ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ހޯދަން އިއުލާންކޮށްގެން ވެސް މިހާތަނަށް ކޯޓަށް ހާޒިރުކުރެވިފައި ނުވާތީ، އަޑުއެހުންތައް ނުފެށި އޮތް ޓެރެރަރިޒަމްގެ ދައުވާ ލިބޭ މީހެކެވެ.
އެ ނޫސްވެރިންގެ ބައްދަލުވުން މަލީހު ފެއްޓެވީ ޕީޕީއެމް އާއި އެ ޕާޓީއާ އެކު މިހާތަނަށް ހިންގަމުން އައި، މިހާރު ވެރިކަން ކުރާ ޕީއެންސީގެ ބަދަހިކަމާއި ގުޅުން ދެމިއޮތުމުގެ މުހިންމުކަމުގެ ވާހަކައިންނެވެ. އެއަށް ފަހު ދެން ވިދާޅުވީ، ޕީޕީއެމްގެ އާންމު މެމްބަރުންނާއި "ވާހަކަދެކެވޭނެ ގޮތްތައް ހީނަރުވެފައިވާތީ،" ޕާޓީ ބާރަށް ހިނގައިގަތުމަށް 12 މެމްބަރުންގެ ސްޓިއަރިން ކޮމިޓީއެއް އެ ޕާޓީގެ ރައީސް އަބްދުﷲ ޔާމީން އުފައްދަވާފައިވާ ކަމަށެވެ.
އެ ކޮމިޓީގެ ބައެއް މެމްބަރުން އެ ތަނުން ވެސް ފެންނަން ތިބިކަން ފާހަގަކުރައްވައި އެ ކޮމިޓީގައި ހިމެނޭ ބޭފުޅުންގެ ނަންތައް މަލީހު ވިދާޅުވެދެއްވި އެވެ. އަދި ކުރީގެ ރައީސް ޔާމީން މިނިވަންވެގެން ވަޑައިގަންނަވަންދެން އެ ކޮމިޓީގެ ފަރާތުން ވަގުތީ ގޮތުން އެ ޕާޓީ ހިންގަވުން ގެންދެވުމަށް ޔާމީން އަންގަވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ކޮމިޓީގައި ތިއްބަވާ ބޭފުޅުން ކަމަށް މަލީހު ވިދާޅުވީ:
މަލީހު
އައްބާސް
ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު
ޑރ. އަބްދުﷲ އިބްރާހިމް
މަޖިލީހުގެ ކުރީގެ އަމީން އާންމު އަހުމަދު މުހައްމަދު
ކުރީގެ މަޖިލިސް މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ)
ފާރޫގު މުހައްމަދު
މުއާޒު އަލީ
އައްސަދު ޝަރީފް
އަހްމަދު ސިއްދީގު
ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދު
އަލީ އާދަމް
ޕީޕީއެމްގެ ކަންކަމުގައި ގުޅައި މައުލޫމާތު ސާފުކުރުމަށް އެ ކޮމިޓީގައި ތިއްބަވާ 12 މެމްބަރުން ފޯކަލް ޕޮއިންޓުތަކެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށާއި އެ މެމްބަރުންނަށް ގުޅޭނެ ނަންބަރުތައް ވަރަށް އަވަހަށް ހިއްސާކުރާނެ ކަމަށް ވެސް މަލީހު ވިދާޅުވި އެވެ. 
"ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން މިވަނީ އެ މަނިކުފާނަށް ޕާޓީގެ އަސާސީ ގަވާއިދުގެ ދަށުން ލިބިވަޑައިގަންނަވާ އިހުތިޔާރުތަކުގެ ދަށުން ވަގުތީ ގޮތުން ސްޓިއަރިން ކޮމިޓީއެއް އެކުލަވާލައްވާފައި. އެ ސްޓިއަރިން ކޮމިޓީގެ މަސައްކަތްތަކުގެ ތެރެއިން ނަގައިގަނެވުނު މެމްބަރުންތަކެއް މިހާރު މިތާ މި ތިބީ،" އައްބާސް ވިދާޅުވި އެވެ.
އައްބާސް މިހެން ވިދާޅުވިޔަސް އޭނާ އަކީ ޕާޓީގެ ސްޓިއަރިން ކޮމިޓީގައި ވެސް އަދި ޕާޓީގެ އެއްވެސް ހައިސިޔަތެއް އޮތް ބޭފުޅެއް ނޫންކަން އެ ޕާޓީގެ އިސް ބޭފުޅަކު 'ދައުރު'އަށް ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.
ޕީޕީއެމްގެ އޮފިޝަލް މީޑިއާ ގުރޫޕުގައި ނޫސްވެރިންގެ ބައްދަލުވުންތައް އޮންނަކަން އާންމުކޮށް އިއުލާން ކުރާއިރު، ރޭގެ ނޫސްވެރިންގެ ބައްދަލުވުން އިއުލާންކޮށްފައި ނެތުމާއި ޕާޓީގެ ސެކްރެޓަރީ ޖެނަރަލް އަދި ޕާޓީގެ ލީޑަޝިޕުން ފެންނަ ބޭފުޅުންނާ ވެސް ނުލާ އެ ނޫސްވެރިންގެ ބައްދަލުވުން ބޭއްވި ހައިސިއްޔަތާ ގުޅޭ ގޮތުން ނޫސްވެރިން ސުވާލު އުފެއްދި އެވެ.
އެ ނޫސްވެރިންގެ ބައްދަލުވުން ލީޑުކުރައްވަމުންދިޔަ ދެ ބޭފުޅުންގެ ތެރެއިން އައްބާސް އެ ސުވާލަށް ޖަވާބުދެއްވަމުން ވިދާޅުވީ، އެއީ ޕީޕީއެމް-ޕީއެންސީގެ ފަރާތުން ބާއްވާ ބައްދަލުވުމެއް ކަމަށާއި ސަރުކާރުގައި ވެސް ތިއްބެވީ އެ ޕާޓީގެ މެމްބަރުން ކަމަށެވެ.
ނަމަވެސް، މިވަގުތު ޕާޓީގެ ހިންގުން ވަގުތީ ކޮމިޓީއަކާ ހަވާލުކުރެއްވީ ޔާމީން ކަމަށާއި ޔާމީން އެކަން ކުރެއްވީ ޕީޕީއެމް-ޕީއެންސީގެ ލީޑަރުގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ކަމަށެވެ.
ޔާމީން، ޕީޕީއެމްގެ ހިންގުން އެ ކޮމިޓީއާ ވަގުތީ ގޮތުން ހަވާލުކުރެއްވި ކަމަށް ބުނާ ސަބަބު އިތުރަށް ސާފުކޮށްދެއްވަމުން އައްބާސް ވިދާޅުވީ:
ޕީޕީއެމްގެ އެސްޖީގެ މަގާމުގައި ހުންނެވި މުހައްމަދު ތޮލާލު ދުވަހުން ދުވަހަށް ކުރަން ޖެހޭ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރައްވަން އުޒުރުވެރިވެވަޑައިގަންނަވާކަން ޔާމީންއަށް އަންގަވާފައިވާތީ
ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު އެ މަގާމުން އިސްތިއުފާ ދެއްވާފައިވާތީ
އައްބާސް މިގޮތަށް ވިދާޅުވި ނަމަވެސް، ތޮލާލު އާއި ހީނާ ވަނީ މި ވާހަކަތައް ދޮގުކުރައްވާފަ އެވެ. ތޮލާލު އެސްޖީގެ ޒިންމާތައް އަދާކުރައްވަން އުޒުރުވެރިވެވަޑައިނުގަންނަވާ ކަމަށާއި އެ ނޫސްވެރިންގެ ބައްދަލުވުމަކީ ޕީޕީއެމް-ޕީއެންސީގެ ލީޑަޝިޕަށް އެނގިގެން ބޭއްވި ބައްދަލުވުމެއް ނޫން ކަމަށް ތޮލާލު ވިދާޅުވާ ކަމަށް އެ ބައްދަލުވުމުގައި ނޫސްވެރިއަކު ވިދާޅުވުމުން، އައްބާސް ރައްދުގައި ވިދާޅުވީ އެކަން ނިންމަވާނީ ޔާމީން ކަމަށެވެ.
"ތިއީ ވެދާނެ އެ ބޭފުޅާގެ އަމިއްލަފުޅު ނިންމެވުމެއް ކަމަށް. އެއީ އެ ބޭފުޅާއަކަށް ނޫން އެއްވެސް މީހަކު އިސްތިއުފާ ދޭން ފޮނުވަން ޖެހެނީ. އެހެން ވިދާޅުވި ބޭފުޅާ [ތޮލާލު] އިސްތިއުފާ ދޭން ވެސް އަދި އެ ވާހަކަ ކޮމިއުނިކޭޓު ކުރައްވާނީ ވެސް ޕާޓީގެ ރައީސްއާ އެހެންވެ،" އައްބާސް ވިދާޅުވި އެވެ.
ނަމަވެސް، މި ނޫސްވެރިންގެ ބައްދަލުވުމަށް ފަހު، ހީނާ މަގާމުން އިސްތިއުފާ ދެއްވީތޯ ސުވާލުކުރުމުން ހީނާ ވެސް ވަނީ އެ ވާހަކަ ދޮގު ކުރައްވާފަ އެވެ. 
ޔާމީންއަށް އިއްވާފައިވާ ޖަލު ހުކުމާ އެކު، އެ މަނިކުފާނަކީ މިވަގުތު ޕާޓީގެ ރަސްމީ ހައިސިއްޔަތެއް އޮތް ބޭފުޅެއް ނޫނެވެ. އެހެންކަމުން، ޕާޓީ ހިންގުމާ ބެހޭ ގޮތުން ޔާމީންގެ ލަފާ ހޯއްދެވި ނަމަވެސް، ޕީޕީއެމްގެ ލީޑަޝިޕުގައި މިވަގުތު ތިއްބެވީ އެ ޕާޓީގެ ދެ ނައިބު ރައީސުން ކަމަށްވާ، މި ސަރުކާރުގެ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް އާއި މި ސަރުކާރުގެ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން އެވެ. ޔާމީންގެ މީގެ ކުރިން ޕީޕީއެމް-ޕީއެންސީ ހިންގުން ހަވާލުކުރައްވާފައި ވަނީ، މިހާރު ރައީސް މުހައްމަދު މުއިއްޒުގެ އެންމެ އަރިސް ބޭފުޅާ ކަމަށްވާ، ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲއާ އެވެ.
 'ދައުރު'އަށް އެނގިފައިވާ ގޮތުގައި، ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ބާއްވާފައިވަނީ، އެ ޕާޓީގެ ލީޑަޝިޕަށް ނޭނގި، ލީޑާޝިޕުގެ ބަހެއް ނެތި އެވެ. އަދި ސެނެޓް މެމްބަރުންނަކީ އެކަން އެގޮތަށް ކުރެއްވޭނެ ބައެއް ނޫނެވެ.
މި ސަރުކާރުގެ ސްޕޯޓްސް ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރައްވާފައިވާތީ، ތޮލާލު މިވަގުތު ހުންނެވީ އެސްޖީގެ މަގާމުން އިސްތިއުފާ ދެއްވައިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ