ތިލަފުށީ ފަޅުތެރޭގައި ހުރި އުޅަނދުތަކާއި މެދު ޢަމަލުކުރާނެގޮތުގެ އުޞޫލެއް

ތިލަފުށީ ފަޅުތެރޭގައި ހުރި އުޅަނދުތަކާއި މެދު އަމަލުކުރާނެގޮތުގެ އުޞޫލެއް ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީއިން ނެރެފިއެވެ.
ސިނާއީ ދާއިރާގައި މިހާރު ހުރި މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ތިލަފުށި މާސްޓަރޕްލޭނާއި އެއްގޮތަށް ތިލަފުއްޓާއި ގުޅީފަޅުގެ ބިން ހިއްކައި އެ ސަރަޙައްދު އަންނަނީ ތަރައްޤީކުރަމުންނެވެ.
އެޗް.ޑީ.ސީއިން ވިދާޅުވީ، މި މަސައްކަތް ކުރަމުންދާއިރު، މިކަމުގައި ދިމާވާދަތިތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައިގެގޮތުގައި އެޗް.ޑީ.ސީއިން ފާހަގަކޮށްފައިވަނީ އެ ސަރަޙައްދުގެ ފަޅު ތެރެއަށް ގިނަ ޢަދަދެއްގެ އުޅަނދުތަކެއް ދޫކޮށްލާފައިވުމެވެ.
މިކަމުގެ ސަބަބުން މާސްޓަރ ޕްލޭނާ އެއްގޮތަށް ތަރައްޤީގެ މަސައްކަތް ކުރިއަށްގެންދިއުމަށް ހުރަސް އެޅޭކަމަށް އެޗް.ޑީ.ސީއިން ވިދާޅުވެއެވެ. އަދި އެ ސަރަޙައްދުގެ ތިމާވެއްޓަށްވެސް މިކަމުގެ ސަބަބުން އެތައް ގެއްލުމެއް ލިބެމުންދާކަން އެ ކޯރޕަރޭޝަނުން ފާހަކޮށްފައިވެއެވެ. މިކަން ޙައްލުކުރުމަށް އެޗް.ޑީ.ސީއިން މިހާރު ވާނީ އުޞޫލެއް އެކުލަވާލައި ގެޒެޓުކޮށްފައެވެ.
އެޗް.ޑީ.ސީއިން އާންމުކޮށްފައިވާ އުޞޫލުގައި އެ ސަރަޙައްދުގައިވާ އުޅަނދަކީ ދޫކޮށްލާފައިވާ އުޅަނދެއްތޯ ކަނޑައެޅުމަށް ބަލާނެ ކަންތައްތަކެއް ވަނީ ބަޔާންކޮށްފައެވެ.
އޭގެ ތެރޭގައި އެ އެއްޗެއް އޮތް ތަނާއި، އޭގެ ސަބަބުން އެ ސަރަޙައްދު ބޭނުންކުރާ ފަރާތްތަކަށް ވާ އުނދަގޫ އަދި ތިމާވެއްޓަށް ލިބޭ ގެއްލުމަށްވެސް ބެލޭނެއެވެ. މި ނޫން ވެސް އެއީ ދޫކޮށްލާފައިވާ އެއްޗެއްތޯ ބަލާ ޔަޤީންކުރާނެ ގޮތްތައް މި އުޞޫލުގައި ބަޔާންކޮށްފައިވެއެވެ.
މިގޮތަށް ދޫކޮށްލާފައިވާ އުޅަނދުތަކުގެ ތެރެއިން އޭގެ ސަބަބުން ނުރައްކާތެރި ހާދިސާއެއް ހިނގާފާނެ ނުވަތަ ތިމާވެއްޓަށް ނޭދެވޭ އަސަރެއް ކުރާ އެއްޗެއްނަމަ އެޗް.ޑީ.ސީއނިް އެ އުޅަނދު ވަގުތުން ނަގައި އެހެން ސަރަޙައްދަކަށް ގެންދާނެއެވެ.
އެ ސަރަޙައްދުގައި އޮތް އުޅަނދަކީ ދޫކޮށްލާފައިވާ އެއްޗަކަށް ވީނަމަވެސް އެ އުޅަނދު އެތަނުގައި ބާއްވަން ވަކި މުއްދަތެއް އެޗް.ޑީ.ސީއިން ދޭނެއެވެ.
އެގޮތުން އޭގެ ވެރިފަރާތް ޔަޤީންވާނަމަ އެ އެއްޗެއްގެ ޙާލަތުގެ ގޮތުން 7 ދުވަހާއި 30 ދުވަހު މުއްދަތެއް ދިނުމަށް އުޞޫލުގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް އެ އުޅަނދަކީ އޭގެ ވެރިފަރާތް ނޭނގޭ އެއްޗެއްނަމަ ހޯދަން މަސައްކަތްކުރުމާއި، ވެރިޔަކު ނެތް ތަކެއްޗާއި މެދު ޢަމަލުކުރުމަށް އެޗް.ޑީ.ސީއަށް ބާރުލިބިފައިވާ ގޮތްވެސް މި އުޞޫލުގައި ތަފްސީލްކޮށްދީފައިވެއެވެ.
މިގޮތަށް ދޫކޮށްލާފައިވާ އުޅަނދުތަކުގެ ސަބަބުން މިހާރުވެސް ތިމާވެއްޓަށް ބޮޑެތި ނޭދެވޭ އަސަރުކުރަމުން އަންނައިރު، އުޅަނދުތައް ހުރިގޮތުގެ ސަބަބުން އެތަކެއްޗަށް ވެސް އެކިވަރުގެ ގެއްލުން ވުމުގެ ފުރުޞަތު އެބައޮތްކަމަށް އެޗް.ޑީ.ސީއިން ވިދާޅުވެއެވެ. އަދި އެފަދަ ގެއްލުންތަކަކަށް އެ ކޯޕަރޭޝަނުން ޒިންމާނުވާނެކަމަށްވެސް އެޗް.ޑީ.ސީއިން ވިދާޅުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ