ގިނަ އަދަދެއްގެ ކުޑަކުދިންނާ އެކު 'ހިޔާ ކުޑަކުދިންގެ ހަވީރު' ބާއްވައިފި

ހިޔާ ފްލެޓުގައި ދިރިއުޅޭ ކުޑަކުދިންނަށް ޚާއްސަކޮށްގެން، ބައިނަލްއަޤްވާމީ ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން "ހިޔާ ކުޑަކުދިންގެ ހަވީރު" މިއަދު ބާއްވައިފިއެވެ. ހިޔާ ޕާކުގައި އޮތް މި އިވެންޓު ކުރިއަށް ގޮސްފައިވަނީ ހަވީރު 4:00ކުން ފެށިގެން އިރުއޮއްސި 6:00 ޖަހަންދެންނެވެ. މިއީ ހިޔާގައި މީހުން ދިރިއުޅެން ފެށި ފަހުން ކޮންމެ އަހަރަކު ވެސް ކުޑަކުދިންގެ ދުވަހު މޯލްޑިވްސް ނޭޝަނަލް ހައުސިން އެސޯސިއޭޝަންގެ ފަރާތުން ބާއްވާ ކުޑަކުދިންގެ ހަވީރެކެވެ. "ހިޔާ ކުޑަކުދިންގެ ހަވީރު 1444" -- ފޮޓޯ/ އާބަންކޯ މި ހަވީރުގައި ސްޓޭޖް އިވެންޓުތަކާއި ތަފާތު ކުޅިވަރުގެ އެކި ހަރަކާތްތައް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން 10 އަކަށް ވުރެ ގިނަ ކުޅިވަރު ސްޓޯލްގައި ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި ތަފާތު އެކި ކާޓޫން ކެރެކްޓާތަކާ އެކު ފޮޓޯ ނެގުމާއި ރޭސް ކާރު ތަކާ އެކު ފޮޓޯ ނަގާލުން ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ކުޑަކުދިންގެ ހަވީރުގައި ކުޑަކުދިންގެ މެދުގައި މަގުބޫލުކަން ހޯދައިފައިވާ ރޮބޯމޭން ވަނީ ބައިވެރިވެ ޕާފޯމްކޮށްފައެވެ. "ހިޔާ ކުޑަކުދިންގެ ހަވީރު 1444" -- ފޮޓޯ/ އާބަންކޯ މީގެ އިތުރުން މި ހަރަކާތުގައި ބައިވެރިވި ކޮންމެ ކުޑަކުއްޖަކަށް ހަދިޔާއެއް ވަނީ ލިބިގެން ގޮސްފައެވެ. މި ކުޑަކުދިންގެ ހަވީރުގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ ކުޑަކުދިންނާ އެކުދިންގެ އާއިލާތަކުންވަނީ އިވެންޓުގައި ބައިވެރިވެފައެވެ. އެ ޖަމިއްޔާގެ ރައީސް އަހްމަދު އުބައިދު މީގެ ކުރިން ވިދާޅުވީ ހިޔާގައި އެ ކުދިން ކުޅޭނެ މާހައުލެއް ނެތް ކަމަށާއި އެހެންވެ ބޭނުންވަނީ އެ ތަނުގައި އުޅޭ ކުދިންނަށް އުފާވެރި ވަގުތުކޮޅެއް ހޯދައިދޭން ކަމަށެވެ. މި އިވެންޓުގެ މައިގަނޑު މަގުސަދަކީ ވެސް އެއީ ކަމަށް އޭނާ ވިދާޅުވިއެވެ. މި އިވެންޓުގެ މީޑިއާ ޕާޓްނަރަކީ އެސްއެސް ނެޓެވެ. އަދި މި އިވެންޓު އެސްއެސްޓީވީއިން ވަނީ ލައިވްކޮށް ގެނެސްދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ