ދައުލަތުގެ އިދާރާތަކުން ރަސްމީ ލިޔެކިޔުންތައް ބަދަލުކުރުމުގެ ނިޒާމެއް ތައާރަފްކުރަނީ

ޖެމްސްގެ އައު ވާޝަން ތަޢާރަފްކުރުމާއި، ލިޔެކިޔުންތައް ބަދަލުކުރުމުގެ އުޞޫލުތަކަށް ބަދަލުގެނައުމާއި ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރައްވައިފިއެވެ.
މިކަމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއިން ހުށައެޅި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގެ މެމްބަރުން ކުރެއްވި މަޝްވަރާގައި ވަނީ، ޖެމްސް މެދުވެރިކޮށް ރަސްމީ ލިޔެކިޔުންތައް ބަދަލުކުރުމުގައި މިހާރުގެ ޓެކްނޮލޮޖީއާ އެއްހަމައިގައި ކުރިޔަށް ގެންދިޔުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ. އެގޮތުން، ޖެމްސްގެ އައު ވަރޝަން ހަތަރު ފިޔަވައްސަކަށް ބައްސަވާލައްވައިގެން ލޯންޗު ކުރުމަށްވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމާފައެވެ.
އަލަށް ތަޢާރަފްކުރެވޭ ޖެމްސްގެ އައުވަރޝަން ފަރުމާކޮށްފައި ވަނީ، ޖެމްސް މެދުވެރިކޮށް ރަސްމީ މުއާމަލާތްތައް ކުރުމަށްޓަކައި، ލިޔެކިޔުން ތައްޔާރުކުރުމަށް، އެހެން ސޮފްޓްވެއާއެއް ބޭނުން ކުރަން ނުޖެހޭގޮތަށް، ޓެމްޕްލޭޓްތައް ހިމަނައި، ޖެމްސްއިން ސިޓީ ބިޓީ ޑްރާފްޓްކޮށް، އެފަދަ ސިޓީ ބިޓީތައް ޕްރިންޓް ނުކޮށް އިލެކްޓްރޯނިކް ސޮޔާއެކު ފޮނުވޭ ގޮތަށެވެ. މީގެ އިތުރުން ޖެމްސް ވަރކް ސްޕޭސް ލޯންޗު ކުރުމުގެ ހަތަރުވަނަ ފިޔަވަހި ނިމޭއިރު، ވިޔަފާރިތަކާއި ޖަމިއްޔާތަކާއި އަމިއްލަ ފަރާތްތަކަށްވެސް ޖެމްސްގެ ތެރެއިން ސަރުކާރުގެ އިދާރާތަަކަށް ސިޓީބިޓި ފޮނުވައި މުއާމަލާތްކުރެވޭނެއެވެ.
މިހާރު ބޭނުން ކުރަމުންދާ، ގަވަރމެންޓް އީ-ލެޓަރ މެނޭޖްމެންޓް ސިސްޓަމް (ޖެމްސް)އަކީ، 2010 ވަނަ އަހަރު ބޭނުން ކުރަންފެށުނު ސިސްޓަމެކެވެ. އަދި އޭރު ޖެމްސް ޑިވެލޮޕްކުރުމަށް ބޭނުންކޮށްފައިވާ ފްރޭމްވޯކާއި، ޓެކްނޮލޮޖީ އައުޓްޑޭޓްވެފައި ވުމުގެ ސަބަބުން، ޖެމްސް މެނޭޖްކޮށް ސަޕޯޓްދިނުމަށް ވަރަށް ބޮޑަށް ދަތިވެފައިވާކަން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއިން ފާހަގަކުރައްވާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ